ޕީޕީއެމް އިން އައިޕީޔޫގެ އިސްބޭފުޅުންނާ ބައްދަލުކޮށްފި

ޕީޕީއެމުން އައިޕީޔޫގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން ---

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ އިސްބޭފުުޅުން އިންޓަ ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ވަނީ، އައިޕީޔޫގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ.

އެގޮތުން އައިޕީޔޫގެ ރައީސާއި ސެކްރެޓަރީ ޖެނެރަލާ ބައްދަލު ކުރައްވައި، ޕީޕީއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ނިހާންގެ އިތުރުން ބައިވެރިވެ ވަޑައިގެންނެވީ، މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލެވެ.

އޭގެ އިތުރުން ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ހާލާ ހަމީދުވެސް ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕީޕީއެމްގެ އިސްބޭފުޅުން އދ. ގެ ހައި ކޮމިޝަނާ އާ ބައްދަލުކުރެއްވުމުގެ ތެރެއިން ---

ސްވިޒަލޭންޑްގެ ޖެނީވާއަށް ކުރައްވާ ދަތުރުފުޅުގައި، ޕީޕީއެމް އިން ވަނީ، އދ.ގެ ހައި ކޮމިޝަނާ ޒައިދު ރައާދު އަލް ހުސެއިންއާ ވެސް ބައްދަލު ކުރައްވާފަ އެވެ. ނިހާން ވިދާޅުވީ، އެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

އޭގެ އިތުރުން ސްވިޒަލޭންޑްގެ ފަރާތުން އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރާ ވެސް ޕީޕީއެމުން ވަނީ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ ހާލަތު ޕީޕީއެމުން ބައްދަލުކުރި ޖަމާއަތްތަކަށް ކިޔައިދީީފައިވާއިރު، އެ ބައްދަލުވުންތަކަކީ ކާމިޔާބު ބައްދަލުވުންތަކެއް ކަމުގައި ނިހާން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް