18 އަހަރުގެ ޚިދުމަތާއެކު މޯލްޑިވް ގޭސް ދިރިއުޅުމުގެ މުހިއްމު ބައިވެރިއަކަށް!

ދެލޯ ނުހުޅުވޭވަރަށް ދުންއަރަމުން ދިޔަ އުނދުންތައް ރޯނުކުރެވިގެން އުޅުނު ހަނދާން ހުރި ކިތައް ދިވެހީން އެބަ ތިބިބާވައެވެ. ހަމަ ޔަގީނުންވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އަލަށް ލިބިގެންދާނޭ ގިނަ ޒުވާނުން މިހާރު އެފަދަ ބަދިގެތަކުގެ ތަޖުރިބާއެއް ނުހުންނާނެއެވެ. ސަބަބަކީ މީގެ 18 ވަރަކަށް އަހަރު ކުރީން ފެށިގެން ދިވެހި ބަދިގެ ތަކުން ދަރުއުނދުންތައް ގެއްލެން ފެށީއެވެ. ދިވެހި ބަދިގެތަކަށް ގޭސް އުނދުން އާންމުވާން ފެށީއެވެ.

މިއަދަކީ، ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި ކައްކާ ގޭސް ފޯރުކޮށްދޭ، ކުންފުނި "މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް"ގެ 18 ވަނަ އަހަރީ ދުވަހެވެ. ޚިދުމަތުގައި ހޭދަކުރި 18 އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވް ގޭސް ވަނީ، ފާހަގަކޮށްލަން ޖެހޭފަދަ ކުރިއެރުންތަކެއް ހޯދައިފައެވެ. އަދި މިއަދު އެއީ ބަދިގެއަށް ގޭސް ސަޕްލައިކޮށްދިނުމުގެ އިތުރުން، ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅުންހުރި ތަފާތު ދާއިރާތަކަށް ޚިދުމަތް ފޯރުކޮށްދެމުންދާ މުޙިއްމު ކުންފުންޏެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ބޮޑު ހިއްސާއަކާއެކު ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީއާ ގުޅިގެން 1999 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތިން ވަނަ ދުވަހު އުފަންކުރުވި މޯލްޑިވް ގޭސްއިން މިއަދު ވަނީ، އެކުންފުނީގެ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން ވޭތުވެ ދިޔަ ތިން އަހަރު ދުވަހަކީ މޯލްޑިވް ގޭސްއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާ ތިން އަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކުރިން ހަމައެކަނި ކައްކާ ގޭސް ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު ދެވަހުގެ ތެރޭގައި މޯލްޑިވް ގޭސްއިން ވަނީ، ސިއްހީ ދާއިރާއާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ގޭހުގެ ބާވަތްތައްވެސް ފޯރުކޮށްދޭން ފަށައިފައެވެ. ދިގު މާޒީއެއް އޮތް ކުންފުންޏަކުން، ކުރު މުއްދަތުގެ ތެރޭގައި ހޯދި މި ކާމިޔާބީގެ ސިއްރަކީ ކޮބައިހެއްޔެވެ.

" 18 އަހަރުގެ މުއްދަތެއް ފާއިތުވިއިރު އެވްރެޖް ގޮތެއްގައި އަޅުގަނޑުމެންގެ މައިގަނޑު ސޭލްއެއްގެ ގޮތުއި ހުރީ ކައްކާގޭސް. ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހަމަ ފާހަގަކޮށްލެވޭނެ، އަޅުގަނޑުމެންގެ ހުރިހާ ގެއެއްގައި ވެސް ހަމަ އާންމު ނަމެއް މޯލްޑިވް ގޭސްއަކީ،" މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މައުމޫން ސަންއަށް ވިދާޅުވިއެވެ.

އޭޕްރީލް 21، 2017: މޯލްޑިވް ގޭސް އިން ވިއްކަމުންދާ ހީލިއަމް ގޭސް ޕްރޮމޯޓް ކުރުމުގެ ގޮތުން "ހީލިއަމް ހަވީރު" ގެ ނަމުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްގޭސް އިން ވަނީ، ކާމިޔާބު ކުންފުންޏަކަށް ވުމަށް މުހިއްމު މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން މިހާރުވެސް ޖުމުލަ ތިން އައުޓުލެޓެއްގައި މަސައްކަތްކުރާ އެ ކުންފުނީގެ ގާތްގަނޑަކަށް 200އަށް ވުރެ ގިނަ މުވައްޒަފުން ބާރުވެރިކުރުވުމަށާއި، ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައިކަން އެމްޑީ މައުމޫނުވެސް ފާހަގަކުރެއެވެ.

"ކުންފުނީގެ ޚިދުމަތް ދިނުމުގެ ގާބިލްކަން މިހާރު ކުރިއަށްވުރެ އެތައް ގުނައެއް ރަނގަޅުވާނެ. މުވައްޒަފުން ތަމްރީނުކުރުމާއި، މުވައްޒަފުންނަށް މިދާއިރާއިން އިތުރަށް ކިޔަވައިދިނުން ފަދަ ކަންތައްތަކަކީ އަޅުގަނޑު ދެކޭގޮތުގައި ފާއިތުވި ތިން އަހަރު އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު އެއް އެޗީވްމަންޓް."

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން ސަންއަށް އިންޓަވިއުދެއްވަނީ -- ސަން ފޮޓޯ: ޖަޒްލާން މުހައްމަދު

ރާއްޖެއަކީ، ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ، ބިމުގެ ސަރަހައްދު ވަރަށް ކުޑަ އެހެން ނަމަވެސް 99 އިންސައްތަ ކަނޑުގެ ސަރަހައްދެއްގެ މައްޗަށް އުފެދިފައިވާ ގައުމެކެވެ. އެހެންކަމުން ގައުމަށް އަންނަ ކޮންމެ ކުރިއެރުމެއްވެސް، އަދި ތަރައްގީގެ ކޮންމެ ފަސޭހައެއްވެސް ލިބެމުން އަންނަނީ، ވެރިރަށް މާލެއަށް، ނުވަތަ މާލެއާ ކައިރި ބައެއް ރަށްތަކަށެވެ. ދަތުރު ފަތުރުގެ ނިޒާމުގެ ބޮޑުބައެއް އަދިވެސް ބަރޯސާވާން ޖެހޭނީ ކަނޑުގެ މަގުން ކަމަށް ވާތީ، އަތޮޅުތެރެއަށް މިފަދަ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ދަތި އުނދަގޫ ކަމަކަށް ވެއެވެ. މޯލްޑިވް ގޭސް މިވަނީ މިކަމަށްވެސް ހައްލެއް ހޯދުމުގެ މަގުމަތީގައެވެ.

ދެކުނުގެ ގޭސް ޕްލާންޓް

މޯލްޑިވް ގޭހުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގެ ރަށްރަށަށް ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން 2016 ވަނަ އަހަރުގެ ތެރޭގައި ވަނީ ބޮޑު މަޝްރޫއެއް ފަށައިފައެވެ. އެގޮތުން ގދ. ތިނަދޫގައި ގާއިމުކުރާ "ސްޓޮރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓް" ނުވަތަ ތިނަދޫގައި ހަދާ ގޭސް ފެކްޓަރީގެ މަސައްކަތަކީ، ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް އޭގެ ފައިދާ ނުހަނު ބޮޑަށް ކުރާނޭ މަޝްރޫއެކެވެ.

"ފާއިތުވެ ދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ، އޭގެ މަސައްކަތް ބޭރު ކުންފުނިތަކާއި، ދިވެހިރާއްޖޭން އެކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަސައްކަތް ކޮށްފައި. އޭގެ ތެރޭގައި އީއައިއީއާއި، ސޮއިލްޓެސްޓުގެ ކަންކަންވެސް ހިމެނޭ. މިފަދަ މަސައްކަތްތަކަކީ ވަރަށް ވަގުތު ނަގާ ކަންކަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެނިގެން ދާނެ،" މައުމޫން ވިދާޅުވިއެވެ.

އަމިއްލަ އުޅަނދުތައް ހޯދައިފި

ގޭސް ސަޕްލައިކުރުމުގައި އެހެން ފަރާތްތަކަށް ބަރޯސާވާން ޖެހުމަކީ، ގޭސް ފަދަ ބުރަ ޚިދުމަތެއް ފޯރުކޮށްދޭއިރު، ވަރަށް ބޮޑަށް އޭގެ އުނދަގޫ ތަހައްމަލުކުރާން ޖެހޭ ކަންކަމެވެ. އަދި އެކަމަށް ބޮޑު ޚަރަދުތަކެއްވެސް ކުރާން ޖެހޭ ކަމެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މޯލްޑިވްސް ގޭސް އިން މިވަނީ، އެ ކުންފުނީގެ އަމިއްލަ އުޅަނދެއް ހޯދައި، އޮޕަރޭޝަނަށް ނެރެފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި އިތުރު އުޅަނދުތައް ހޯދައި، އަތޮޅު ތެރެއަށް ގޭސް ސަޕްލައިކުރު އިތުރަށް ހަރުދަނާކުރުމަށް ވެސް ހަލުއި ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ވެސަލްއެއް މިވަނީ ލިބިފައި. އެއީ ގޭސްމާ ކިޔާ ދޯންޏެއް. މީގެ ކުރީން އަޅުގަނޑުމެން އެތައް ސަތޭކަ ރުފިޔާއެއް ޚަރަދުކޮށްގެން ކުއްޔަށް އުޅަނދުފަހަރު ނަގައިގެން މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އެކަމަށް މިވަނީ ހައްލެއް ހޯދިފައި،" އެމްޑީ ވިދާޅުވިއެވެ.

މީގެ އިތުރުން، އޮޕަރޭޝަންސްތައް ފުޅާވަމުންދާވަރަށް ޚިދުމަތްތައް ހަލުވިކޮށް، ފެންވަރު ދެމެހެއްޓުމަށްވެސް މިވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ތިލަފުށީގައި ހުންނަ މޯލްޑިވްގޭސްގެ ސްޓޭޝަންގައި އޮޓަމޭޓް އެލްޕީޖީ ފިލިން ޕްލާންޓަކާއި ކޮންވެޔާ ސިސްޓަމެއް ވަނީ ގާއިމުކޮށްފައެވެ. މި ޕްލާންޓަކީ އަމިއްލައަށް ގޭސް ފުޅިތައް ސާފުކޮށް، ފުޅިތައް ހިއްކައި، ގޭސް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ ކޮމްޕިއުޓަރައިޒްޑް ސިސްޓަމެކެވެ. އަދި ހަމަ އެއާއެކު ކުންފުނީގެ އޭޖެންޓުގެ އަދަދު އިތުރުކުރިއެވެ. ކުންފުނީގެ 275 އޭޖެންޓުން މެދުވެރިކޮށް، މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ދަނީ ގޭސް ސަޕްލައިކޮށްދެމުންނެވެ.

"މިހާރު އަޅުގަނޑުމެން އައްޑުއާއި ފުވައްމުލައް ސިޓީގައިވެސް އޭޖެންޓުން މެދުވެރިކޮށް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުން ދާއިރު، ގޭސް ވިއްކުމުގައި އަޅުގަނޑުމެންގެ ފުލް ކޮންޓްރޯލް އެބަ ލިބޭ. އަދި މުޅި ރާއްޖެއަށްވެސް އެގޮތަށް އަޅުގަނޑުމެން ކަނޑައަޅާ އަގުތަކެއްގައި ގޭސް ލިބޭނޭގޮތް ހެދުން އަމާޒަކީ.

ގޭހުގެ ތަފާތު ބާވަތްތައް މާކެޓަަށް ނެރެފި

ކައްކާ ގޭހުގެ އިތުރުން، ކުރިންވެސް ފާހަގަކުރި ފަދައިން މޯލްޑިވް ގޭހުން މިވަނީ، ސިއްހީ ދާއިރާއަށްވެސް ގޭސް ފޯރުކޮށްދޭން ފަށައިފައެވެ. އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި އޮކްސިޖަން ޕްލާންޓް ގާއިމުކޮށް ޚިދުމަތް ދެމުން ދާއިރު ރާއްޖޭގެ ސިއްހީ ދާއިރާގެ ބޮޑު ބަޔަކަށް މިހާރު ބޭނުންކުރާ އޮކްސިޖަން ސަޕްލައިކޮށްދެނީ މޯލްޑިވްގޭސް އިންކަން، އެ ކުންފުނީގެ އެމްޑީ މައުމޫން ފާހަގަކުރައްވަނީ ފަހުރުވެރިކަމާއެކު އެވެ.

ކައްކާ ގޭހާއި އޮކްސިޖަންގެ އިތުރުން، އިންޑަސްޓްރިއަލް ތަފާތު ބޭނުންތަކަށްވެސް މޯލްޑިވް ގޭސް މިހާރު ހުރެއެވެ. އެގޮތުން ކުރީން އާންމުންނަށް އެހާ ފަސޭހައިން ނުލިބޭ، ހީލިއަމް ގޭހާއި ފްރިއޯން ގޭސްވެސް މޯލްޑިވް ގޭހުން ވަނީ ބާޒާރަށް ނެރެފައެވެ.

އޭޕްރީލް 21، 2017: މޯލްޑިވް ގޭސް އިން ވިއްކަމުންދާ ހީލިއަމް ގޭސް ޕްރޮމޯޓް ކުރުމުގެ ގޮތުން "ހީލިއަމް ހަވީރު" ގެ ނަމުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހީލިއަމް ގޭހަކީ ވަރަށް އަގުބޮޑު އެއްޗެއް ރާއްޖޭގައި. ކޮންމެ މީހަކުވެސް ބޭނުންވާނެ ދެއްތޯ އެމީހެއްގެ ދަރިއަކަށް ބޭއްވޭ ޕާޓީ އެންމެ ރަނގަޅަަކަށް ބާއްވަން. ހީލިއަމް ބެލޫންތަކުން ޑެކަރޭޓްކުރަން. އެކަމަކު ހީލިއަމް ގޭހަކީ ވަރަށް އަގުބޮޑު ގޭހެއް ވީމަ އެންމެންނަކަށް އެފޯޑެއް ނުކުރެވޭ. އެކަމަކު މޯލްޑިވް ގޭހުން މި ޚިދުމަތް ތައާރަފްކުރި ފަހުން އިރާދަކުރެއްވިއްޔާ ހީލިއަމް ގޭސްވެސް މިހާރު އެންމެންނަށް ވެސް އެފޯޑްކުރެވޭވަރު ވެއްޖެ،" މައުމޫން ވިދާޅުވިއެވެ.

ގޭހުގެ އަގުތައް ރައްޔިތުން އަތްފޯރާ ހިސާބުގައި ބެހެއްޓުމަށް މޯލްޑިވް ގޭހުން ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އެގޮތުން ވާދަވެރި މާކެޓެއްގައި، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން، ތިން ފަހަރެއްގެ މަތީން ގޭހުގެ އަގު ހެޔޮކޮށްފައި ވެއެވެ. އޭރު ގޭސް ވިއްކި އަގަށްވުރެ މިހާރު 25 އިންސައްތަ އަގު ހެޔޮކުރުމަކީވެސް އާންމު ރައްޔިތުން މި ކުންފުންޏާމެދު އިތުބާރު ބޮޑުވެގެން ދިޔަ ސަބަބުތަކެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދާއިރުވެސް އަޅުގަނޑުމެން ޔަގީންކަން ދެން އިރާދަކުރެއްވިއްޔާ ރާއްޖޭގައި ގޭހުގެ އަގު އުފުލުނަ ނުދީ ހިފަހައްޓަން. އަޅުގަނޑުމެން އެހެން ދިމާއަކުން ވިޔަފާރިކޮށްގެން އެބައި ކަވަރކޮށްގެން ނަމަވެސް މިހާރު މި ލިބޭ އަގުތަކުގައި ގޭހުގެ އަގު ހިފަހައްޓަން މަސައްކަތްކުރާނަން."

އޭޕްރީލް 21، 2017: މޯލްޑިވް ގޭސް އިން ވިއްކަމުންދާ ހީލިއަމް ގޭސް ޕްރޮމޯޓް ކުރުމުގެ ގޮތުން "ހީލިއަމް ހަވީރު" ގެ ނަމުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވް ގޭހުން ހަމައެކަނި ކުންފުނީގެ ޚިދުމަތްތައް ފުޅާކުރަނީކީ ނޫނެވެ. 18 އަހަރުގެ ޚިދުމަތާއެކު، ކުންފުނީގެ އިޖްތިމާއީ ޒިންމާވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނެގުމަށް ކުންފުނިން ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ.

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް، މިހާރުވެސް ކައްކާ ގޭހާއި މެޑިކަލް ގޭސް ހިލޭ ސަޕްލައިކޮށްދެނީ މޯލްޑިވް ގޭހުންނެވެ. ރާއްޖޭގައި ކުރެވޭ އިޖްތިމާއީ ތަފާތު ހަރަކާތްތަކަށް ފުޅާ ދާއިރާއެއްގައި މި ކުންފުނިން އެހީތެރިވެއެވެ. އަދި ދިވެހީގެން އިގްތިޞާދީ، އިޖްތިމާއީ، ސަގާފީ، ކަންކަމާއި ޒުވާނުންނާއި ކިޔަވާކުދީންގެ ކުރިމަގު އުޖާލާކުރުމަށް ހިންގޭ ހަރަކާތްތަކަށްވެސް މި ކުންފުނީގެ ދީލަތި އެހީތައް ލިބޭކަން، އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުންވެސް ފާހަގަކުރަނީ އުފަލާއެކު އެވެ. މޯލްޑިވް ގޭސްގެ އަމާޒަކީ އަބަދުވެސް ދިވެހީންނާ އެންމެ ގާތުން، އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭ ދިވެހީންގެ ކުންފުންޏެއްގެ ގޮތުގައި ކުރިއަށް ދިއުމެވެ.

comment ކޮމެންޓް