ބާސާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވި ސަބަބު އޭނާގެ ބައްޕަގެ ދުލުން!

ނޭމާގެ ބައްޕަ ނޭމާ ސީނިއާ ބުނީ، އޭނާގެ ދަރިފުޅު ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ފައިސާއަށް ނޫން ކަމަށާއި ފުޓްބޯޅަ ކުޅެ ކާމިޔާބީ ހޯދަން ކަމަށް -- ފޮޓޯ: ގެޓީ

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއަރ ބާސެލޯނާ ދޫކޮށް، ފްރާންސްގެ މުއްސަނދި ކްލަބް ޕީއެސްޖީއަށް ބަދަލުވީ ފައިސާއަށްޓަކައި ނޫންކަމަށް، އޭނާގެ ބައްޕަ ނޭމާ ސީނިއަރ އަނެއްކާވެސް ތަކުރާރުކޮށް ބުނެފިއެވެ.

ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ބާސާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާގެ ޓްރާންސްފަރ ފީއަކީ 222 މިލިއަން ޔޫރޯއެވެ.

''ޓެލެފުޓް''އަށް ދިން އިންޓަވިއުއެއްގައި ނޭމާގެ ބައްޕަ ބުނީ، އޭނާގެ ދަރިފުޅު ޕީއެސްޖީއަށް ބަދަލުވުމުގައި އޮތީ ހަމައެކަނި ޕްރޮފެޝަނަލް ސަބަބުތަކެއް ކަމަށެވެ.

"ނޭމާގެ ގާތް ރަހްމަތްތެރީން ކަމަށްވާ، މެސީ، ސުއަރޭޒް، ރަކިޓިޗް އަދި ޕީކޭ ފަދަ ކުޅުންތެރީން ވަރަށް ބޮޑަށް މަސައްކަތްކުރި އެ ކްލަބުގައި ނޭމާ މަޑުކުރުވަން. ވަރަށް އުނދަގޫ ނިންމުމެއް، އެހެން ނަމަވެސް ނޭމާ ބޭނުންވީ ބަދަލުވާން،" ނޭމާގެ ބައްޕަ ބުންޏެވެ.

ނޭމާގެ ބައްޕަ ބުނީ، މީގެ ކުރީންވެސް ޕީއެސްޖީން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުނު ކަމަށާއި އެފަހަރު އެއްބަސްވުމަކާ ހަމައަށް ނާދެވުނީ ކަމަށެވެ. އަދި މިފަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވުމުން ހައިރާންކަން ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ.

"ނޭމާ ބޭނުންވީ މި ޗެލެންޖާ ކުރިމަތިލާން. އަހަރެމެން އޭނާއަށް އެހީތެރިވީ،" ނޭމާގެ ބައްޕަ ބުންޏެވެ.

"މިފަހަރު ޕީއެސްޖީގެ ހުށަހެޅުން ވަރަށް ޝައުގުވެރިކުރުވި. ފްރެންޗް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ އޭގެ ތެރޭން ނޭމާ އެންމެ ބޮޑަށް ޝައުގުވެރިކުރުވި ކަންތައްތައް.

"ހަގީގަތަކީ އޭނާ ޕީއެސްޖީއަށް ބަދަލުވުމަށް އެންމެ ފަހު ވަގުތުވެސް އަހަރެން ފަސްޖެހުނީ.

"އަހަރެން ނޭމާ ގާތު ބުނިން، ދަރިފުޅާއޭ މިހާރު ތިހިރީ އެންމެ ރަނގަޅު ތަނުގައޭ، ބާސާއަކީ ދަރިފުޅަށް މިހާރު އެންމެ ރަނގަޅު ތަނޭ މަޑުކުރަން. ހަމަޖެހިގެން ހުންނާށޭ. އެހެން ނަމަވެސް ނޭމާ ބޭނުންވީ އޭނާގެ 'ކޮންފޯޓް ޒޯން' އިން ބޭރަށްދާން. އަދި އޭނާ ބޭނުންވީ ރިސްކު ނަގަން."

ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ފަހުން ނޭމާ ވަނީ އޭނާގެ އާ ކްލަބަށް މިހާތަނަށް ޖުމުލަ އަށް މެޗު ކުޅެފައެވެ. އަދި ފްރެންޗް ލީގާއި ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު މެޗުތަކުގައި މިހާތަނަށް އަށް ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

comment ކޮމެންޓް