މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

* މިދެމިސާލާ މުޅީން ތަފާތު މިސާލަކީ ގުޒްމާނުގެ މިސާލެވެ. ގުޒްމާނަކީ މަދީނާގެ މުނާފިޤެކެވެ. ނަމަވެސް އޭނާ މުސްލިމުންނާއެކު ހަނގުރާމައަށް ނުކުތެވެ. ވަރަށް ހިތްވަރާއެކު ހަނގުރާމަކުރިއެވެ. އޭނާ ޒަޚަމުވެ ހާލެއްނެތި މައިދާނަށްވެއްޓިފައި އޮތްވައި އަންޞާރިއްޔަ ބޭކަލުންނަށް ފެނިވަޑައިގެންނެވިއެވެ. އެބޭކަލުން އޭނާއަށް ތާރީފުކުރެއްވުމުން އޭނާ ބުންޏެވެ. އަހަރެން ހަނގުރާމަކުރީ ހަމައެކަނި ޤައުމީ ޖޯޝުގައެވެ. އޭނާގެ ޒަޚަމަށް ކެތްނުކުރެވިގެން އޭނާވަނީ އަމިއްލައަށް މަރުވެފައެވެ. އަރަހުށި މާތްﷲ ކާފިރުންނާ ދެކޮޅަށް އޭނާ ނެރުއްވިއެވެ. އޭނާ ހިތްވަރާއެކު ހަނގުރާމަވެސް ކުރިއެވެ. އެކަމަކު އޭނާގެ ނިޔަތް ރަނގަޅެއްނޫނެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާގެ ޖާގައެއްކަމުގައި އިރުޝާދުދެއްވީ ނަރަކައެވެ – އެފަދަ ނިމުމަކުން އަޅަމެން ރައްކާތެރިކުރައްވާށިއެވެ. އާމީން.

  1. އިސްލާމްދީނުގެ ހަތުރުން ކަމުގައިވާ އޮރިއެންޓަލިސްޓުން އިސްލާމްދީނާއި މުސްލިމުން ބަދުނާމުކުރަން ލިޔާގޮތުގައި މަދީނާގައި އުފެދުނު އިސްލާމީ ދައުލަތާއި މައްކާއާ ނުވަތަ އަރަބި ޤަބީލާތަކާ ދެމެދު ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލީ މުސްލިމުންނެވެ. ނަމަވެސް މިއީ އެއްވެސް އަސްލެއްނެތް ވާހަކަތަކެކެވެ. ޙަޤީޤަތާ ޚިލާފު ބަދުނާމުކުރުމެކެވެ. ހިޖްރައިން ތިންވަނަ އަހަރާ ހަމަޔަށް އައިއިރުވެސް އިސްލާމީ ލަޝްކަރުއޮތީ އަސްކަރީ ފޯރުމާލުގެ ގޮތުން ބަލާއިރު އެއްވެސް ބަޔަކާ ދެކޮޅަށް އަމިއްލައަށް ހަނގުރާމަ އިޢުލާންކުރެވޭފަދަ ޙާލަތެއްގައެއްނޫނެވެ. ( އަޅުގަނޑު ލިޔުނު ފޮތެއްކަމުގައިވާ ބަދުރުގެ މައިދާނުން ހަނގުރާމައާއި ޝަހީދުން – މިފޮތުގައި ވަރަށް ތަފްޞީލުކޮށް އެވާހަކަތައް ވާނީ ބަޔާންކޮށްފައެވެ.) އެންމެ އަސާސީ ކަންކަމަށް ބޭނުންވާ ތަކެތީގެތެރެއިން ފޭރާމަށް ބެލިކަމުގައިވިޔަސް މުސްލިމުން އުޅޭންޖެހިފައިއޮތީ "ނުފޯރާ ފޮތީން ފޫގަޅައިގެން" ނެވެ. އުޙުދު ހަނގުރާމައިގައި މުސްލިމުންގެ ހަތްދިހަ ބޭކަލުން ޝަހީދުވުމުން އެ ޝަހީދުންގެ ކަފުންކޮޅު ތުރުކުރާނެ ފޮތްޗެއްވެސް މުސްލިމުންގެ އަތަކުނެތެވެ.

ސައްޔިދުއް ޝުހަދާއު ޙަމްޒާ ބިން ޢަބްދުލްމުއްޠަލިބު ރަޟިޔަﷲ ޢަންހުގެ މޫނުފުޅު ދެކެވަޑައިގެންނެވުމަށްޓަކައި އެކަލޭގެފާނުގެ ކޮއްކޯފުޅު އައްސައްޔިދާ ޞަފިއްޔާ ބިންތި ޢަބްދުލްމުއްޠަލިބު ރަޟިޔަﷲ ޢަންހާ ވަޑައިގެންނެވިއިރު ބޭބޭފުޅުގެ ހަށިކޮޅު ނިވާކުރެއްވުމަށްޓަކައި ދެފޮތިކޮޅު ގެންދެވިއެވެ. އެކަމަނާ ވަޑައިގެންނެވިއިރު ޙަމްޒަތުގެފާނުގެ ހަށިކޮޅުގެ އަރިހުގައި އަންޞާރިއްޔަ ބޭކަލެއްގެ ހަށިކޮޅުވެސް އޮތެވެ. އެހެންކަމުން ޙަމްޒަތުގެފާނަށް ދެފޮތިކޮޅު ބޭނުންކުރައްވާކަށެއް ޙަމްޒަތުގެފާނުގެ ޢާއިލާގެ ބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައެއް ނުގެންނެވިއެވެ. ދެބޭކަލުންނަށް ދެފޮތިކޮޅު ހަމަޖައްސަވަން ބައްލަވައިލެއްވިއިރު ދެފޮތިކޮޅުގެ ބޮޑުމިން ތަފާތެވެ. އެހެންކަމުން ޤުރުޢަތުލައްވައިގެން ދެބޭކަލުންނަށް ދެފޮތިކޮޅު ހަމަޖެއްސެވިއެވެ. ޙަމްޒަތުގެފާނަށް ލިބިވަޑައއިގެންނެވީ ދެފޮތިކޮޅުންކުރެ ކުޑަފޮތިކޮޅެވެ. އެފޮތިކޮޅުން ޙަމްޒަތުގެފާނުގެ އިސްތަށިފުޅު ނިވާކޮށްފިނަމަ ފައިންޕުޅު ނިވަލެއްނުވެއެވެ. އެންމެފަހުން ޙަމްޒަތުގެފާނު ފަސްދާނުލެވުނީ އެފޮތިކޮޅުން އިސްތަށިފުޅު ނިވާކޮށްފައި ފައިންޕުޅު މައްޗަށް އަޒުޚަރެވެ ކިޔޭ ގަހެއްގެ ފަތްއަޅުއްވައި ނިވާކުރައްވައިފައެވެ.

ހަމައެފަދައިން މުސްލިމުންގެ ދިދައިގެވެރިޔާ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހުވެސް ފަސްދާނުލެވުނީ ފޮތިކޮޅަކުން އިސްތަށިފުޅު ނިވާކުރެއްވުމަށްފަހު ފައިންޕުޅުމައްޗަށް އަޒުޚަރު ފަތްއަޅައިފައެވެ.

އިސްލާމްވެވަޑައިގެންނެވުމުގެ ކުރީން މައްކާގައި ހުންނެވިއިރު މުޞްޢަބަކީ އެއްއިރު ތުރުކުރެއްވި ހެދުންކޮޅެއް އަނެއްއިރު ތުރުކުރައްވާ ބޭކަލެއްނޫނެވެ.

އަރަހުށި މާތްﷲ މުސްލިމުންނަށް ނަޞްރުދެއްވައި ތަނަވަސްކަމާއި ތިޔާގިކަން ދެއްވި ހިނދު އިސްވެދެންނެވި ކަންކަން ހަނދުމަފުޅުވުމުން ޞަޙާބީންގެ ލޯފުޅުތަކުން ކަރުނަފޮދުއާދެއެވެ.

