ހަމައެކަނި އެމެރިކާއަށް ބަރޯސާވެގެން ކަންކަން ނުކުރެވޭނެކަން ކަށަވަރު ވުމުން ސައޫދީންގެ މިސްރާބު ރަޝިޔާއަށް

ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމެއް ގަތުމަށް ސައޫދީން ހުށަހަޅާފައިވާކަން ރަޝިޔާ އިން އިއްޔެވަނީ ހާމަކޮށްފަ އެވެ.

ކްރެމްލިންގެ ތަރްޖަމާނަކު ވިދާޅުވީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވްލަޑިމިޔާ ޕޫޓިން އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އެސް 400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމެއް ގަތުމަށް ސައޫދީ ސަރުކާރު ބޭނުންވާކަން ހާމަކުރެއްވި ކަމުގަ އެވެ. މިއީ ގާތްގަނޑަކަށް ދިހަ ބިލިޔަން ޑޮލަރުގެ އަގުހުރި ނިޒާމެކެވެ.

ތުރުކީ ވެސް ދާދިފަހުން ވަނީ މިބާވަތުގެ މިސައިލް އައްޑަނައިގެ ނިޒާމެއް ގަތުމަށް ނިންމައި އޭގެ ފުރަތަމަ ޕޭމަންޓް ވެސް އަދާކޮށްފަ އެވެ. އީރާނުން ވަނީ އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމެއް މީގެ އަހަރެއްހާ ދުވަސްކުރިން ގަނެ އެނިޒާމުގެ ބައިތައް އެގައުމުގައި އިންސްޓޯލްކޮށް ރުކުރުވާލާފަ އެވެ. އަދި އީރާނުން މިހާރުވަނީ އެގައުމުގެ އަމިއްލަ ޓެކްނޮލޮޖީގައި އެސް 300 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ފަދަ ދިފާއީ ނިޒާމެއް ތައްޔާރުކޮށް ތަޖްރިބާވެސް ކޮށްފަ އެވެ.

ސައޫދީ އަކީ ވަރަށް ފަހަކާ ޖެހެންދެން ރަޝިޔާއާ ވަރަށް ބީރަށްޓެހި ގައުމެކެވެ. އަދި ސައޫދީ އަކީ މިހާތަނަށް ބައިނަލްއަގްވާމީ މަސްރަހުގައި ހަތިޔާރު ގަތުމަށާއި ދިފާއީ ކަންކަމަށް ހަމައެކަނި އެމެރިކާއަށް ބަރޯސާވަމުން ދިޔަ ގައުމެކެވެ. ނަމަވެސް ފާއިތުވި ދޮޅު އަހަރު ތެރޭގައި ސައޫދީންވަނީ ރަޝިޔާއާ ގުޅުންތައް ބަދަހި ކުރަން ފަށައިފަ އެވެ. އަދި މިއީ ސައޫދީ ރަސްކަލަކު ރަސްމީ ޒިޔާރަތެއްގައި އަދި ރަޝިޔާއާއި ސައޫދީ އާ ދެމެދު ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމް ކުރުމުގެ މަގްސަދުގައި ރަޝިޔާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިދަތުރުފުޅުގައި ސަލްމާން ރަސްގެފާނުގެ އަރިހުގައި ސައޫދީގެ ގާތްގަނޑަކަށް ދޮޅު ހާހެއްހާ ބޭފުޅުންގެ ބޮޑު ވަފްދެއް ރަޝިޔާއަށް ޒިޔާރަތް ކުރެއްވި އެވެ. ސައޫދީ ވަފްދުގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ސައޫދީ ކެބިނެޓްގެ ގިނަ އަދަދެއްގެ ވަޒީރުންނާއި އެކި ދާއިރާތަކުގެ ފަންނީ ތަޖްރިބާކާރުންގެ އިތުރުން ސައޫދީ ޕަބްލިކް ކުންފުނިތަކުގެ އިސްވެރިންނާއި އަމިއްލަ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.

ސައޫދީ ވަފްދުގެ ބޭފުޅުންގެ އަދަދު ގިނަކަމުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ރިޔާސީ ގަނޑުވަރު "ކްރެމްލިން" ހުންނަ ސަރަހައްދުގައި ވާ ސެވަން ސްޓާ އާއި ފައިވް ސްޓާ ހޮޓާތަށް އެއްކޮށްވަނީ ފުރިފަ އެވެ. އަދި މިވަރުން ނުފުދިގެން ކްރެމްލިން އާ ދުރު ހިސާބުތަކުގައިވާ އެފެންވަރުގެ ހޮޓޯތަކުގައި ވެސް ސައޫދީ މަސްއޫލުވެރިން ތިއްބަވަން ޖެހިވަޑައިގެންފައިވެ އެވެ.

