މަޖިލީހުގެ ތަޅުމުގައި ސިފައިންގެ ވާޖިބަކީ ކޮބައިކަން ސާފުކޮށްދޭން އާޒިމް އެދިވަޑައިގެންފި

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ސިފައިންގެ ވާޖިބަކީ ކޮބައިކަން ސާފުކޮށްދޭން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

މިއަދު މެންދުރު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ފަހު އާޒިމް "ސަން" އަށް ވިދާޅުވީ އޭނާ މިއަދު ހާޒިރުކުރީ ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލަ އަކީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ހިނގި ކަންތައްތަކާ ގުޅޭ ގޮތުން ތަހުގީގު ކުރާ މައްސަލައެކެވެ.

އާޒިމް ވިދާޅުވީ އެ ދުވަހުގެ ޖަލްސާގައި ސިފައިންނަށް ހުރަސްއެޅިންތޯ ފުލުހުން މިއަދު ސުވާލު ކުރި ކަމަށެވެ. އެ ސުވާލުގެ ޖަވާބުގައި މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ސިފައިންގެ ގާނޫނީ ވާޖިބަކީ ކޮބައިތޯ ސާފުކޮށްދޭން އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑާ ސުވާލު ކުރެއްވި ފުލުހުންގެ ބޭފުޅާ ވިދާޅުވީ ސުވާލަށް ޖަވާބު ދެއްވާށޭ. އަޅުގަނޑު ދެނެންވިން މަޖިލީހުގެ ޗެމްބަރުގައި ސިފައިންގެ ގާނޫނީ ވާޖިބަކީ ކޮބައިކަން އެނގިގެން ނޫންތޯއޭ އަޅުގަނޑަށް ތި ސުވާލަށް ޖަވާބުދެވޭނީ،" އާޒިމް ވިދާޅުވި އެވެ.

އެ ދުވަހުގެ ޖަލްސާގައި ސިފައިން އޭނާގެ ގާނޫނީ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ވަނީ މަޖިލީހުގެ ސެކިއުރިޓީ ސިފައިން ބަލަހައްޓަންޖެހޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އެއް މެމްބަރަކު އަނެއް މެމްބަރަކާ ދެމެދު ހިނގާ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ އެއްވެސް ބާރެއް މަޖިލީހުގެ ގަވާއިދުގެ ދަށުން ސިފައިންނަށް ލިބިގެންނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސަށް ވެސް އެފަދަ ބާރެއް ސިފައިންނަށް ނުދެވޭނެ ކަމަށާއި އެފަދަ ބާރެއް ސިފައިންނަށް ދެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އާޒިމްގެ އިތުރުން ތަހުގީގު ހިންގަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށެވެ.

comment ކޮމެންޓް