ގޭމްތަކާއި ހިލޭ ކޮފީ ލިބުމުގެ ފުރުސަތާއެކު އެމްއެންޔޫގެ ފަހި ދުވަސް ރަސްފަންނުގައި

ރަސްފަންނުގައި ކުރިއަށްދާ ގައުމީ ޔުނިވާސިޓީގެ "ފަހި ދުވަސް"ގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

ގައުމީ ޔުނިވާސިޓީން ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ޔުނިވާސިޓީއާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "ފަހި ދުވަސް" މިއަދު ރަސްފަންނުގައި ފަށައިފިއެވެ.

ރަސްފަންނުގައި މިއަދު ފެށި އެ ފެއާ ހުޅުވައިދެއްވީ ޔުނިވާސިޓީގެ ސްޓޫޑަން ޔޫނިއަންގެ ރައީސް އަލީ ރަޝީދެވެ.

މިއަދު ފެށި ފަހި ދުވަހާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަން އާއިޝަތު ޝާހީން ވިދާޅުވީ، ފެއާގައި ޔުނިވާސިޓީގެ ނުވަ ފެކަލްޓީ އާއި ތިން ސެންޓަރުގެ އިތުރުން ދަރިވަރުންނާ ގުޅުންހުރި ދެ ސްޓޯލްއެއް ހުންނާނެ ކަމަށެވެ.

ފަހި ދުވަސް މިއަދު ހަވީރާއި ރޭގަނޑު ކުރިއަށްދިޔައިރު، މާދަމާގެ ހަވީރު 4:00 އިން 6:00 އަށް އެ ހަރަކާތްތައް ކުރިއަށްދާނެ އެވެ.

ޝާހީން ވިދާޅުވީ، މިއަހަރުގެ ފަހި ދުވަހުގައި ބައިވެރިވާ މީހުންނަށް ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ކޮންމެ ސްޓޯލަކުން ވެސް ތަފާތު ތައުލީމާއި ގުޅުން ހުރި ކުޅިވަރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ހީނާ އާޓް، މިނީ ފޫސްބޯލް އަދި ދިވެހީންގެ މެދުގައި ދިވެހިބަސް އާލާކުރުމަށާއި ދިވެހި ބަހަށް ހުންނަ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ޔުނިވާސިޓީން ތައާރަފްކުރި "ބަހަބޯ"ގެ ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބިގެެންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި ޔޫރޯ ސްޓޯރުގެ ފަރާތުން ހިލޭ ލަވާޒާ ކޮފީ ބުއިމުގެ ފުރުސަތު ފަހި ދުވަހުގެ ތެރެއިން ލިބޭނެއެވެ.

އޭގެ އިތުރުން ފަހި ދުވަހަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ލަކީޑްރޯގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މޯލްޑިވިއަން ސްޕޮންސާ ކޮށްފައިވާ އެ ކުންފުނިން ރާއްޖޭގައި ދަތުރުކުރާ މަންޒިލަކަށް ދެކޮޅު ޓިކެޓެވެ.

ޝާހީން ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ފަހި ދުވަހުގައި ވެސް ސެޓްފިކެޓްތައް އެޓެސްޓް ކޮށްދިނުމާއި ކޯސްތަކަށް ވަންނަން އެދޭ ކުދިންގެ ފޯމް ފުރައިދީ އަދި ފޯމް ބަލައިގަތުމުގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީން އަންނަ އަހަރުގެ ޖަނަވަރީ މަހަށް ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ކޯހާ ހަމައަށް 122 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު 5300 އަށްވުރެ ގިނަ ޖާގަ ވަނީ ހުޅުވާލައިފައެވެ. އަދިކޯސްތަކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފޯމް ބަލައިގަންނަން ވަނީ ފަށާފައެވެ.

ގައުމީ ޔުނިވާސިޓީން ބުނީ، މިއަންނަ އަހަރުގެ ކޯސްތަކަށް ވަނުމަށް އެދި ފޯމް ހުށައަޅާއިރު އިސްކަންދޭނީ ކޯސްތަކަށް އެދި ފޯމު ހުށައަޅާ ތަރުތީބުން ކަމަށެވެ.

comment ކޮމެންޓް