ޝައްކެއްނެތެވެ. މުސްލިމުންނަށް ކަނޑީގައި ހިފަން މަޖްބޫރުވީ މިދެންނެވިފަދަ ދަތިދުވަސްވަރެއްގައެވެ. އަމިއްލަފުޅު ޖާނާއިމާލާއި އައު އިސްލާމީ ދައުލަތުގެ ދިފާޢުގައެވެ. ނަމަވެސް މުސްލިމުންނަށް ޖިހާދުކުރައްވަން މަޖްބޫރުވެވަޑައިގަތުމުން އެހުރިހާ އުނިކަމެއް ފޫބެއްދެވިއެވެ. އެބޭކަލުންގެ އަމާޒުފަތްގަނޑުގެ މަތިވެރިކަމާމެދު ކުޑަކޮށްވެސް ހިތްޕުޅުގައި ޝައްކެއްނުވާތީއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވެވަޑައިގަންނަވާ ތެދުވެރި ލޯބިފުޅާއި، އެމާތް ސާހިބާގެ އެކުވެރިކަމުން ލިބިވަޑައިގެންނެވި ހިތްވަރުފުޅާއި ފަންވަރުފުޅާއި ބުންވަރުފުޅުގައެވެ.

  1. ދެން އަނެއްކާވެސް އަޅުގަނޑު އެނބުރިލާނީ ކީރިތި ޤުރުއާނުގައި އުޙުދު ހަނގުރާމަޔާ ގުޅޭގޮތުން ދެއްވައިފައިވާ މަތިވެރި އިރުޝާދުތަކާ ދިމާޔަށެވެ. އާދެ، ކުރީންވެސް ދެންނެވިފަދައިން ކީރިތި ޤުރުއާނުގައި ވަނީ އުޙުދު ހަނގުރާމައިގައި މުސްލިމުންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހުނީ ކީއްވެގެންކަން ބަޔާންކުރައްވައިފައެވެ. މުސްލިމުންގެ ކިބައިގައިހުރީ ކޮންކޮން ބަލިކަށިކަންކަމެއްކަން ފާހަގަކޮށްދެއްވައިފައެވެ. ހަމައެއާއެކު މުސްލިމު ސިފައިންގެ ސިފަވަންތަކަމުގެ ޝުޢޫރަށް އާރޯކަން ގެނެސްދެއްވައިފައެވެ. މުސްލިމުންގެ ހިތްތަކުގައި ބިންވަޅުނަންގަވައިދެއްވީ ހަނގުރާމަތަކުގައިވެސް ކާމިޔާބީ އާއި ނާކާމިޔާބީގެ ނިޔާކަނޑައަޅާ ބާރަކީ އަޚްލާގީ ބާރުކަމެވެ. އަޚްލާގީ ބާރުގެ އެންމެއިސްކުންނަކީ ނުވަތަ ތުއްރަވާހަކީ ކެތްތެރިކަންކަމެވެ. ކީރިތި ޤުރުއާނުގައި މުސްލިމުންނަށް އިރްޝާދުދެއްވީ ހަނގުރާމައިގެ މައިދާނުގައިވެސް ޢަޞަބިއްޔަތުގެ ޖަޒުބާތުން އެއްކިބާވުމަށެވެ. ދުނިޔަވީ ފައިދާތަކަށް ދަހިވެތިވުމުން ހުސްދުރުވެގަތުމަށެވެ. ހަމައެކަނި މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުމާއި ޙައްޤަށް ނަޞުރުދިނުމާއި، އާޚިރަތުގެ ކާމިޔާބީއަކީ އަމާޒުފަތްގަނޑަކަށް ހެދުމަށެވެ. މިގޮތުން މުސްލިމް ސިފައިންނަށް ދަސްކޮށްދެއްވީ ޖިހާދަކީ ދުނިޔަވީ ކަމެއްނޫން ކަމެވެ. ދީނީ މަޞްލަޙަތުތަކަކަށްޓަކައި ކުރެވޭ ޚާލިސް އަޅުކަމެއްކަމެވެ. ހަނގުރާމަތަކުގައި ފަތަޙަލިބުމާއި ބަލިވުމުގެ ނިޔާކަނޑައެޅުއްވުމުގެ ބާރުވަނީ ހުސްޠާހިރުވަންތަ، ކަށަކުޅަދުންވަންތަ، ރަސްވަންތަ ﷲ ގެ ޔަދުޤުދްރަތްޕުޅުގައިކަމެވެ. އެހެންކަމުން އެކަލާނގެ ކަނޑައަޅުއްވައިފައިވާ ޤާނޫނުތަކަށް ފަރުވާވެތިބެ އެކަލާނގެ ރުހިވޮޑިގަތުން ހޯދަން ތާއަބަދު ހަނދާން ބެހެއްޓުމަށެވެ. މި ޙަޤީޤަތްތައްވަނީ ދުޢާއެއްގެ ތައްގަނޑަށް ފައްތަވައި މުސްލިމުންނަށް ދަސްކޮށްދެއްވައިފައެވެ.

