ދުނިޔޭގައި ތެލުގެ އަގު ބޮޑުވާ ނިސްބަތުން ރާއްޖޭގައި ތެލުގެ އަގު ބޮޑެއް ނުކުރަން: އެސްޓީއޯ

އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު އަފްރާހް

ތުނިޔޭގެ ތެލުގެ އަގު ބޮޑުވާ ނިސްބަތަށް ބަލާ އިރު ރާއްޖޭގެ ތެލުގެ އަގު ބޮޑު ނުކޮށް އެ އަގުގެ އެއްބައި ކުންފުންނިން ހިއްސާ ކުރާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އެސްޓީއޯގައި ބޭއްވި ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ރާއްޖެ އަށް ތެޔޮ އެތެރެ ކުރަނީ އިންޓަނޭޝަނަލް ޕްރައިޒް އިންޑެކްސް އަކަށް ބަލައިގެން ކަމަށާއި އެ ޕްރައިޒް އިންޑެކްސް އަކީ ކޮންމެ ދުވަހަކު ވެސް ބަދަލު ވަމުން އަންނަ އެއްޗެއް ކަމަށެވެ. އަދި އެސްޓީއޯ އިން އަބަދު ވެސް އަންނަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތައް ދިރާސާކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގަށް ބަދަލު އަންނަ ކޮންމެ ފަހަރަކު ތެލުގެ އަގު ބޮޑު ނުކުރާ ކަމަށެވެ. އަދި ތެލުގެ އަގު ކައިރި މުސްތަގުބަލެއްގައި ތިރިވާނެ ކަމަށް ލަފާ ކުރެވޭ ނަމަ ވެސް އެސްޓީއޯގެ ކަސްޓަމަރުންނަށް ކުރީގެ އަގުގައި ތެޔޮ ފޯރުކޮށްދީ، އަގު ބޮޑުވާބައި ކުންފުނިން ހިއްސާ ކުރާ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/މުހައްމަދު އަފްރާހް

"އެސްޓީއޯގެ ވިޔަފާރީގެ 75 ޕަސެންޓަށް ވުރެ ވެސް ބޮޑު ޕަސެންޓެއް މި އޮންނަނީ ތެލަށްވާ އިރު އަޅުގަނޑުމެންނަކީ ތެލުގެ ވިޔަފާރިއަށް ވަރަށް ބަރޯސާވާ ކުންފުންޏެއް. އެހެންނަމަވެސް ތެލުގެ އަގުން މިއަންނަ ބޮޑުވުން އެސްޓީއޯގެ ޕްރައިސްއެއް ހަދާއިރު ދުވަހަކު ވެސް ކަސްޓަމަރުންނަށް ޕާސްއެއް ނުކުރަން. ވަރަށް ބޮޑުބައެއް އަޅުގަނޑުމެން އެބްޒޯބް ކުރޭ." ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އަކީ ހިއްސާދާރުން ތިބި އަދި އިންވެސްޓްތަކެއް ވެސް ކުރަމުން އަންނަ އަދި ގިނަ މުވައްޒަފުންތަކެއް ވެސް ތިބި ކުންފުޏެއް ކަމަށާއި އެސްޓީއޯ އިން ތެލުގެ އަގަށް ކަނޑައަޅާ އަގަކީ ހުރިހާ އެއްޗަކަށް ބަލައި އާންމުންނަށް އެންމެ ލުއި ފަސޭހަކޮށް ދެވެން އޮތް އަގު ކަމުގައި ޝަހީރު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަކީ ސާކްގެ ގިނަ ގައުމުތަކުގެ ތެރެއިން ނިސްބަތުން ތެލުގެ އަގު އެންމެ ކުޑަ ގައުމު ކަމުގައި ވެސް ޝަހީރު ފާހަގަ ކުރެއްވި އެވެ.

އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު މަސް ދުވަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް ބޮޑުކޮށްފައިވީ ނަމަވެސް އެ ކުންފުނިން ވަނީ ތެލުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅިގެން ތެލުގެ އަގު ކުޑަކޮށްދީފަ އެވެ. އަދި ސްޓެލްކޯ، ފެނަކަ އަދި މަސްވެރިންނަށް ހާއްސަ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދޭކަން ވެސް އެސްޓީއޯ އިން ފާހަގަކުރި އެވެ.

comment ކޮމެންޓް