އިސްތަންބޫލްއަށް އިތުރު ދިހަ ހާސް މިސްކިތް ބޭނުންވޭ: މުފްތީ ޕްރޮފެސަރ ޝައިޚް ޙަސަން ކާމިލް

އިސްތަންބޫލްގެ މުފްތީ

އިސްތަންބޫލް (އޮކްޓޯބަރ 6) : ތުރުކީގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އިސްތަންބޫލްއަށް އިތުރު ދިހަ ހާސް މިސްކިތް ބޭނުންވާކަމަށް އެސިޓީގެ މުފްތީ ޕްރޮފެސަރ ޝައިޚް ޙަސަން ކާމިލް ޔެލްމާޒް ވިދާޅުވެއްޖެއެވެ.

ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އިސްތަންބޫލްގެ މުފްތީ ވިދާޅުވީ މިހާރު އިސްތަންބޫލްގައި ހުރީ އެންމެ ތިންހާސް ތިންސަތޭކަ ފަސްދޮޅަސްފަސް މިސްކިތްކަމަށާ މިއީ 17 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ އިސްތަންބޫލްގެ ރައްޔިތުންގެ އަޅުކަން ކުރަންބޭނުންވާ ތަންތަނުގެ ތެރެއިން ގާތްގަނޑަކަށް ވިހި އިންސައްތަ ކަމުގައެވެ.

"މިހާރު އިސްތަންބޫލްގައި މިސްކިތް ހުރި މިންވަރުން މިސްކިތަކަށް ޖެހެނީ ހަތްދިހަ ހާސް މީހުން. މިވަރުން މިސްކިތްތަކަށް އަރަން ބޭނުންވާ މީހުންނަށް ޖާގައެއް ނުލިބޭ" މުފްތީ ވިދާޅުވިއެވެ.

އިސްތަންބޫލްއަށް އިތުރު ދިހަ ހާސް މިސްކިތް އިތުރު ކުރުމުން ގާތްގަނޑަކަށް ފަނަރަ ހާސް މީހަކަށް މިސްކިތެއް ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީ އަކީ ނުވަދިހަ ނުވައެއް ޕަސެންޓް އިސްލާމީ ގައުމެއް ނަމަވެސް އެގައުމުގައި ޒަމާނުއްސުރެ އޮންނަނީ ދީނާއި ދައުލަތް ވަކިކުރާ އިލްމާނީ (ސެކިއުލަރ) ނިޒާމެކެވެ. އެހެންކަމުން މިސްކިތްތަށް ބިނާކުރުމަކީ ތުރުކީގެ ސަރުކާރާއި ދައުލަތުގެ މަސްއޫލިއްޔަތަކަށް ނުވެއެވެ. ތުރުކީވިލާތުގެ ދައުލަތަކީ ރަސްމީ ގޮތުން ވަކިދީނަކަށް ނިސްބަތްނުވާ ދައުލަތެއްގެ ގޮތުގައި އޮންނާތީ މިސްކިތްތައް ބިނާކުރުމާއި މިސްކިތްތައް ބެލެހެއްޓުންފަދަ ކަންތައްތައް ކުރިޔަށް ގެންދަނީ އިސްލާމީ ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ފަރުދުންނެވެ.

މިހާރުވެސް ތުރުކީގައި އޮންނަނީ ސެކިއުލާ ނިޒާމެކެވެ. ނަމަވެސް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ތުރުކީގެ ޒަޢާމަތާ ހަވާލުވެ ވަޑައިގެންނެވިފަހުން ތުރުކީގައި އިސްލާމީ ހޭލުންތެރިކަން އިތުރުކޮށް ކުރިން މަނާކޮށްފައިވާ އިސްލާމީ ޝިޢާރުތައް ވަނީ ހުއްދަކޮށްފައެވެ. މީގެތެރޭގައި ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި އަންހެން ދަރިވަރުން ބުރުގާ އެޅުން ހުއްދަކުރުމާއި ދީނީ ކަންކަން ސިއްރުގައި ކުރުމުގެ ބަދަލުގައި ފާޅުގައި ކުރުމުގެ ފުރުސަތު ލިބިގެން ދިޔުން ހިމެނެއެވެ. މިއާއެކު މިސްކިތްތަކަށާއި ދީނީ ކަންކަމަށްވެސް ތުރުކީ ސަރުކާރުންވަނީ ކޮންމެވެސް ވަރަކަށް ޚަރަދު ކުރަން ފަށާފައެވެ. އަދި ގުރުއާން ކިޔެވުމާއި އަރަބި ބަސް ދަސްކުރުމާއި ދީނީ އިލްމު އުގަންނައި ދިނުމުގެ ކަންކަންވަނީ މިސްކިތްތަކުގައި ފަށާފައެވެ.

ތުރުކީގެ މިސްކިތްތަކަށް އާންމު ގޮތެއްގައި އަރަނީ މުސްކުޅިންނެވެ. އެކަން ބަދަލުކުރުމަށްޓަކައި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްވެސް ތުރުކީ ސަރުކާރުން ނުސީދާ ގޮތެއްގައި ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތް ކުރަމުން ގެންދަނީ ތުރުކީގެ ދީނީ ކަންކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުންނެވެ. އެ އިދާރާގެ ދައުރަކީ ދީނީ ޝިޢާރުތައް ފެތުމަށް މަގުފަހިކޮށްދިނުމާއި މޮނިޓަރ ކުރުމާއި ގަވައިދުތައް އެކުލަވާލުމެވެ. އަމަލީގޮތުން އެކަންކަން ކުރަނީ މިސްކިތްތަކުގެ ޚަތީބުންނާއި އިމާމުންނެވެ.

އިސްތަންބޫލްގެ މިސްކިތްތަކުގައި ހާހެއްހާ ލައިބްރަރީ ހުރެއެވެ. އެލައިބްރަރީ ތަކުގައި ހުންނަ ދީނީ ފޮތްތައް ހުންނަނީ ތުރުކީ ބަހުންނެވެ. އިސްތަންބޫލް މުފްތީ ޝައިޚް ޙަސަން ކާމިލް މަސައްކަތް ކުރައްވަނީ އަރަބި ބަހުގެ ފޮތްތައްވެސް ލައިބްރަރީތަކަށް އިތުރުކުރުމާއި ލައިބްރަރީ ތަކުގެ އަދަދުވެސް އިތުރު ކުރުމަށެވެ. އިސްތަންބޫލްއަކީ އިސްލާމީ ތާރީޚީ މިސްކިތްތަކެއް ހުރި ސިޓީއެވެ. މިއީ ތުރުކީގެ އިސްލާމީ ޙަޟާރަތުގެ މައިތަނބެވެ. އެ މިސްކިތްތަކާމެދު އެގައުމުގެ އިލްމާނީ ފިކުރުގެ މީހުންވެސް ފަޚުރުވެރިވެއެވެ. (އަނަތޯލިޔާ)

ގުޅޭ ޓެގު
comment ކޮމެންޓް