" ވެރިކަން މިލްކުވެވޮޑިގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި އިބަރަސްކާލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކާލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހައި ހެޔޮކަންވަނީ އިބަރަސްކާލާނގެ ޔަދުޤުދުރަތްފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި، ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ. އަދި، މަރުވަފައިވާ ތަކެތީން ދިރޭތަކެތި ނެރުއްވަމުއެވެ. އަދި، ދިރޭތަކެތީން މަރުވެފައިވާ ތަކެތި ނެރުއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވަކިމިންވަރެއްނެތި ރިޒުޤު ދެއްވަމުއެވެ.

( އާލުޢިމްރާން : 27، 26)

  1. ކީރިތ ޤުރުއާނުގައި އިރްޝާދުދެއްވައިފައިވަނީ މަރަކީ ވަގުތުކަނޑައެޅިފައިވާ ކަމެއް ކަމުގައެވެ. ކޮންމެ ގޮތެއްގައިވެސް މާތްﷲ ގެ އިޒުނަފުޅާއެކު ކަނޑައެޅިފައިވާ ވަގުތުގައި މަރު އިންސާނުންނާ ބައްދަލުކުރާނެކަމެވެ. މި ޙަޤީޤަތް އޮޅުންފިލުއްވައިދެއްވުމުގެ ޒަރީޢާއިން ވަނީ މަރުދެކެ ގަންނަބިރު މުސްލިމް ސިފައިންގެ ހިތްތަކުން ފިލުއްވައިދެއްވައިފައެވެ. ފުރާނަ ސަލާމަތްކުރުމުގެ ފިކުރުގައި ވާޖިބުއަދާކުރުމާ މެދު ފަރުވާކުޑަކުރުމަކީ އުމުރު ދިގުވާނެކަމެއްނޫންކަން ބަޔާންކޮށްދެއްވައިފައެވެ. ހަނގުރާމައިގެ މައިދާނުގައި މަރާ ހަތަރުކަޅިހަމަކޮށްގެން ތިބެ ޖިހާދުގައި ކުރިއަށް ދިޔުމަށް އިރްޝާދުދެއްވައިފައެވެ. ( އާލުޢިމްރާން : 145)
  2. އިސްވެދިޔަ މަތިވެރި ފިލާވަޅުތަކަށްފަހު މުސްލިމުންނަށް ހާމަކޮށްދެއްވާ ރަން ޙަޤީޤަތަކީ މާތްﷲގެ މަގުގައި ޤަތުލުވާމީހުންގެ މަރަކީ އެހެންމީހުންގެ މަރުވުމާ އެއްފަދަ މަރެއްނޫންކަމެވެ. މާތްﷲގެ މަގުގައި ޤަތުލުވާ މީހުންގެ މަރަކީ އިޙްތިރާމު ލިބިގެންވާ މަރެއްކަމެވެ. މިމޭރުމުން އަންގަވައިފައިވަނީ ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރުމަށެވެ. އަދި، ކީއްތޯއެވެ. އެއުރެންނަކީ އެއުރެންގެ ވެރިރަސްކާލާގެ ޙަޟްރަތުގައި ރިޒްޤުލިބޭ ޙާލު ދިރިތިބި ބައެއްކަމެވެ. އެއުރެން ތިބޭނީ ﷲ ގެ ފަޟުލުވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ ޙާލުގައިކަމެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއްނެތްކަމާއި، އަދި، އެއުރެންނީ ހިތާމަކުރާނެ ބަޔަކުކަމުގައި ނުވާކަމާމެދު، އުފާކުރާ ޙާލުގައިކަމެވެ. އެއުރެން ވަނީ ﷲ ގެ ޙަޟްރަތުން ދެއްވާ ނިޢުމަތާއި ފަޟުލުވަންތަކަމާމެދުގައްޔާއި އަދި، ހަމަކަށަވަރުން ﷲ، މުއުމިނުންގެ ދަރުމަ ގެއްލެނިނުކުރައްވާނޭކަމުގެ ޔަޤީންކަމުގައި އުފާކުރާ ގޮތުގައިކަމެވެ. ( އާލުޢިމްރާން : 171-169)

މިގޮތުން ޝަހީދުވުމުގެ މުޅީން އާ އަދި އެހާމެމަތިވެރި މަފްހޫމެއްވަނީ ތަޢާރުފްކޮށްދެއްވައިފައެވެ. ޝަހީދުންގެ މަރަކީ އެމަރުދެކެ ބިރުގަތުމުގެ ބަދަލުގައި އެފަދަ މަރުވުމަކަށް އެދި ދުޢާކުރެވޭފަދަ މަރެއްކަމެއް ބަޔާންކޮށްދެއްވައިފައެވެ.

އިސްވެދިޔަ މަތިވެރި އިރްޝާދުތަކާ ވިދިގެން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޝަހީދުންގެ މައްޗަށް ރޮއި ހިތާމަކުރުން މަނާކުރައްވައިފައެވެ. ޞާލީޙު އިންޤިލާބީ ޙަރަކާތްތައް ފާޅުވެގެން އަންނަ ހިނދު އެއިންޤިލާބުތަކާ ގުޅޭ ރަން އިސްޠިލާޙުތައްވެސް އަންނަނީ އުފެދެމުންނެވެ. އެއިސްތިލާޙުތަކަށް ޚާއްޞަ މާނަތަކެއް އެކަށައެޅެމުންނެވެ. އެހައިތަނަށް ޢާއްމުވެފައި ހުންނަ މާނަތައް ބަދަލުވަމުންނެވެ. މަޤްޞަދަކީ ކުރިންވެސް ދެންނެވިފަދައިން ޖިހާދަކީ ދުނިޔަވީކަމެއް ނޫންކަމާއި ދީން ބާރުއަޅާކަމެއްކަމާއި މާތްﷲ އަށްޓަކައި ކުރެވޭ އަޅުކަމެއްކަން އެންގެވުމެވެ.

އިސްލާމްދީނުގެ ޖިހާދުގެ ނަޒަރިއްޔާ ޞަރީޙުކޮށް ބަޔާންކުރާގޮތުގައި ޖިހާދަކީ އަމިއްލަ އަމިއްލައަށް ކުރެވޭނެކަމެއް ނޫނެވެ. ޖިހާދު އިޢުލާންކުރުމަކީ މުސްލިމުންގެ ވަލިއްޔުލްއަމްރު (މިޒަނާގައި އެމީހަކު ނިސްބަތްވާ ދައުލަތުގެ ވަލިއްޔުލްއަމްރު)ގެ މަސްޢޫލިއްޔަތެކެވެ. ޖިހާދުގެ ނަމުގައި އަމިއްލަ އަމިއްލަޔަށް ނުކުމެ މާތްﷲ ގެ އަޅުތަކުންގެ ފުރާނަތަކަށް ގެއްލުންދީ ޙުރުމަތްތެރިކުރައްވައިފައިވާ ލޭތައް އޮހޮރުވައި ތިމާ އަމިއްލަޔަށް ތިމާގެ ނަފުސު ކަތިލުމަކީ އެއްވެސް ޙާލެއްގައި ޖިހާދުކުރުމެއްނޫނެވެ. ދީން ތަރްޙީބުދޭ ކަމެއްވެސް ނޫނެވެ.

