ލަސް ވޭގަސްގައި 59 މީހަކު މަރާލި ބަޑީގެ ހަމަލާދިނީ މިލިއަނަރަކު!

ލަސް ވޭގަސްގައި އޮތް ކޮންސެޓެއްގައި ބަޑިން ހަމަލާ ދިން ސްޓީވެން ޕެޑޮކް -- ފޮޓޯ: އޭޕީ

އިއްޔެ އެމެރިކާގެ ލަސް ވޭގަސްގައި އޮތް ކޮންސެޓެއްގެ ތެރެއަށް ދިން ހަމަލާއަކީ އެގައުމުގެ ތާރީހުގައި ބަޑިން ހަމަލާދީ އެންމެ ގިނަ އަދަދެއްގެ މީހުން މަރާލި ހާދިސާ އެވެ. ފަންސާސް ނުވަ މީހަކު މަރުވެ، 527 މީހުންނަށް އަނިޔާވި އެހަމަލާގެ ފަހަތުގައި ވަނީ ސްޓީވެން ޕެޑޮކް ކިޔާ މަލްޓި މިލިއަނަރެކެވެ.

ޮެޮޕެޑޮކް އެހަމަލާ ދިނީ ކޮންސެޓު އޮތް ސަރަހައްދާ ކައިރީގައި ހުރި މަންޑަލޭ ބޭ ކަސީނޯ އެންޑް ހޮޓެލްގެ 32 ވަނަ ފަންގިފިލާއިންނެވެ. އޭނާ އެހޮޓެލުގެ ކޮޓަރިއަކަށް ޗެކް-އިން ކުރީ މިދިޔަ މަހުގެ 28ގަ އެވެ.

އިއްޔެ ލަސް ވޭގަސްގެ ކޮންސެޓެއްގައި ދިން ހަމަލާގައި 59 މީހުން މަރުވެ، 527 މީހުންނަށް އަނިޔާވި -- ފޮޓޯ: ގެޓީ

ލަސް ވޭގަސްގެ ޝެރިފް ޖޯސެފް ލޮމްބާޑޯ ވިދާޅުވި ގޮތުގައި ޕެޑޮކް އެ ހަމަލާ ދިނުމުގެ ކުރިން ހޮޓެލުގެ މުވައްޒަފުން އެކޮޓަރިއަށް ވަދެފައިވެ އެވެ. ނަމަވެސް އެމީހުންނަށް ޝައްކު ކުރެވޭ ފަދަ ކަމެއް ފެނިފައި ނުވެ އެވެ. އަދި ހަމަލާއަށް ފަހު ސިފައިން އެކޮޓަރިއަށް ދިޔަ އިރު ޕެޑޮކް އޮތީ މަރުވެފައި ކަމަށާއި، ބޮޑަށް ބެލެވެނީ އޭނާ އަމިއްލައަށް މަރުވީ ކަމަށް ފުލުހުން ބުންޏެވެ.

ޕެޑޮކްގެ ކޮޓަރިން 23 ބަޑި ފެނިފައިވާ އިރު، އޭނާގެ ގެއިން އިތުރު 19 ބަޑި އާއި ގޮވާ ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ޕެޑޮކް މީގެ ދުވަސްތަކެއް ކުރިން އިސްލާމްވެފައިވާ ކަމަށާއި، އެހަމަލާ ދިނީ އެޖަމާއަތާ ގުޅުމުން ކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާގެ ފުލުހުން ވަނީ ޕެޑޮކް އިސްލާމްވި ކަަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށާއި، ބޮޑަށް ބެލެވެނީ އޭނާ އަމިއްލައަށް ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ.

ޕެޑޮކްގެ ވަނަވަރު

ޕެޑޮކްގެ ކޮއްކޮ، އެރިކް ބުނި ގޮތުގައި މީގެ ކުރިން އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ޕެޑޮކް މިލިއަނަރަކަށްވީ އެޕާޓްމެންޓް ކޮމްޕްލެކްސްތަކުގައި އިންވެސްޓުކޮށްގެންނެވެ. އުމުރުން 64 އަހަރުގެ ޕެޑޮކްގެ އަވަށްޓެރިން އޭނާ ސިފަކޮށްފައި ވަނީ މީހުންނާ ބީރަށްޓެހި އަދި އާއްމު ގޮތެއްގައި ޖުވާ ކުޅޭ މީހެއްގެ ގޮތުގަ އެވެ.

ޕެޑޮކް ގަނެފައިވާ ދެ ގެއެއްގެ އަގު 700،000 ޑޮލަރަށް އަރާ ކަމަށް ޕްރޮޕަޓީ ސައިޓް ޒިލޯ އިން ލަފާ ކުރާ އިރު، އޭނާގެ އަމިއްލަ ދެ މަތިންދާބޯޓާއި ޕައިލެޓް ލައިސެންސެއް ވެސް އޮންނަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޕެޑޮކް އިސްލާމްވި ކަމަށް އައިއެސް އިން ބުނުމާ ގުޅިގެން އެރިކް ބުނި ގޮތުގައި ޕެޑޮކް އަކީ އެއްވެސް އިރެއްގައި ދީނީ ނުވަތަ ސިޔާސީ ޖަމާއަތަކާ ގުޅުން އޮތް މީހެއް ނޫނެވެ. އަދި ޝިކާރަ ކުރުމުގެ ލައިސެންސެއް އޭނާގެ އަތުގައި އޮތް ނަމަވެސް ޕެޑޮކްއަކީ ގިނަ އަދަދެއްގެ ބަޑި ގެންގުޅޭ މީހެއްކަން އެނގިފައި ނުވާ ކަމަށް އެރިކް ބުންޏެވެ.

ޕެޑޮކްގެ ބައްޕަ ބެންޖަމިން ޕެޑޮކްގެ ނަން އަށް އަހަރު ވަންދެން އެފްބީއައިގެ މޯސްޓް ވޯންޓެޑް ލިސްޓުގައި އޮތް -- ފޮޓޯ: އެފްބީއައި

ޮެޕެޑޮކްގެ ބައްޕަ ބެންޖަމިން ޕެޑޮކް އަކީ ތަކުރާރުކޮށް އެމެރިކާގެ ބޭންކުތަކުން ވައްކަން ކުރުމުގެ ސަބަބުން 20 އަހަރަށް ޖަލަށްލާފައިވާ ވަނިކޮށް 1969ގައި ޖަލުން ފިލި މީހެކެވެ. އޭގެ ސަބަބުން އަށް އަހަރު ވަންދެން އެފްބީއައިގެ 'މޯސްޓް ވޯންޓެޑް ލިސްޓު'ގައި އޭނާގެ ނަން އޮތެވެ. އަދި އޭނާގެ ނަން އެލިސްޓުން ނެގިތާ އެއް އަހަރު ފަހުން ފުލުހުން ވަނީ އޭނާ ހޯދައި ހައްޔަރުކޮށްފަ އެވެ. ބެންޖަމިން ޕެޑޮކް އަކީ ނަފްސާނީ ބަލި ހުރި މީހެއް ކަމަށް އެފްބީއައިގެ ލިޔެކިޔުންތަކުގައިވެ އެވެ.

އެރިކް ބުނި ގޮތުގައި މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެ ދެ މީހުންގެ މަންމައާ ފޯނުން ވާހަކަ ދެއްކި ޕެޑޮކް އެފަދަ ހަމަލާއެއް ދިނުމުން މުޅި އާއިލާއަށް ވަނީ ސިހުން ލިބިފަ އެވެ. އަދި ކުރީގެ ކްރިމިނަލް ރެކޯޑެއް ވެސް ނެތް ޕެޑޮކް އެފަދަ ހަމަލާއެއް ދޭންވީ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށާއި، އޭނާ އެއްވެސް މީހަކަށް ދަރަނިވެރިކަމަށް ލަފާ ނުކުރެވޭ ކަމަށް އެރިކް ބުންޏެވެ.

comment ކޮމެންޓް