ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ނޭޝަނަލް އެސެސްމަންޓެއް ފަށައިފި

އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލުގެ ދަރިވަރުންތަކެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ނޭޝަނަލް އެސެސްމަންޓެއް ހަދަން މިއަދު ފަށައިފި އެވެ.

ވޭތުވެ ދިޔަ ދެ އަހަރު ވެސް ވަނީ ނޭޝަނަލް އެސެސްމަންޓެއް ހަދައިފަ އެވެ.

އެގޮތުން އެ އެސެސްމަންޓް ހަދާނީ ދިވެހި ބަސް، އިނގިރޭސި ބަސް އަދި ހިސާބު މި ތިން މާއްދާ އިންނެވެ. އަދި މިއަހަރުގެ އެސެސްމަންޓުގައި ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން ހޮވާލެވިފައިވާ 103 ސްކޫލެއްގެ ގްރޭޑް ހަތަރެއް އަދި ހަތެއްގެ 6407 ދަރިވަރުން ބައިވެރިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ވަޒަންކޮށް ދަރިވަރުންގެ އުގެނުމުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހަދާ އެ އެސެސްމަންޓުގެ ބޭނުމަކީ ގްރޭޑް ތިނެއް އަދި ހައެއް ނިންމާ ދަރިވަރުންނަށް، އެސެސްމަންޓުގައި ހިމެނޭ މާއްދާތަކުގެ މުގައްރަރުން ހާސިލުވާން ޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމެވެ.

އޭގެ އިތުރުން ޕްރައިމަރީ މަރުހަލާގައި އެ ދަރިވަރުން ހާސިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށް ޓަކައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެއްކުރެވޭ މައުލޫމާތުގެ އަލީގައި ތައުލީމީ ގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ގައުމީ ފެންވަރުގައި ދެނެގަނެވި، ތައުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ކުރަންވީ ބައެއް ކަންކަން ފާހަގަވެގެންދާނެ އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަރާތުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ވެސް ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނަށް މި އެސެސްމަންޓް ވަނީ ހިންގައި، އޭގެ ނަތީޖާ އާއްމުކޮށްފަ އެވެ.

comment ކޮމެންޓް