އަހަރެންނާއި ރާމޯސްއާ ދެމެދު އޮތް ގުޅުން ވަރަށް ވަރުގަދަ: ޕީކޭ

ބާސާގެ ޑިފެންޑަރު ޕީކޭއާއި ރެއާލްގެ ޑިފެންޑަރު ރާމޯސް، ސްޕެއިން ގައުމީ ޓީމާއެކު ---

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއާއި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއާ ދެމެދު އޮތް ގުޅުން ގޯސް ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް، ރާމޯސްއާ ދެމެދު ވަރުގަދަ ގުޅުމެއް އޮތް ކަމަށް ޕީކޭ ބުނެފި އެވެ.

މިނިވަން ވަކި ދައުލަތަކަށް ކެތަލޯނިއޯ ހެދުމަށް ނެގި ވޯޓަށް ފަހު، ސްޕެއިންގެ ފުޓްބޯޅަ ސަޕޯޓަރުން ދަނީ އޭނާއަށް އުނދަގޫތަކެއް ކުރިމަތި ކުރުވަމުންނެވެ. އެގޮތުން ޕީކޭއަށް ސަޕޯޓަރުންގެ އެންމެ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި ވަނީ ސްޕެއިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ.

ކެތަލޯނިއާ މިނިވަން ކުރުމަށް ފާޅުކަން ބޮޑު ގޮތެއްގައި ޕީކޭ ގޮވާލުމާއެކު ރެއާލް އަދި ސްޕެއިންގެ ކެޕްޓަން ރާމޯސްއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ކަމަށް ހަބަރުތައް ބުނަން ފެށި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޕީކޭ ބުނީ، ސްޕެއިން ގައުމީ ޓީމަށް ފުރިހަމައަށް އިހުލާސްތެރިވާނެ ކަމަށާއި ފާޑު ކިޔުންތަކުގެ ސަބަބުން ގައުމީ ޓީމަށް ކުޅެން ހުއްޓާނުލާނެ ކަމަށެވެ.

"އަހަރެންނާއި އޭނާއާ ދެމެދު އޮތް ގުޅުން ގޯސްކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް. އަހަރެން ހުށަހެޅި ވިޔަފާރިއެއްގެ ޕާޓްނަރަކަށް ރާމޯސް ވެގެންދާނެ. އަހަރެމެން ދެ މީހުން ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެއް. އެއީ އަހަރެން ބޭނުންވާ ގޮތް،" އޭނާ ބުންޏެވެ.

ސްޕެއިން ގައުމީ ޓީމަށް މިހާތަނަށް ޕީކޭ 91 މެޗު ކުޅެފައިވާއިރު، ރާމޯސް ވަނީ ގައުމީ ޓީމަށް 153 މެޗު ކުޅެފަ އެވެ.

comment ކޮމެންޓް