ޝާހުގެ ފިލްމުގައި ސްރީދޭވީ، ކާޖޮލް، ރާނީ، ކަރިސްމާ އަދި އާލިއާ ވެސް!

ސުޕަރސްޓާ ޝާހުރުކް ޚާން 'ޑްވޯފް' އެއްގެ ރޯލުން ފެނިގެންދާ ފިލްމުގައި އޭނާ އާއެކު ގިނަ އަދަދެއްގެ އަންހެން ފަންނާނުން ފެންނާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

އާނަންދު އެލް ރާއި ޑައިރެކްޓު ކުރާ އެ ފިލްމުގައި ޝާހު އާއެކު ލީޑު ރޯލުތަކުން ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް އެވެ. އެހެން ނަމަވެސް ޚާއްސަ ފެނިލުމުގެ ގޮތުގައި ޝާހު އާއެކު މަސައްކަތް ކޮށްފައިވާ ގިނަ އަދަދެއްގެ އަންހެން ފަންނާނުން ފިލްމުގައި ހިމަނާފައިވެ އެވެ.

އެގޮތުން ފިލްމުން ފެނިގެން ދާނެ ފަންނާނުންނަކީ ސްރީދޭވީ، ކާޖޮލް، ރާނީ މުކަރްޖީ، ކަރިސްމާ ކަޕޫރު އަދި އާލިއާ ބަޓް އެވެ. ޝާހު ވަނީ ފަސް ބަތަލާ އިންނާ އެކު ނަގައިފައިވާ ފޮޓޯ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

ދެ ފޮޓޯގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ރާނީ އަދި ކާޖޮލް އާއެކު ޝާހު ޕޯސްޓު ކުރި ފޮޓޯ އަށެވެ. އެއީ ގިނަ ދުވަސްތަކަކަށް ފަހު ރާނީ އާއި ކާޖޮލް އެއް ފްރޭމަކުން ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާރު ފަސް ފަންނާނުން ވަނީ ފިލްމުގެ މަންޒަރުތައް ޝޫޓުކޮށް ނިންމައިފައެވެ. އަދި ފިލްމަށް އެއްވެސް މީހަކު އަގެއް ކިޔައިފައެއް ނުވެ އެވެ.

ފަސް އަންހެން ފަންނާނުންގެ އިތުރުން، އެ ފިލްމުގައި ސަލްމާން ޚާންގެ ފެނިލުމެއް ވެސް ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

'ޑްވޯފް' އަކީ ފިލްމުގެ ނަމެއް ފައިނަލް ވަންދެން ފިލްމަށް ވަގުތީ ގޮތުން ދީފައިވާ ނަމެވެ. އެ ފިލްމުގައި ޝާހު އަދާކުރާނީ ޑްވޯފް އެއްގެ ރޯލެވެ. އެއީ އުމުރަށް ވުރެ ހަށިގަނޑު ކުޑަކޮށް ހުންނަ މީހެއްގެ ރޯލެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރުމަށް މަސައްކަތް ކުރަމުން އަންނަ އެ ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ މީރަތު، ނިއު ދިއްލީ، މުމްބާއި އަދި އެމެރިކާގައެވެ.

comment ކޮމެންޓް