ސަލްމާން ރަސްގެފާނުގެ ދަތުރުފުޅުގެ އެއްހަފްތާ ކުރިން މޮސްކޯގެ ބޮޑެތި އަދި ލަގްޒަރީ ހޮޓާތަށް ވަނީ ސައޫދީ ސަރުކާރުން ބުކިން ހަދައި އެހޮޓާތައް އެއްކޮށް ހިފާފައެވެ. ރަސްގެފާނާއި އަރިހުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކާބޯތަކެތި ކޮންމެ ދުވަހަކު ސައޫދީން މޮސްކޯއަށް ގެނައުމަށްޓަކައި ސައޫދީ އާއި ރަޝިޔާއާ ދެމެދު ސައޫދީ އެއާލައިންގެ ދެބޯޓު ދެބުރަށް ދަތުރުކުރެ އެވެ. މީގެއިތުރުން ރަސްގެފާނު ހުންނަވާ ސެވެންސްޓާ ހޮޓަލުގެ ފަރުނީޗަރާއި ދޮރުފޮތި ފަދަ ތަކެއްޗަކީ ވެސް އެދަތުރުފުޅަށް ޚާއްސަކޮށްގެން ސައޫދީން ގެނަސްފައިވާ ތަކެއްޗެވެ.

އިއްޔެ ވަނީ ސަލްމާން ރަސްގެފާނާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންގެ ކްރެމްލިންގައި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވާފަ އެވެ. މިމަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ސައޫދީ އާއި ރަޝިޔާއާ ދެމެދު އަސްކަރީ ގުޅުންތައް ސްޓްރެޓީޖިކް ފެންވަރަށް ބަދަހި ކުރުމާބެހޭ ގޮތުންކަމަށް ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯފް ވިދާޅުވި އެވެ. މިގޮތުން ރަޝިޔާގައި އުފައްދާ ޒަމާނީ ހަތިޔާރުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ސައޫދީން ގަތުމާއި އޭގެތެރެއިން ބައެއް ހަތިޔާރު އަނޑަރލައިންސަންސްގެ ދަށުން ސައޫދީގައި އުފެއްދުމަށް ބޭނުންވާ ކާރުޚާނާތައް ރަޝިޔާގެ ކުންފުނިތަކުން ސައޫދީގައި ބިނާކުރުމާ ބެހޭގޮތުން ވެސް ސަލްމާން ރަސްގެފާނު، ރަޝިޔާގެ ރައީސް ޕޫޓިން އާ މަޝްވަރާ ކުރެއްވި ކަމަށް ކްރެމްލިންގެ ތަރްޖަމާން ވިދާޅުވި އެވެ.

މީގެއިތުރުން ނިއުކްލިޔާ ހަކަތައިގެ ދާއިރާއަށް ސައޫދީން ވަނުމަށްޓަކައި ރަޝިޔާ އިން ސައޫދީގައި ނިއުކްލިޔާ ދެ ރިއެކްޓަރު ބިނާކޮށްދީ ނިއުކްލިޔަރ ސައެންސާއި ނިއުކްލިޔަރ އިންޖިނިއަރިންގެ ދާއިރާގައި ސައޫދީގެ އެތަށް ބަޔަކު ތަމްރީން ކޮށްދިނުމުގެ ކޮންޓްރަކްޓަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ނިއުކްލިޔާ ރިއެކްޓަރަކީ ވެސް މަދުވެގެން ދިހަވަރަކަށް ބިލިޔަން ޑޮލަރުގެ އަގުހުރި އެއްޗެކެވެ.

ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާ ވަމުންދިޔަ ސައޫދީން އެމެރިކާގެ އިތުރުން ރަޝިޔާއާ ދިމާއަށް މިސްރާބު ޖެހުމަކީ ހަމައެކަނި އެމެރިކާއަށް ބަރޯސާވެގެން ސައޫދީއަށް ބޭނުންވާ ކަންކަން ހާސިލް ނުކުރެވޭނެކަން ސައޫދީން ގަބޫލުކުރުން ކަމަށް މުހައްލިލުން ދެކެ އެވެ. ޚާއްސަކޮށް މެދުއިރުމަތީގައި ރަޝިޔާގެ ބާރުގަދަވެގެން ދިޔުމާއި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެގެންދިޔުމާއެކު ސޫރިޔާއާއި ޔަމަންގެ ހަނގުރާމަ ސައޫދީން ބޭނުންވިގޮތަށް ނުދިޔުމާއި ގަތަރާ ދެކޮޅަށް އެޅި ހިސާރުގެ ފިޔަވަޅުތައް ކާމިޔާބު ނުވުމާއި އީރާނުގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި އިންތިހާއަށް މައްޗަށް ދިޔުމަކީވެސް ސައޫދީން ރަޝިޔާއާ ދިމާއަށް މިސްރާބު ޖަހަންޖެހުނު މައިގަނޑު ސަބަބު ކަމަށްވަނީ ބެލެވިފަ އެވެ. ސޫރިޔާގެ ހަނގުރާމައިގާ އެމެރިކާ ވަނީ ރަޝިޔާގެ އަސްކަރީ ބާރުގެ ކުރިމަތީގައި ގޮތްދޫކުރަންޖެހިފަ އެވެ.

ޕޫޓިންގެ ޒައާމަތުގައި ރަޝިޔާ ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައާއި ދުނިޔޭގެ ޖިޔޮ ޕޮލިޓިކްސްގެ ދާއިރާގައި އެގައުމުގެ ބާރު ވަރަށް ވަރުގަދައަށް އެމެރިކާއަށް ދައްކާލާފަ އެވެ. އެމެރިކާ ދެކޮޅު ހަދަހަދާ އޮއްވައި ޔުކްރޭންގެ ކްރައިމިޔާ ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމާއި ސޫރިޔާއާ ދެކޮޅަށް އެމެރިކާ ފާސްކުރަން އުޅުނު ހުރިހާ ގަރާރުތަކެއް ސަލާމަތީ މަޖިލީހުގައި ވީޓޯކޮށް އެމެރިކާއަށް ވުރެ މާބާރުގަދަ ގޮތެއްގައި ސޫރިޔާއަށް ވަދެ ރަޝިޔާ ބޭނުންވި ގޮތަށް ސޫރިޔާގެ ހަނގުރާމަ ނިންމާލަމުން ދިޔުމަކީ ރަޝިޔާގެ ބާރާއި ނުފޫޒާމެދު ވިސްނަން ސައޫދީ އަށް މަޖްބޫރު ވެގެންދިޔަކަމެކެވެ. މީގެއިތުރުން މެދުއިރުމަތީގެ އެންމެ ބޮޑު ދެބާރުކަމަށްވާ އީރާނާއި ތުރުކީއާ ގުޅިގެން ރަޝިޔާ އުފައްދާފައިވާ އެލަޔަންސްގެ ބާރުވެސްވަނީ ވަރަށް ގަދަވެފަ އެވެ.

އަނެއްކޮޅުން އެމެރިކާގެ ޑޮލަރުގެ ބާރު ކަނޑުވާލުމަށްޓަކައި ރަޝިޔާއާއި ޗައިނާ ގުޅިގެން ވަނީ އެމެރިކާ ޑޮލަރުގެ ނިޒާމުގެ ބޭރުން ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ނިޒާމެއް ވެސް ގާއިމް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިނިޒާމުގެ ދަށުން ރަޝިޔާގެ ރޫބެލް އާއި ޗައިނާގެ ޔުވާން މެދުވެރިކޮށް މިހާރު ވެސް ބްރިކްސްގެ ގައުމުތަކާއި ގަލްފުގެ ބައެއް ގައުމުތައް ގެންދަނީ ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކެއް ހިންގަމުންނެވެ. ސައޫދީ ވެސް ޗައިނާއާ އެކު ކުރާ ވިޔަފަރީގެ މުއާމަލާތްތަކުގައި މިހާރު ޑޮލަރުގެ ބަދަލުގައި މިހާރު ޔުވާން ބޭނުންކުރެއެވެ. މި ނިޒާމުގެ ސަބަބުން އެމެރިކާ އީރާން ފަދަ ގައުމުތަކާ ދެކޮޅަށް ބޭންކިންގެ ދާއިރާގައި އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރުދަނީ ކުޑަވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް