އެކުވެރި ގުޅުންތަކުން ބަނދެވިފައިވާ، ޖޯރު ހުރި ޓީމެއް!

އަހަރުމެން ގޮވައިގެން "އުދުހިގަތީ" ވަރުގަދަ ސަވާރީއެކެވެ. "ސަންސެޓް 20" ނައްޓާލީ ސަންސެޓަށް އެނބުރި އާދެވޭނެ ކަމުގެ އުންމީދުގަ އެވެ. ސަރާސަރު ކަނޑުގައި އަހަރުމެން ގޮވައިގެން "ފުމެމުން" ދިޔައިރު، މަންޑޭއަށް ކުރި ފުރައްސާރަ އިނގޭނީ މަށަށެވެ. ފަތިހުގެ ތެތް ފިނީގައި ނައްޓާ ނުލެވި، ލޯންޗު ބުރަކި ޖެހުނީ މަންޑޭގެ ތަތްކަމުންނެވެ. އޭނާ އަރުވައިގެން މޯހިރު ދަމާލެވުނުއިރު، އިރުމަތީ ފަރާތުން ދުވަހުގެ ރާޖާ ދައްކާލަނީ އެވެ. ބޮޑު އޮރެންޖެންހެން ރަތް ކުރަމުން ދިޔައީ ހުކުރު ދުވަހުގެ އިރެވެ. އެ ކުލަތަކާ އެކު އެއް ނަމްބަރު ފާލަމުން ދަތުރު ފެށީމެވެ.

މި ތައްޔާރު ވަނީ އަންނަ އަހަރަށެވެ. ވާދަވެރި އިންތިހާބަށެވެ. ނެގި ރާޅުތަކާއި ކެނޑިހާ ފޮނިތަކާ އެކު ދެކޮޅަށް ދަމައި ވާން ކުރަމުންދާ ރިޔާސީ އިންތިހާބަށެވެ. ހުސްވި ކަމަށް ބުނާ ގޮނޑިތަކުގެ ފަހު ތަޅާލުންގަނޑަށެވެ.

މި ދަތުރަކީ މި ސަން މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށުގައިވާ މީޑިއަމްތަކުގެ މުވައްޒަފުންގެ އެކުވެރިކަން އާލާކޮށް ގުޅުންތެރިކަން ވަރުގަދަކޮށް މުވައްޒަފުން މޯޓިވޭޓް ކޮށްލުމަށް ކުރާ ދަތުރެކެވެ.

ލައްކަ ދުވަހުގެ އިންތިޒާރެކެވެ. ދަތުރުގެ ތަންމަތި ތައްޔާރު ކުރާ ކޮންމެ ފަހަރަކު އެއްޗެއް ގޮވައި، ރެނދެއް ލައިފާނެ އެވެ. ތޭރިތަކުގެ ފުރަގަހަށް ވާދަވެރިޔަކު ކޮއްޕާލަފާނެ އެވެ. ހަންޖަރަކުން ޖަހައި، ޒުވާނެއްގެ ފުރާނަ ދުއްވައިލަފާނެ އެވެ. މި ހުރިހާ ކަމެއް މި ހިނގަނީ އަހަރުމެންގެ ކުރިމަތީގަ އެވެ. ނޫސްވެރިން ހިންދެމިލައި ބުރަކަށި ދަމާލަން ވަގުތެއް ނުލިބެ އެވެ. ކޮންމެ ފަހަރަކުމެ ސީއީއޯ ވިދާޅުވާނީ މި ވަގުތަކީ ދަތުރުދާން އެންމެ ހެޔޮ ވަގުތު ނޫން ކަމަށެވެ. އަހަރުމެން ޖެހެނީ އަނެއްކާވެސް އިންތިޒާރުގައި ތިބޭށެވެ.

އެކަމަކު ވެސް، ހެވޭ ކިޔައި، ދޭތެރެއެއް ހާވައިލައިގެން މި ފަހަރު މިދަތުރު ފެށީ އެވެ.

ސަން މީޑީއާގެ ތާރީހީ ދަތުރުގެ ބައިވެރިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވާދޫ ކަނޑު ހުރަސްކޮށް، "ފުމެމުން" ދިޔައީ މާލޭގެ އަޑިގުޑަންތަކުން މޯޓަރުތައް ދުންޖަހާފައި ދާހެނެވެ. ރާޅުތައް ކަފަމުން ދިޔައިރު، އަހަރުމެންގެ ޖަޒްލާން އިނީ ގޮހޮރު ގުޑާފަ އެވެ. އައިޝު އާއި މިންނުއާ އެކު އަންހެންވެރީން ތިބީ އަރާމު ގޮނޑިތަކުގައި ރޫ ގުޅައެއްހެނެވެ. ބޮޑިވެގެން ތިބެ، ރޫރޫލަމުންދެ އެވެ. އަހަރެމެންގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހިރިގާ މުޅި ދަތުރުގައި ވެސް ތިބީ ކޮންމެވެސް ބަހުސެއްގަ އެވެ. އެކުރި ބަހުސެއް އެނގިވަޑައިގަންނަވާނީ އެދެބޭފުޅުންނަށެވެ.

ދަތުރުގެ ބައިވެރީން "ޑްރީމް އައިލެންޑް" އަށް ދިޔުމުގެ ދަތުރުމަތީގައި --- ސަން ފޮޓޯ/ އަލީ ސާމިން

36 މީހުންނާ އެކު ބީއްސާލީ އޮޅުވެލީ ތުނޑިއަށް

ގަޑިއެއްހާއިރަށް ފަހު 36 މީހުންނާ އެކު ލޯންޗު ބީއްސައިލީ އޮޅުވެލި ބީޗު އެންޑް ސްޕާ ރިސޯޓުގެ އިރު އުތުރު ފަރާތު ތުނޑިއަށެވެ. ދަތުރުގެ މަންޒިލް ގުޅިފައި އޮތީ އެ ރަށާ އެއް ފަޅެއްގައި އޮތް، ރަށަކަށެވެ. ސަން ސިޔާމް ގްރޫޕުން ފެން މައްޗަށް ތިލަ ކޮށްފައިވާ "ޑްރީމް އައިލެންޑަ"ށެވެ. އެ ރަށަކީ ފުލިދޫ ކަނޑުން ނަގާ ބިޔަ ރާޅުތަކުގެ ހުދު ފޮނުގަނޑުގެ ބޮކިތައް ބީއްސައިލާ ރަށެވެ. އެ ރަށުގެ ގަސްކަރައިން އެންމެ ފުރަތަމަ ވެސް ފެނުނީ ދިގު ރުއްތަކެވެ. އެއީ ތަރުތީބުން އަތުރާލާފައިވާ ދިގު ރުށްތަކެވެ. ވައިރޯޅިއާ އެކު ރުއްތަކުގެ ފަންތައް ނަށަމުންދިޔަ މަންޒަރު ފިސާރި ރީއްޗެވެ.

އޮޅުވެލި ރިސޯޓާ އެއްފަޅެއްގައި އޮންނަ ޑްރީމް އައިލެންޑުގެ ގޮނޑޮދޮށުގައި ސަންގެ މުވައްޒަފުން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފުން ވިލު ހުރަސްކޮށް، ކުޑަކުޑަ ޑިންގީއެއްގައި "ޓަކަޓަކަ" ކިޔާފައި އެ ރަށަށް ތިން ބުރު އަޅަންޖެހުނެވެ. އެ ރަށް އޮތީ އަހަރުންނަށް ހިތަކަށް ދީފަ އެވެ. މި ޓީމުގެ 36 މީހުންނަށް ހާއްސަކޮށްފަ އެވެ.

ފުރަތަމަ ބުރުގައި އޮޅުވެލިން ނައްޓާލި ގްރޫޕުގައި ހިމެނުނު މުވައްޒަފުން ޑްރީމް އައިލެންޑަށް ފޭބި އެވެ. ޑިންގީގެ ކޮޅު ރަށުގެ ދޮންވެލިގަނޑާ ކައިރިކޮށްލުމުން، ފެނުގައި ލޮނުގަނޑުގައި ނުޖެހި، ގޮނޑުދޮށަށް ފުންމާލެވޭނެ އެވެ. ފަރިތަކަމާ އެކު އެންމެން ފައިބަމުންދަނިކޮށް، ދެރައީ އާލިމާއަށް ވީ ގޮތެވެ. ގުޅަވަރަކަށް ވެލިގަނޑުތެރެއަށް ޖެހުނު ގޮތެވެ. ރަށަށް ފުންމާލި ގޮތުން ރާޅުބާނީތައް ޖަހަމުންދިޔަ ދިމާއަށް ވެއްޓުނު ގޮތެވެ. ވެލި ފޮޅާލާފައި ތެދުވެ، މީހަކު ދިން ލަގާއެކޭ ވެސް ކިޔެތެވެ. އެކަމުގައި މީހަކު ކުރާނެ ކަމެއް ނެތެވެ.

މިއީ ތެލެސީމިއާ ދެ ކުދިން: ވަރުގަދަ ދެ ފަހުލަވާނުން

ހިތްވަދު ގަދަ، ދެ ޒުވާނުން ކަމުގައިވާ ޝާމިން (ކ) އާއި އާލިމާ: ތެލެސީމިއާ ކުދިންނަށް ވިޔަސް، އެ ކުރާ ހިތްވަރަކުން އެކަމެއް ނުފެންނާނެ --- ސަން ފޮޓޯ/ މުހައްމަދު އަރްފާހު

އާލިމާގެ ވާހަކަ ދައްކައިލުން ރަނގަޅެެވެ. އޭނާއަކީ ސަންޓީވީގެ ޕްރެޒެންޓަރެކެވެ. އުމުރުން 22 އަހަރުގެ ފިސާރި އަންހެނެކެވެ. މަސައްކަތުގައި ފަރުވާ ބަހައްޓާ މުވައްޒަފެކެވެ. ސަން މީޑިއާގެ އާލަމުގައި އާލިމާގެ ވިދުން ގަދަ އެވެ. ދަތުރުގެ އެންމެ ހާޑްވޯކިންގް ދެ ސްޓާފުން ހޮވި އިރު އޭގެން އެއް އެވޯޑް ލިބުނީ އާލިމާ އެވެ.

އަދި ވެސް ވާހަކައެއް ބުނެލާނަމެވެ. އޭނާގެ އުޅުމަކުން، އަދި ގުޅުމަކުން އެއީ ތެލިސީމިއާ ކުއްޖެއްކަމެއް ނޭނގޭނެ އެވެ. އެކަމަކު އާލިމާއަކީ ތެލެސީމިއާ ކުއްޖެކެވެ. އެންމެންގެ ލޯބި އާލިމާއަށް ބަނޑުން ވަނީ އެ ހާލަތުގައި ވެސް އެ ދައްކާ ހިތްވަރަށެވެ.

ދެން އޮތީ އަހަރުމެންގެ ޝާމިންގެ ވާހަކަ އެވެ. އޭނާއަކީ ޖޯރު ހުރި ފަހުލަވާނެ އެވެ. ދަތުރުގެ ކޮންމެ މަންޒަރެއް، އޭނާގެ ލެންސަށް އަރާނެ އެވެ.

ޗީފް ކެމެރާމަން ޝާމިން މޫދަށް ލަނީ: އޭނާއަކީ ހިތްވަރުގަދަ ފަހުލަވާނެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވެރިކަން ބަދަލުކޮށްލި މުޒާހަރާތަކުގައި މީހުންނާ އެކު ފިތިބާރުވެ، ޝީލްޑުތަކުން ޖެހި އަނިޔާވި އިރު ވެސް އޭނާ ދުލެއް ނުދިނެވެ. "ލައިވްޔޫ" [ލައިވްކުރާ ސިސްޓަމް] ކޮޑަށް ލައިގެން ދަނިކޮށް، ގުރޫޕަކުން އޭނާއަށް އަނިޔާކޮށް، ހަމަލާދިން އިރު ވެސް ދުލެއް ނުދިނެވެ. ކުރީ ހިތްވަރެވެ.

ޝާމިނަކީ ވެސް ތެލެސީމިއާ ކުއްޖެކެވެ. މީޑީއާގެ ހަޔާތުގައި ހަތް އަހަރު އޭނާ އެ ގުނަނީ، ވަގުތު ޖެހުމުން ލޭ ވެސް އަޅަމުން ވަޒީފާގެ މަސްއޫލިއްޔަތު ވެސް އަދާކުރަމުންނެވެ. ހަޔާތުގެ ކޮންމެ ވަގުތެއް ވެސް އެ ގުނަނީ ޖޯރު ހުރިކަން ދައްކަމުންނެވެ. "އަހަރުމެންގެ މޭން"އަކީ ޝާމިންއޭ ބުނަނީ އެހެންވެގެންނެވެ. އޭނާއަކީ ސަންގެ ޓީވީގެ ޗީފް ކެމެރާމަނެވެ.

"ނާއްޕެ، ދެން ވެސް ޖިންސީ ފުރައްސާރަ ނުކުރާތި"

ނާފިއު (ނާއްޕެ): ޖިންސީ ހަމަހަމަކަށް ބާރު އެޅުމަށް މަގު ކޮށުމުގެ މެދުވެރިއަކަށްވީ މި ޒުވާނާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހެނދުނުގެ ގަދަ އަވި ރަނގަޅަށް ދިއްލައި ނުލައި އުޅެނިކޮށް، އޮޅުވެލީ ރިސޯޓުގެ ވިލުތެރެއަށް ފީނަން ޖެހުނީ ސަންގެ ފޮޓޯގްރާފަރު ފަޔާޒަށެވެ. ރިސޯޓުގެ ތުނޑީކޮޅުގައި ހުރެ، ޓެސްޓަކަށް އޭނާ ޖެހި ބޯޅަ ދިޔައީ ފުން ވިލުތެރެއަށެވެ. މަޖުބޫރު ވީ ކަރުތާފެނަށް އެރިގެން ވެސް އެ ބޯޅަ ނަގަން ދާށެވެ.

ފަޔާޒާއި ނާއްޕެ ޑިންގީގައި އަހަރުމެން ތިބި ޑްރީމް އައިލެންޑަށް އައިސް ފުރަތަމަ ވެސް ދިމާކޮށްލީ އަންހެންވެރިންނާ އެވެ. ބަނޑުގައި އަތް ހާކަމުން، ސައި ނުހެދޭހޭ ކިޔައި، ގޮވަމުން، އެ މަސައްކަތަކީ އަންހެނުންނަށް ހާއްސަ ކަމެކޭ ކިޔައި ހެދުމުން ލިބުނީ ލަނޑެކެވެ.

އަންހެން ކުދިންނާ ނޮފޮށޭތި. ޖިންސީ ހަމަހަމަކަށް ބާރުދޭންޖެހޭނެ، މިންނު

ޖިންސީ ފުރައްސާރަ ކުރި ކަމަށް ބަލައި، އޭނާއަށް ޖެހުނީ އެ މަސައްކަތާ ހަވާލުވާށެވެ. ފިޔާ ކޮށައި، ކުޅި ގިތެޔޮ މިރުހުން މަސްހުނި މޮޑެން ޖެހުނީ ކެމެރާމަން ނާއްޕެއަށެވެ.

އެމަކު ޖަޒްލާން ފިޔާ ކޮށާލި ކިއްސަރަށް އެކަކަށް ވެސް އެކަމެއް ނުކުރެވޭނެ އެވެ. ބެސްޓު ޓީމް ޕްލެޔަރަކަށް ވެސް ހޮވުނީ ޖަޒްލާނެވެ. އޭނާގެ ކެރުމާއި ޖޯޝަށް އެންމެން ހެކިދޭނެ އެވެ.

ފިޔާ ކޮށުމުގެ ހުނަރުވެރިކަން ދައްކައިލަނީ ---- ސަން ފޮޓޯ/ އަލީ ސާމިން

އެންމެން ވެސް ފިލާވަޅު ލިބިގަތީ މި ވާހަކައިންނެވެ.

އަންހެން ކުދިންނާ ނުފޮށޭތި. ޖިންސީ ހަމަހަމަކަށް ބާރުދޭންޖެހޭނެ،

މިއީ މިންނު ދިން މެސެޖެވެ. އެންމެންނަށެވެ.

ބުޅިތުނބާއި ފިނދަނަތަކުގެ ފަހަތުން އަފްރާ

ރަށަށް އެރިއިރު، ރަށުގެ ފުއްޓަރު ފަރާތުގައި ބުޅިތުނބި ތުން ހަރަމުން، ޝިކާރަ ކުރަމުން ދިޔައީ ކުދި ކަކުނިތަކަށެވެ. ބުޅިތުނބާ އެކު ފިނދަނަވެސް އުޅުނެވެ. ކިރުދޫނި ބައިގަނޑެއްވެސް ތިއްބެވެ.

ސަންގެ ފޮޓޯގްރާފަރު އަފްރާހު ޝޫޓަކަށް ރެޑީވެގެން --- ސަން ފޮޓޯ/ އަލީ ސާމިން

ސަންގެ ފޮޓޯގްރާފަރު އަފްރާގެ ލެންސަށް އެ ސޮރުމެން އެރީ ހަމަ ކިރިއާ އެވެ. ދިޔަތަނާހެން ނައްޓާލީ އެވެ. ދަތުރުގެ ރީތިކަން، ފޮޓޯތަކުން ދައްކައިދިނީ އަފްރާހުގެ މޮޅުކަމުންނެވެ. އަރިއަރިއަށް ގުދުވެ، ބަޅުވެގެން އޮވެ، ނެގި ފޮޓޯތައް ކިތަންމެހާ ވެސް ޗާލެވެ.

ފަޔާގެ ތަފާތު ހުނަރެއް

ައަހަރެމެންގެ ކުޅަދާނަ ފޮޓޯގްރާފަރު ފަޔާ މި ފަހަރުގެ ދަތުރުގައި ފޮޓޯ ނެގުމާއިގެން ނޫޅުނީ ކީއްވެކަން އެނގޭނީ އޭނާ އަށެވެ. އެކަމަކު މުޅި ދަތުރުގައި ޓީމުވަންތަކަން ހިފަހައިޓައިދީ ރޫހު އާލާކޮށްދިނުމުގައި އެއީ ހަމަ އެއްވަނަ އެވެ. މަންޒަރުން ބޭރުވާ އެންމެ ހިނދުކޮޅެއް ވެސް ނުދެ އެވެ. ދަތުރުގެ ތެރޭގައި އަހަރެން ހައިރާންކޮށްލި ފަޔާއާ ގުޅޭ އެހެން ވާހަކައެއް ވެސް މި ތަނުގައި ބުނެލަދޭނަމެވެ. އެއީ އަހަރެންނަށް އެއްލުނު ކަޅިއަކުން ފަޔާ ފައިވަށްކޮށްލާފައި މަސް ކަނޑަން އިން މަންޒަރު ފެނުނު ވާހަކަ އެވެ. ހިރިގާއާ އެކު މަހަށް ދިޔަ ޓީމު ބޭނިހާ ބޮޑެތި ފިލޮޅުތައް ފަޔާ އެކަނޑައިލި ގޮތުން އޭނާ ވެސް މިއުޅޭ އެހެން މަސްވެރީންނަށް ދޫކުރާ ވަރެއް ނޫނޭ ބުނެވިދާނެ އެވެ. ކައިރީގައި މަންޒަރު ބަލަން އިން އިންސާފިވެރި ދެވަނަ ރެފްރީ ސަމާހު މިކަމަށް ހެކިދޭނެ އެވެ.

ފޮޓޯގްރާފަރު ފަޔާ މަސްކެނޑުމުގައި --- ސަން ފޮޓޯ އަލީ ސާމިން

މި ދަތުރުގެ "މޯސްޓް އެންޓަޓެއިނިންގް ސްޓާފް" ގެ ގޮތުގައި ތިން ސްޓާފުން ހޮވި އިރު އޭގެން އެއް އެވޯޑު ފަޔާއަށް ދޭން ކޮމެޓީން ނިންމީ މި މޮޅު މަސްކެނޑުމަށް ވެސް ބަލާފައި ކަމަށް ވެދާނެ އެވެ.

ހިރިގާ: ނޫސްވެރިކަމުގެ 27 އަހަރުގެ ތަޖުރިބާއާ އެކު ދައްކާލީ ބުންވަރު!

ހިރިގާ: އުމުރަކީ ހަމައެކަނި އަދަދެެއްކަން އަންގައިދެނީ ހިރިގާގެ ކުޅުމުގެ ބުންވަރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މީހުން މީހުންނަށް ވާނީ މީހުން މީހުނަށް ހެދީމައެވެ. ހިރިގާއަކީ އަޅުގަނޑު ދެ ވަނަ އައްޕަ އެވެ. އަހަރުމެންގެ ލިޔުމުގެ ކިއްސަރު ދަމައިދިނީ ހިރިގާ އެވެ. ނޫސްވެރިކަމުގައި ކޮންމެ ދުވަހު އެ ނަގައިދޭ ފިލާވަޅުތައް ދަތުރުގައި ވެސް ނަގައިދިނެވެ. ތަފާތުވީ ބޯޅައާ އެކު ދަސްކޮންދިން އުކުޅުތަކެވެ.

އުމުރުގެ ތަފާތަށް ބަލާނެ ކަމެއް ނެތެވެ. ހިރިގާ ދެއްކި ބުންވަރުން ހަމަ ކޮސްވާހައި ވެއެވެ. ފޮޓޯތަކުން އެކަމަށް ހެކިދޭނެ އެވެ.

ކެޔޮޅުކަމު ނުކުމެ، ހިރިގާ ދެއްކި ޖާދޫގައި ޖެހި އަހަރުން އަޖައިބުވެއްޖެ އެވެ. ކޮސްވެ، ސޮނި ވެއްޓިފައި ހުރެވުނީ ހިރިގާ ބޭނި މަސްތައް ފެނިފަ އެވެ. އަހަރުންގެ ނަނުގައި "ކޮށާ" ވެސް ނުލާއިރު، ހިރިގާ ދިޔައީ ކުރުދޮށީގައި ތައްޓުމަތި ފުރާލަމުންނެވެ. ކިޔާނެ އެއްޗެއް ނޭނގިފައި ނަނު މޫދަށް ދޫކޮށްގެން ފޯނާ ކުޅެލަން ހުރެވުނީ އެވެ. ވީޑީއޯއެއް ހަދާލީ އެވެ.

މި ދަތުރުގެ ތެރޭގައި ހިރިގާގެ އާދަޔާ ޚިލާފު އެހެން ހުނަރެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އެއީ ފަޅޯ ކޮށުމެވެ. މަޖާ ހެދުމަށް ބޭނުންވާ ސައިޒަށް ފަޅޯ ކޮށުމުގައި އަންހެންވެރިންނަށް ހިރިގާ އެންމެ ތަންފުކެއް ވެސް ދުލެއް ނުކުރެ އެވެ.

ނުވަގަޑީގެ މަޖާގަނޑަށް ބޭނުންވާ ފަޅޯ ކޮށުމުގައި ހިރިގާ --- ސަން ފޮޓޯ އަހުމަދު މުޖުތަބާ

ބަޔަކު މޮޅުވީ "އިންސާފުގައި އަރާ ހުރި،" ރެފްރީީގެ މޮޅުކަމުން!

ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ސިނާން ހިރިގާ އަށް ރީނދޫ ކާޑުދައްކަނީ --- ސަން ފޮޓޯ/މުހައްމަދު އަފްރާހް

ފުޓުބޯޅަ މެޗުގައި ރެފްރީކަންކޮށްދިނީ އަޅުގަނޑުމެންގެ ސީއީއޯ ސިނާން އަލީއެވެ. ޖެހިހާ ބޯޅަތަކާއި ކުރިހާ ފައުލްތަކާއި ދިންހާ ޕެނެލްޓީއެއް އެނގޭނީ ޝާހުއަށެވެ. ބައެއް ފަހަރު ހިލޭ ޖެހުން ވެސް ޖަހައިދެނީ ރެފްރީ އެވެ. އެ ކުޅުނީ ފުޓްބޯޅައެއް ނޫނެވެ. އެ ގޭމުގައި ވާން އުޅުނު ގޮތް އޮތީ ހަމައެކަނި ސިނާންގެ ސިކުނޑީގަ އެވެ. ލިބުނު ޕެނަލްޓީވެސް ޖެހީ ރެފްރީ ސިނާން އެވެ.

ވަކި ހިސާބަކުން ރެފްރީގެ ކަށިގަނޑު ދޫކޮށް، ދެ ވަނަ ހާފަށް ކުޅެން ވެސް ނުކުތެވެ. ދެން ހަތަރެސްކަން ހަމަވީ އެވެ. ކަށިގަނޑާ ހަވާލުވީ ދަތުރުގައި ބުމަރެންހެން އެނބުރެމުންދިޔަ ސަމާހު އެވެ. ހިތަށް އެރި ގޮތަކަށް ކަންކަން ނިންމަމުންދިޔަ އެވެ. އަންހެންވެރީން، ރުޅިގަނޑު ފަޅައިގެން ގޮސް، ދަނޑު ދޫކޮށްފައި ވެސް ދިޔަ އެވެ. މި މެޗުގައި ސަމާހު ދެއްކި ވަރަށް ރަތް ކާޑު މި މުޅި އަހަރުގައި ވެސް އެހެން މުބާރާތްތަކުގައި ދައްކައިފައިވާނެހެނެއް ހީއެއް ނުވެ އެވެ. އެއީ ސަމާހުގެ މޮޅު ކަމެވެ. ގޭމް އެންޓަރޓެއިން ކޮށްދިނުމުގައި އެވަރެއް ހަމަ ނެތެވެ. "މޯސްޓް އެންޓަރޓެއިނިންގް ސްޓާފް" އަކަށް ސަމާހު ހޮވުނީ ހަމަ ހޮވެން ވެގެންނެވެ.

ދަތުރުގެ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ ދެވަނަ ހާފުގެ ރެފްރީ ސަމާހް: މީ އެންމެ ރަތްކާޑު ގިނަ މެޗު --- ފޮޓޯ/ އަލީ ސާމިން

އެމަކު އާއިދާގެ ހިތްވަރަކަށް ބަދަލެއް ނާދެވެ. ކާމިޔާބު ހޯދުމުގައި އެއީ ލާމަސީލު ނަމޫނާއެކެވެ. ދަތުރުގެ އެންމެ "ހާޑް ވޯކިންގް" ސްޓާފަކަަށް އައިދާ ހޮވުނީ އޭނާގެ ހިތްވަރު ގަދަކަމުންނެވެ.

ހިރިގާ ކައިރިންބޯޅަ ހިފައިގެން ނައްޓާލަން އާއިދާ މަސައްކަތް ކުރަނީ: އާއިދާއަކީ ސަން މީޑިއާގެ ދަނޑުމަތީގެ ދަގަނޑޭއޭ ބުންޏަސް ހެޔޮވާނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހަތަރު ޓީމަކަށް ބަހާލައިގެން ކުޅުނު އެ މެޗު ނިމުނުއިރު، މޮޅުވީ ރެފްރީ ބޭނުންވި ޓީމެވެ. މި ނަމޫނާ ރެފްރީކަން ފައްޓައިދިނީ އަޅުގަނޑުމެންގެ ސީއީއޯ އެވެ. އެއީ ރެފްރީން ޓީމު މޮޅުކޮށްދެޔޭ ބުނާ ބަހުގެ އައުލާ މިސާލެކެވެ. އިންސާފުގައި އަރާތިބި އެ ރެފްރީންނަށް މަވާ ސަލާމެވެ.

ހުކުރުން ފައިބައިގެން އައިސް، ނިންމާލީ ފަހު ތަޅާލުންގަނޑު

ދަތުރުގެ ބައިވެރީން މެންދުރުގެ ކެއުމަށް އިންސާފުކުރަނީ --- ސަން ފޮޓޯ/މުހައްމަދު އަފްރާހް

ޖެހިގެން އޮތް އޮޅުވެލި ބީޗު ރިސޯޓަށް ގޮސް ހުކުރުކޮށްލައިގެން ފައިބައިގެން އައިއިރު ކަމަކުދާކަށްނެތެވެ. މެންދުރުގެ ވަރުގަދަ މަސްބަތް ކައިގެން ލޮނޑުވެގެން ތިބެ، ކުޅެން ޖެހުނީ ފައިގަތަޅާ އެވެ. މަންޑޭ އާއި ޖަޒްލާންގެ އުކުޅުތަކުން މޮޅުވީ އަހަރުމެންނެވެ. ޓީމު ދެޔަކާއި ހަތަރެކެވެ. ދަތުރުގެ ބެސްޓް ޓީމަކަށް ހޮވުނީ ޓީމް ހަތަރެކެވެ.

ފައިގަތަޅާ މެޗުގައި މަންޑޭ ބޯޅަ އެއްލަނީ --- ސަން ފޮޓޯ/ އަފްރާހް

މެޗު ހަމައިން ނައްޓައިގެން ދިޔަ ނުދީ ހިފަހައްޓާލަދިނީ އަޅުގަނޑުމެންގެ މިންނުއެވެ. ވިޔާނުދާ ގޮތަކަށް ހިރިގާ ފައި އަޅާލާ ގޮތަކުން ވެސް އިވެނީ މިންނުގެ ކަށިގަނޑުގެ އަޑެވެ. ކޯޓުން ބޭރުގައި އިނދެގެން އަންމަޑޭ ލެވިހާ ހަޅޭކާއި ކޯޓު ތެރޭގައި މުޖޭ ހުރެގެން ކުރިހާ އުނދަކުލަކަށް މިންނު ފަރުވާލެއް ނުބަހައްޓައެވެ. ފައިގަތަޅާ މެޗުގެ ހަމައެކަނި ކާޑު ދައްކަން ޖެހުނީ އަޅުގަނޑުމެންގެ ހިރިގާ އަށެވެ.

ފައިގަތަޅާ މެޗުގެ ކުޅަދާނަ ރެފްރީ ---- ސަން ފޮޓޯ/ އަފްރާހް

މިންނު އާއި އައިޝޫ: ކާމިޔާބު ދަތުރުގެ މޭސްތިރިން

ލައްކަ ދުވަހުގެ އިންތިޒާރަކަށް ފަހު ކުރި ދަތުރުގެ ކާމިޔާބީގެ އެންމެ މުހިންމު ބައި ގުޅިފައި އޮތީ، ސަންގެ ސީއޯއޯ މިންހާ ފާއިޒު (މިންނު) އާއި ސަންގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) އައިޝަތު ރަގީބާ (އައިޝޫ)އާއެވެ.

އަންހެނުންނަށް ވާނެ އެވެ. އެކަން މިންނު އާއި އާއިޝޫ ސާބިތުކޮށް ދީފި އެވެ. ލީޑަރުން އުފައްދަން މި ދެ ލީޑަރުން ވަރެއް ނެތެވެ. ބެސްޓު ޓީމު ލީޑަރަކަށް ހޮވުނީ ވެސް އައިޝޫގެ ޑިޕާޓްމަންޓުގެ ތުނިތުނި ފާތިމަތު ވަފާ އެވެ. އެއީ ވަފާތެރި ވަފާއެކެވެ.

ދަތުރުގެ ރޫހު ހިފަހައިލަދިން ދެ ލީޑަރުން ކަމަށްވާ އައިޝު އަދި މިންނު މަޖާ ތައްޔާރުކުރުމުގައި --- ސަން ފޮޓޯ/ މުޖުތަބާ

ދަތުރުގެ މައި ތަނބުތައް އަދިވެސް އުޅެނީ މަސްކަތުގަ އެވެ. އޮފީހުގެ ބުރަބޮޑު މަސްކަތަށް ހިންގާ ޖަނަރޭޓަރަށް އަޅަނީ އެ މީހުންގެ ގައިން އޮހޮރޭ ދަލޭ ބުންޏަސް ރަނގަޅުވާނެ އެވެ. ދަތުރުގެ "ބެސްޓް ސަޕޯޓިން ސްޓާފް" ކަމަށް ހޮވުނީ، އެއްޕަސް އާއި ޝަޔާހާއި އަލްޒަމާއި ޝާނާއި ސައިފާއި އަހުމަދާއި ސާމިރު އާއި މުސްލިމް އާއި ޝާހުގެ އިތުރުން ޝާމިނެވެ.

ގުޅުންތަކުން ގުޅިފައިވާ މި ޖޯރު ހުރި ސަން މީޑިއާ ގްރޫޕުގެ ކުޑަކުޑަ ޓީމާ އެކު، ނުކުންނަން އޮތް ނަތީޖާއަށް އިންތިޒާރު ކުރާށެވެ. އިންތިހާބުގެ ފޯރި ޖަޒުބާތުގެ ކުލަވަރުތައް މި ޖޯޝުގައި ދައްކާދޭނަމެވެ. ފަސް ޖެހުމެއް ނެތި، ފޮރުވުމެއް ނެތި، ކެރިގެން ނުކުމެ، އޭގެ އެންމެ ތިލަ ފަށަލައިން އެންމެ ފުންމިނާ ހަމައަށް ގެނެސްދޭނަމެވެ.

މުޅި ދަތުރުގެ ހުރިހައި ވާހަކަތަކެއް ސިކުނޑީގައި ލިޔެ ރައްކާކޮށްގެން މާލެއަށް އައިސް މި ދަތުރުނާމާ ލިޔެ ތިޔަ ކިޔުންތެރީންނާ ހަމަޔަށް ގެނެސްދިނުމުގެ ޒިންމާ ސީއީއޯ ހަވާލުކުރައްވާފައި އޮތީ އަހަރެންނާ އެވެ. އެހެންވެ އަހަރެން ދިޔައީ މި ހުރިހައި ކަމެއް ފިސާރި ރަނގަޅަށް ބަލައި ރެކޯޑުކުރަމުންނެވެ.

ދަތުރު ނާމާގެ މައުލޫމާތު އެއްކުރުމާއި ނިއުސްރޫމު ހިންގުމުގެ މަސައްކަތުގައި ހުސެއިން، އައިޓީ އައްމަޑޭގެ ވައިފައި ވަނީ މިރަށާ ހަމަޔަށް ވެސް ގެނެސްދީފައި --- ސަން ފޮޓޯ/ އަލީ ސާމިން

ދަތުރު ނިމިގެން ދިޔަ އިރު "މޯސްޓް އެންޓަރޓެއިނިންގް ސްޓާފް" ކަމުގެ އެއް އެވޯޑު އަހަރެންނަށް ވެސް ލިބުނެވެ. ސްޓާފް ދަތުރެއްގައި ނަމަ ވެސް މި ފަދަ މަގާމެއް ލިބުމުން، އެލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން އެ ވަގުތު އިހުސާސްވި އެވެ.

ދަތުރުގެ އިންޖީނު ހިނގައި ގަންނަން ފެށީ އަދި ކިރިޔާ އެވެ.

އަޅުގަނޑުމެންނަށް ޑްރީމް އައިލެންޑުގައި ފަހިކޮށްދީފައިވާ އިންތިޒާމުތަކުގެ ފުރިހަމަކަަށްޓަކައި އޮޅުވެލި ރިސޯޓުގެ މެނޭޖުމަންޓަށާއި ހީވާގި އެންމެހާ މުވައްޒަފުންނަށް ޝުކުރު ހައްގެވެ.

ހުރިހާ ތައުރީފެއް ބަންޑުން ކޮށްލަނީ ސަން މީޑިއާ ގްރޫޕުގެެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދަށެވެ. މި މީޑިއާ ގްރޫޕުގެ ކާމިޔާބު ދުވަސްތައް މި ގުނަނީ އެމަނިކުފާނުގެ ދީލަތީ އެހީތަކުން ފަހިކޮށްދިން، ވަސީލަތްތަކުގެ ސަބަބުންނެވެ.

ޝުކުރިއްޔާ ސިޔާމް!

ލަނޑު ޖެހުމަށްފަހު ސަންގެ ޑެޕިއުޓީ އެޑިޓަރު އަހުމަދު މުޖުތަބާ އުފާފާޅު ކުރަނީ--- ސަން ފޮޓޯ/ އަލީ ސާމިން

comment ކޮމެންޓް