ގެއްލުނު ތިން މީހުން ފެނިއްޖެ، އެންމެންގެ ހާލު ވެސް ރަނގަޅު

ގެއްލިގެން ހޯދަމުންދާ ދޯނި: އެ ދޯންޏާއި، އޭގައި ދަތުރު ކުރި ތިން މީހުންވެސް އަދި ނުފެނޭ -- ފޮޓޯ/ އެމްއެންޑީއެފް

މާލެއިން ފުރައިގެން އއ. އަތޮޅަށް ދަތުރު ކުރި ދޯންޏެއް އަޑިއަށް ގޮސް، ދޯނީގައި ދަތުރު ކުރި ތިން މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ޕަލެޓްގަނޑެއް އެހީގައި މޫދުގައި ތިއްބާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުން ފެނިފައި ވަނީ ރަންނާޅި ރިސޯޓް ދިމާލުން ބޭރުގައި ޕަލެޓް ތަކެއްގެ މަތީގައި ތިއްބާ ކަމަށެވެ. އަދި އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އުއްމީދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި އަޑިއަށް ދިޔަކަމުގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 5:30 ގައި ކަމަށާއި އަދި ވެސް ދޯނީ ފެނިފައިނުވާ ކަމަށެވެ.

އެ ތިން މީހުން ވެސް ފުލުހުންގެ ލޯންޗެއްގައި މާލެ ގެނައުމުގެ މަސަތްކަތް ކުރަމުން އަންނައިރު އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީން އާއި އެއް ދިވެއްސެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، އެ ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓު ދިން އިރު، ދޯނި އޮތް ދިން ޕޮޒިޝަނަކީ، މާލެ އަތޮޅު ބޮލިފުށީ ހުޅަގުން ހަތް މޭލު ބޭރުން ކަމަށާއި ނަމަވެސް އެ ސަރަހައްދުން އެ ސަރަހައްދުން ދޯންޏެއް އަޑިއަށް ދިޔަ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ.

ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ބޭނުން ކޮށްގެން ކުރަމުންދާ ކަމަށާއި، އޭގެ އިތުރުން އެ ސަރަހައްދުން ދަތުރު ކުރާ ސީޕްލޭން ތަކުގެ އެހީތެރިކަަމަށް އެދިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް