ގައުމީ ވޮލީ ކޯޗަކަށް ކާއްޓޭ ހަމަޖައްސައިފި

ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި މުހައްމަދު ސާޖިދު (ކާއްޓޭ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސީނިއާ ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ކާއްޓޭ ހަމަޖެއްސިކަން އިއުލާންކުރީ މިއަދު ހަވީރު ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ކުރިން ގައުމީ ކޯޗުގެ މަގާމު އަދާކުރަމުން ދިޔައީ މުހައްމަދު ޝަރަފެވެ.

ކާއްޓޭގެ އިތުރުން ޓީމުގެ ދެ އެސިސްޓަންޓް ކޯޗުންނާއި ފިޓްނަސް ޓްރޭނަރު އަދި ކިޓް މެނޭޖަރު ވެސް އިއުލާންކޮށްފައިވެއެވެ. ދެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ މުމްތާޒް އަލީއާއި ޚާލިދު މުހައްމަދެވެ. ފިޓްނަސް ޓްރޭނަރަކަށް މުހައްމަދު ހާނިމް ހަމަޖެއްސިއިރު، ކިޓް މެނޭޖަރަކަށް ހަމަޖެއްސީ އިސްމާއިލް ސަމާހުއެވެ.

ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ކާއްޓޭ(ކ)އާއި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް(ވ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ކާއްޓޭ، ކޯޗުކަމުގެ ދާއިރާއަށް ނުކުތީ 2012 ވަނަ އަހަރުއެވެ. ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކާއްޓޭ ވަނީ އޭނާ ކޯޗިން ދާއިރާއަށް ނުކުތް ފުރަތަމަ އަހަރު ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އޭނާ ވަނީ އެ އަހަރުގެ ރިސޯޓް މުބާރާތް ބަނޑޮހަށް ކާމިޔާބުކޮށްދީފައެވެ.

ކޯޗިން ދާއިރާއަށް ނުކުތްތާ މާގިނަ ދުވަސްތަކެއް ނުވެ، 2013 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކާއްޓޭ ފެންނަން ފެށިއެވެ. އޭރުން ފެށިގެން އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީގެ ފަހަތުގައި ކާއްޓޭގެ ދައުރު ފާހަގަކޮށްލެވެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ކާއްޓޭ ބުނީ، ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސުމުން އުފާކުރާ ކަމަށާއި އެ ފުރުސަތު ދިނުމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަދި އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފަށް ޝުކުރު އަދާކުރާ ކަމަށެވެ.

ގައުމީ ވޮލީ ޓީމުގެ އޮފިޝަލުން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ގައުމީ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވަނީ މުހައްމަދު ސާޖިދު (ކާއްޓޭ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އަޅުގަނޑުގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ވަރަށް ޒުވާން ދެ ކޯޗުން. ސިފައިންގެ ކްލަބު އަދި ޕޮލިސް ކްލަބުގެ ކޯޗު. އެ ދެ ކޯޗުން އަޅުގަނޑު އިހުތިޔާރުކުރީ ވޮލީއަށް ބޮޑު ކުރިއެރުމެއް ގެންނަން ބޭނުންވާތީ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިން ކުރިއަށްދާނީ އިގުރާރެއްގައި ސޮއިކޮށްގެން. އަޅުގަނޑުމެން އެއްވެސް ކުޅުންތެރިޔަކަށް އެ އިގުރާރުގައި ސޮއި ކުރުމަށް މަޖުބޫރެއް ނުކުރުވާނަން،" އޭނާ ބުންޏެވެ.

ގައުމީ ކޯޗު ކާއްޓޭ ބުނީ، އިގުރާރުގައި ސޮއި ނުކުރި ކަމުގައިވިޔަސް ކުޅުންތެރިންނަށް ވީއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމަށާއި އެކަމަކު ވޮލީގެ އެވޯޑުތައް ދޭއިރު އިސްކަންދޭނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކަމަށެވެ. އަދި ކުރިއަށްއޮތްތާ ގައުމީ ޓީމުން މަސައްކަތްކުރާނީ މެޑެއްޔަށްވުރެ، މުސްތަގުބަލަށް ވިސްނައިގެން ރަނގަޅު ޓީމެއް އެކުލަވާލަން ކަމަށެވެ.

comment ކޮމެންޓް