ކުރިޔަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައި ކެތަލޯނިޔާއިން މިނިވަންކަން އިޢުލާން ކުރަނީ

ކެތަލޯނިޔާގެ ރައީސް ކާލްސް ޕުޖްޑެމޮން

ބާސެލޯނާ (އޮކްޓޯބަރ 4): ސްޕޭންގައި ލާމަރުކަޒީގޮތުން ވެރިކަންކުރާ ކެތަލޯނިޔާ ސަރަހައްދުގެ ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތަކުން މިނިވަންކަމަށް އާނބަސް ބުނެފައިވާތީ ކުރިޔަށްއޮތް މަދު ދުވަސްތަކެއްގެ ތެރޭގައި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާން ކުރާނެކަމަށް އެސަރަހައްދުގެ ރައީސް ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެއެވެ.

މިނިވަންކަމަށް ތާއީދުކޮށް ރައްޔިތުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޕުޖްޑެމޮން ވިދާޅުވީ، ކެތަލޯނިޔާގެ މިނިވަންކަމަކީ އެސަރަހައްދުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެނެއްކަމަށާއި ކުރިޔަށްއޮތް ހައެއްކަ ދުވަހުގެ ތެރޭގައި އެހުވަފެން ހަގީގަތަކަށްވާނެ ކަމުގައެވެ. ސްޕޭންގެ ސަރުކާރަށް ކެތަލޯނިޔާގެ މިނިވަން ދައުލަތަށް ހުރަސް ނޭޅޭނެ ކަމަށާއި އެކަމަށް ހުރަސްއެޅުމަށް ސްޕޭނުންކުރާ މަސައްކަތްތައްވާނީ ބޭކާރުކަމަށްވެސް ޕުޖްޑެމޮން ވިދާޅުވިއެވެ.

އަނެއްކޮޅުން ސްޕޭންގެ ރަސްގެފާނު ފިލިޕީ ހަވަނަ ވަނީ ގައުމަށް ޚިޔަނާތްތެރިވި ކަމުގެ ތުހުމަތު ކެތަލޯނިޔާ ސަރުކާރުގެ ބޮލުގައި އަޅުއްވާފައެވެ. ކެތަލޯނިޔާ ވަކިވެގެން ދިޔުމަކީ ގައުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި މިނިވަންކަން އިޢުލާންކުރުމަށްޓަކައި ބޭއްވި ވޯޓަކީ ޣައިރު ގާނޫނީ ވޯޓެއްކަމަށްވެސް ފިލިޕީ ހަވަނަ ސިފަކުރެއްވިއެވެ.

ކެތަލޯނިޔާގެ މިނިވަންކަމާބެހޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ 90 އިންސައްތަ މީހުން މިނިވަންކަން އިޢުލާން ކުރުމަށް ތާއީދުކޮށްފައިވާ ކަމަށް އެސަރަހައްދުގެ ރައީސް ކާލްސް ޕުޖްޑެމޮން ވަނީ ހާމަކުރައްވާފައެވެ. އެ ވޯޓަށް ހުރަސްއެޅުމަށް ސްޕެއިންގެ މައިސަރުކާރުން ކުރި ހުރިހާ މަސައްކަތްތަކެއްވަނީ ނާކާމިޔާބުވެފައެވެ. ސްޕެއިން ސަރުކާރުގެ ހުރަސްއެޅުމާއެކުވެސް ކެތަލޯނިޔާގެ ރައްޔިތުންގެ ތެރެއިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ސާޅީސް ދޭއް ޕޮއިންޓް ތިނެއް އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

ވޯޓުލުން ހުއްޓުވުމަށްޓަކައި ސްޕޭންގެ ފުލުހުން ބާރުގެ ބޭނުން ކުރުމުން ކެތަލޯނިޔާގެ އާންމުންގެ ތެރެއިން އަށްސަތޭކައަށްވުރެ ގިނަމީހުންނަށް އެކިވަރުގެ އަނިޔާތަކާއި ގެއްލުންތައްވަނީ ލިބިފައެވެ. ވޯޓާ ދެކޮޅަށް މިހާބޮޑަށް ފުލުހުން ބާރުގެ ބޭނުން ކުރިނަމަވެސް އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ވަކާލާތުކުރާ ޔޫރަޕްގެ އިއްތިޙާދުން މިކަން ކުށްވެރިކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޔޫރަޕްގެ އިއްތިޙާދުން ކުށްވެރިކޮށްފައިވަނީ ކެތަލޯނިޔާގެ ރައްޔިތުންނެވެ.

އިއްޔެ ކެތަލޯނިޔާގައި ވަނީ ސްޕެއިންގެ ފުލުހުން ބާރުގެ ބޭނުންކުރުމުން އަނިޔާ ލިބުނު މީހުންގެ ހައްގުގައި ވަރުގަދަ ހަޅުތާލެއް ކޮށްފައެވެ. މި ހަޅުތާލާއެކު އެސަރަހައްދުވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މިނިވަންކަމަށް ތާއީދުކޮށް އެތަށް ލައްކަ ބަޔަކުވަނީ އެއްވުންތައްވެސް ބާއްވާފައެވެ. ކެތަލޯނިޔާއަކީ ސްޕޭންގައި ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމުގެ ބޮޑެތި ބާރުތަކެއް ދީފައިވާ ސަރަހައްދެކެވެ.

ސްޕޭންގެ އާބާދީގެ ގާތްގަނޑަކަށް ސޯޅަ އިންސައްތަ ކަމަށްވާ ހަތެއް ޕޮއިންޓް ފަހެއް މިލިޔަން މީހުން ދިރިއުޅެނީ ކެތަލޯނިއާ ސަރަހައްދުގައެވެ. އަދި ސްޕޭންގެ ގައުމީ އާމްދަނީގެ ގާތްގަނޑަކަށް ވިހި އިންސައްތަ ހިއްސާ ކުރަނީވެސް ކެތަލޯނިޔާގެ އުފެއްދުންތަކެވެ. އެހެންކަމުން ކެތަލޯނިޔާއިން މިނިވަންކަން އިއްލާންކުރުމުން ސްޕޭންގެ ދައުލަތް ވަރަށް ބޮޑަށް ބަލިކަށިވެ ނިކަމެތިވެގެންދާނެއެވެ. އަދި ސްޕޭންގެ ބާރާއި ނުފޫޒުވެސް ޔޫރަޕްގައި ވަރަށް ބޮޑަށް ކުޑަވެގެންދާއެވެ.

މީގެއިތުރުން ސްޕޭންގެ އެހެން ސަރަހައްދެއްކަމަށްވާ ބާސްކް ސަރަހައްދުވެސް ގެންދަނީ އެގައުމުން ވަކިވެ ގަތުމަށް މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް