ޖަޕާނުގެ މަޝްހޫރު އެކްޓްރެސް ޝޯކޯގެ ސޯލޯ ތިއޭޓަރ އަކާއެކު ވޯކްޝޮޕެއް މާލޭގައި!

ޖަޕާނުގެ މަޝްހޫރު އެކްޓްރެސް، ޕުލޭވްރައިޓް އަދި ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ޝޯކޯ އިޓޯގެ ހާއްސަ ސޯލޯ ތިއޭޓަރ ޝޯއަކާއެކު ޑްރާމާ ވޯކްޝޮޕެއް މާލޭގައި ބާއްވަން ނިންމައިފިއެވެ.

ބޮންސައި ސިޓީގެ ގޮތުގައި ޖަޕާނުގައި މަޝްހޫރު އޮމިޔާއަށް އުފަން ޝޯކޯ އިޓޯ އެންމެ ފުރަތަމަ ސްޓޭޖް ޑުރާމާއެއް ހުށަހަޅައިދިނީ 1983 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައެވެ. އަދި އުމުރުން އެންމެ ތިން އަހަރުގައި އޭނާ ވާހަކަ ލިޔަން ފެށިއިރު އޭނާއަކީ ޖަޕާނުގެ ސަގާފީ ކުރެހުމާއި ޖަޕަނީސް މާޝަލް އާޓްސް ދަސްކޮށްފައިވާ އަންހެނެކެވެ.

ޝޯކޯ ސްޓޭޖް ޑްރާމާ ހުށަހަޅަން ފެށިފަހުން މިހާރު 34 އަހަރު ވެފައިވާއިރު، އޭނާ ވަނީ ދުނިޔޭގެ 57 ގައުމެއްގެ ސޯލޯ ތިއޭޓަރުގެ ހުށަހެޅުންތައް ހުށަހަޅައިދީ އެތައް އެވޯޑެއް ވެސް ހާސިލް ކޮށްފައެވެ.

އެގޮތުން ނެދަލޭންޑްސް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ނެށުންތެރިޔާގެ އެވޯޑާއި ޔުކްރައިން ފިލްމު ފެސްޓިވަލްގެ ޝަރަފްވެރި އެވޯޑުގެ އިތުރުން ސްވިޒަލެންޑް، އެމެރިކާ އަދި ޖަރުމަނުގައި ދިން ހުށަހެޅުންތަކުން އޭނައަށް ވަނީ އެވޯޑް ލިބިފައެވެ.

ޝޯކޯ އިޓޯ އެންމެ މަޝްހޫރު ވެފައިވަނީ އޭނާގެ ސޯލޯ ޓިއޭޓަރ "ސަމުރާއީ ގްރޭޑްމާ" އިންނެވެ. އެ ހުށަހެޅުމަކީ އިންސާފުގެ ނަމުގައި ގޯސް ކަންތައްތަކަކާ ދެކޮޅަށް އާދަޔާ ހިލާފު ބާރުތަކެއް ލިބިގެންވާ ޖަޕާނުގެ މުސްކުޅި އަންހެނަކު ކުރާ ހަނގުރާމަތަކެއް ދައްކުވައިދޭ ހުށަހެޅުމެކެވެ. އެ ސްޓޭޖް ޑްރާމާގައި ޝޯކޯ 18 ކެރެކްޓާއެއް ދައްކާލަދެއެވެ.

މާލޭގައި ބާއްވާ ޝޯކޯގެ ސޯލޯ ތިއޭޓަރ އަދި ޑްރާމާ ވޯކްޝޮޕަކީ ޖަޕާނާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ މިއަހަރަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީ އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

އެގޮތުން ޝޯކޯގެ ތިއޭޓަރު މާދަމާ ރޭ 20:30 އިން 22:00 އަށް ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ޑްރާމާ ވޯކްޝޮޕް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 އިން 10:00 އަށް ގައުމީ ޔުނިވާސިޓީގެ ފައުންޑޭޝަން އިމާރާތުގެ ތިން ވަނަ ފަންގިފިލާގައެވެ.

ޝޯކޯގެ ސޯލޯ ތިއޭޓަރ އަދި ވޯކްޝޮޕްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

comment ކޮމެންޓް