އަންނަ ތަރައްގީއާ ފައި ހަމަވާނެ ދާއިރާތަކުން މަތީ ތައުލީމު ވަނީ ފަހިކޮށްދެވިފައި: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް އަންނަ ތަރައްގީއާ ފައި ހަމަވާނެ ދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިއަދު ފެށި، މަތީ ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ހެޔޮ އެދުންތައް ފޮނުވާ މިނިސްޓަރު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދެވޭ ފުރުސަތު އިތުރުކޮށް، ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގު މިއަދު ތައުލީމީ ނިޒާމުގެ ތެރެއިން ފަހިކޮށްދެވިފައިވާ ކަމަށެވެ.

އެގޮތުން ފަހިކޮށްދެވުނު ފުރުސަތުތަކުގެ ބޭނުން ހިފައިގެން ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ވެސް މަތީ ތައުލީމު ހާސިލް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މަތީ ސާނަވީ މަރުހަލާ ނިންމުމަށްފަހު، ލިބެން ހުރި ފުރުސަތުގެ ބޭނުން ހިފައި، އާއިލާއަށާއި ގައުމަށް ހިދުމަތްކުރާ އުފެއްދުންތެރި، ފަހުރުވެރި ދިވެހި ދަރިއަކަށްވުމަށް، ތިޔަ ހުރިހާ ދަރިވަރުންނަށް ވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ." މިިނިސްޓަރު އާއިޝަތުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އިން ބުނާގޮތުގައި، މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މިފަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރު މަހުގެ ކެމްބުރިޖު އޭލެވެލް އަދި ރާއްޖޭގެ ގައުމީ އިމްތިހާން، އެޗްއެސްސީ އިމްތިހާނުގައި 85 ސެންޓަރަކުން 3700 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.

comment ކޮމެންޓް