  1. މުނާފިޤުންކުރެ ގިނަމީހުން އިސްލާމީ ލަޝްކަރާ ވަކިވެގެން ދިޔަ ކަމުގައިވިޔަސް އޭގެތެރެއިން މަދުބަޔަކު އިސްލާމީ ލަޝްކާރާއެކު މައިދާނުގައި ތިއްބެވެ. މުސްލިމުންނަށް ކުރިމަތިވާ ނާޒުކު މަރްޙަލާތަކުގައި މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފައްދަން މަސައްކަތްކުރުމާއި މުސްލިމުންގެ ބަދަހި ނިޒާމު ރޫޅައިލުމުގައި އެމީހުންގެ ދައުރު ވަރަށް ބޮޑެވެ. ހަނގުރާމަ ނިމުމަށްފަހުވެސް އެކި ވަސްވާސްތައް ފަތުރަން އެމީހުން ހީވާގިކަމާއެކު މަސައްކަތްކުރިއެވެ. "މިވެނިކަމެއް އެވެނިހެން ވީނަމަ މިވެނިކަމެއް ނުހިނގީހެވެ. އަމުރުވެރިކަމުގެ ތެރެއިން އެއްވެސް ހިއްސާއެއް ތިމަންމެނަށް ލިބިފައިއޮތްނަމަ އުޙުދު ހަނގުރާމައިން މިނުކުތް ނަތީޖާއެއް ނުނިކުތީހެވެ." ކިޔައިގެން ފިތުނަވެރިވާހަކަ ދެއްކިއެވެ. އެވާހަކަތަކުގެ ޖަވާބުގައި ހުރިހާކަމެއް މިލްކުވެވޮޑިގެންވަނީ މާތްﷲ އަށް ކަމަށާއި، އެބައެއްގެ މައްޗަށް ޤަތުލުވުން ކަނޑައަޅުއްވައިފައިވާ މީހުން އެމީހުން ޤަތުލުވެގެން ވެއްޓޭނެ ތަނަށް ނުކުންނާނެކަން އެންގެވިއެވެ.
  2. ޖަބަލުއްރުމާތުގައި ބައިތިއްބެވި ތީރުވެރީންގެ ގިނަބޭކަލުން ފަރުބަދައިން ފައިބައިވަޑައިގަތުމުގެ ސަބަބަކަށްވީ ޣަނީމާ އެއްކުރެއްވުމުގައި ބައިވެރިވެވަޑައިނުގަންނަވާނަމަ ޣަނީމާއިން ބައި ލިބިވަޑައިނުގެންފާނެކަމުގެ ޝައްކު ހިތްޕުޅުގައި އުފެދުމެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހަމަޖެހިވަޑައިގަތުމަށްފަހު ތީރުވެރީންގެ މައްސަލަ ބެއްލެވިއެވެ. އެބޭކަލުން ޖަވާބުދާރީކުރެއްވިއެވެ. އިތުރުސާހިބާގެ ސަރީޙު އަމުރުފުޅާ ޚިލާފަށް ފަރުބަދަމަތީން ފައިބައިވަޑައިގެންނެވީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. އެބޭކަލުން ދެއްކެވީ ތަފާތު ޢުޒުރުތަކެވެ. ބުރަދަނެއްނެތް ވާހަކަފުޅުތަކެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެޖަވާބުތައް އަޑުއައްސަވައިފައި ޙަދީޘުކުރެއްވިއެވެ. " ނޫނެކެވެ. ޙަޤީޤަތަތުގައި ތިޔަބައިމީހުންނަށް ކުށްހީއެއް ކުރެވުނީއެވެ. އަހުރެން ޚިޔާނާތްތެރިވެ ތިޔަބައިމީހުންގެ ބައި ނުދީފާނެހެން ހީވީއެވެ."

އާލުޢިމްރާން ސޫރަތުގެ 161 ވަނަ އާޔަތުގައި ވަނީ އެކަމަށް އިޝާރާތްކުރައްވައިފައެވެ. ކީރިތި ޤުރުއާނުގެ އެބަސްފުޅުގެ މަޤްޞަދަކީ އެބޭކަލުންނަށް ހީފުޅުކުރެއްވުނު ގޮތަށް އެކަންނުވާނެކަން އެންގެވުމެވެ. އާދެ، ތީރުވެރީންނަށް އަންގަވައިފައިވަނީ އެބޭކަލުންގެ ލަޝްކަރުގެ ކޮމާންޑަރަކީ ޚުދު ﷲ ގެ ނަބިއްޔާކަމެވެ. ހުރިހާ ބާރަކާއި އިޚްތިޔާރެއް އެކަލޭގެފާނުގެ އަތްޕުޅުގައިވަނިކޮށް ތީރުވެރީން އެބޭކަލުންގެ ހައްޤު ރައްކައުތެރިނުވާނެ ކަމަށް ހީފުޅުކުރައްވަން ޖެހިވަޑައިގަންނަވާނެ އެއްވެސް ސަބަބެއް ނެތްކަމެވެ. އިތުރުސާހިބާގެ ބެއްލެވުމުގެ ދަށުގައިހުރި މުދަލެއް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިންސާފުގެ މަގުނޫން އެހެން މަގަކުން ބެހިގެން ހިނގައިދާނެކަމަށް ހީކުރައްވާނެ ކުޑަވެސް ޖާގައެއްނެތްކަމެވެ. ޣަނީމާއަށް ޚިޔާނާތްތެރިވެވަޑައިގަތުމަކީ ނުވަތަ ބަޔަކު ޚިޔާނާތްތެރިވިޔަ ދެއްވުމަކީ ނަބީބޭކަލުންގެ ފަރާތްޕުޅުން ހިނގާނެކަމެއްނޫންކަމެވެ.

  1. ދުޝްމިނުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒަޚަމުކޮށްލުމުން ޞަޙާބީންގެ ތެރެއިން ބައެއްބޭކަލަކު ވިދާޅުވިއެވެ. " އޭ މާތްﷲގެ ރަސޫލާއެވެ. މިއަނިޔާވެރިންނަށް ބަދު ދުޢާކުރައްވާށެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަވާބުދެއްވިއެވެ. ތިމަންކަލޭގެފާނު ފޮނުއްވީ ދުނިޔެއަށް ރަޙްމަތެއްކަމުގައެވެ. ލަޢުނަތެއް ކަމުގައެއްނޫނެވެ! އެހެން ވިދާޅުވުމަށްފަހު އަންނަނިވި މޭރުމުން ދުޢާފުޅުކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ޤައުމަށް ތެދުމަގު ދައްކަވާނދޭވެ! އެބައިމީހުންނަށް ( މިއަޅާއާއި ، މިއަޅާގެ މުހިންމަތާއި، ހަޔާތުގެ ޙަޤީޤަތް) ނޭނގެނީއެވެ. "

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޖަވާބުފުޅާއި، އެކަލޭގެފާނުގެ ދުޢާފުޅުން އެނގެނީ އިތުރުސާހިބާ އެކަލޭގެފާނާ އިދިކޮޅުމީހުންނާމެދު ވިސްނުންފުޅުގެންގުޅުއްވިގޮތްކޮޅެވެ. ނުހަނު ސާފުކޮށް އެނގޭގޮތުގައި އެމާތް ސާހިބާގެ ހިތްޕުޅުގައި ބަދަލުހިއްޕެވުމުގެ ޒާތީވިސްނުންފުޅެއްނެތެވެ. ދުޝްމިނުން ފަނާވެދާކަށްވެސް އެދިވަޑައެއް ނުގަންނަވައެވެ. އެމާތްސާހިބާ އެދިވަޑައިގަންނަވާހައިވެސް އެދިވަޑައިގެންނެވުމަކީ އެމީހުންގެ އިސްލާޙެވެ. އިސްލާމްވުމެވެ. މުޝްރިކުންގެ އަސްކަރީ ފިޔަވަޅުތަކަށް ޖަވާބުދެއްވީވެސް މަޖްބޫރުވެވަޑައިގަތުމުގެ ސަބަބުންނެވެ. އެބައިމީހުންގެ ޢަސްކަރީ ކުރިމަތިލުމަށް ޢަސްކަރީ ޖަވާބެއް ނުދެއްވައި ފަރުޖެއްސެވޭނެ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

(ނިމުނީ)

ޙަވާލާ :

  1. ޕޭޣަމްބަރެ އަޢުޡަމް ވަ އާޚިރު ޑޮކްޓަރ ނަޞީރު އަހްމަދު ނާސިރު
  2. އައްރަޙީޤުލް މަޚްތޫމި މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ
  3. މުޙުސިނެ އިންސާނިއްޔަތު ނަޢީމުޞިއްދީޤީ
  4. ސީރަތުއްނަބިއްޔު ޢައްލާމާ ޝިބްލީ ނުޢުމާނީ، ސައްޔިދު ސުލައިމާނު ނަދުވީ
  5. ހަޔާތެ ސަރުވަރެ ކާއިނާތެ

ޞައްލަﷲ ޢަލައިހިވަސައްލަމަ އަބޫބަކުރު ސިރާޖުއްދީން (MARTIN LINGS)

  1. ތަފްހީމުލް ޤުރްއާން މައުލާނާސައްޔިދު އަބުލްއަޢުލާމައުދޫދީ
  2. އަލްޤުރުއާނުލް ކަރީމުގެ ދިވެހި ތަރުޖަމާ

އިތުރަށް މުޠާލިޢާކުރީ :

  1. ނަބީރަޙުމަތެ ޞައްލަﷲ ޢަލައިހިވަސައްލަމަ މައުލާނާ ސައްޔިދު އަބުލް ޙަސަން ޢަލީނަދުވީ
  2. އައްސިޔަރަތުއް ނަބަވިއްޔާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން
comment ކޮމެންޓް