99 އިންސައްތަ ދިވެހި މުވައްޒަފުންނާއެކު ދިރާގުން ތަފާތު ދައްކާލައިފި!

ދިރާގުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް ރަޝީދު ވާހަކަދައްކަވަނީ-- ފޮޓޯ: ދިރާގު

ދިވެހީންނަކީ ދުނިޔޭގެ ނިސްބަތުން ވެސް ޓެކްނޯލޮޖީއާ ވަރަށް ގާތް ބައެކެވެ. ޚާއްސަކޮށް މުއާސަލާތީ ޚިދުމަތުގައި ބޭނުންކުރާ ވަސީލަތްތަކަކީ ގިނަ ދިވެހީ އެއަށް ވަރަށް ފަރިތަ ވަސީލަތްތަކެވެ. މޮބައިލް ފޯނާއި އިންޓަނެޓަކީ މިހާރު ދެން ހަމަ ކޮންމެ ދިވެއްސަކަށް ހެން، އެއާ ނުލައި ނޫޅެވޭވަރުގެ ޓެކްނޮލޮޖީގެ ބާވަތްތަކަށް މި ވަނީ ވެފައެވެ.

ދިވެހީންނާ ހަމައަށް މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދީ، އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރަމުން އައި އެންމެ ދުވަސްވީ މައި ކުންފުންޏަކީ ދެބަސްވެވެން ނެތް ގޮތުގައި، "ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް" ނުވަތަ އަހަރެމެންގެ "ދިރާގު" އެވެ.

ދިރާގުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ކުންފުނީގެ މުވައްޒަފުން-- ފޮޓޯ: ދިރާގު

މެދުކެނޑުމެއް ނެތި، އެ ކުންފުނިން ދިވެހީންނަށް މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭތާ މި ވަނީ 29 އަހަރު ފުރިފަ އެވެ. 1988 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އުފަންވި ދިރާގު މިއަދު މި ވަނީ، ޒަމާނަށް އަންނަ ހުރިހާ ކުރިއެރުންތަކާ އެކު ދިވެހީންނަށް މުވާސަލާތީ ޓެކްނޮލޮޖީގެ ހުރިހާ ކަމެއްހެން ފަހިކޮށްދީފައެވެ. 29 އަހަރުގެ ޚިދުމަތް ފާހަގަކުރުމަށް ދިރާގުން އިއްޔެ ވަނީ ވަރަށް ކުލަގަދަ ހަފްލާއެއްވެސް ބާއްވައިފައެވެ.

މިއީ "ދިވެހީންގެ ދިރާގު"!

ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތެރޭގައި ދިރާގުގެ މައިގަނޑު މަގުޞަދަކަށް ވެފައި އޮތީ ކުންފުނީގެ ކަސްޓަމަރުންނާއި ދިވެހި މުޖްތަމައަށް މުވާސަލާތީ ހިދުމަތުގެ ޒަރީއާއިން އިތުރު ފާގަތި ކަމާއި ކުރިއެރުން ފޯރުކޮށްދިނުމެވެ.

ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެ ޚިދުމަތްތައް ފޯރުކޮށްދޭން ތިބޭ މުވައްޒަފުންނަކީ ދިވެހީންނަށް ހެދުމަށް ވެސް ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން، މިހާރު ވެސް ގާތްގަނޑަކަށް ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ދިރާގުގެ ސެންޓަރުތައް ގާއިމުކޮށްފައި ވާއިރު، އެ ހުރިހާ ތަނެއްގައި މަސައްކަތްކުރާ ގާތްގަނޑަކަށް 600އަށް ވުރެ ގިނަ ހީވާގި މުވައްޒަފުންގެ ތެރޭން، 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހީންކަން އެ ކުންފުނިން ފާހަގަކުރަނީ ފަހުރުވެރި ކަމާއެކު އެވެ.

ދިރާގުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ކުންފުނީގެ މުވައްޒަފުން އަހަރީ ކޭކު ފަޅަނީ-- ފޮޓޯ: ދިރާގު

ދިރާގުން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ގެންގުޅޭ އުކުޅު ތަކަކީ، މިހާރު އެހެން ކުންފުނިތަކުން ނަމޫނާއެއްގެ ގޮތުގައި ބަލައިގެންފައިވާ ކަންތައްތަކެވެ. އޭގެ ތެރޭގައި ހަފްތާއަކު 7 ދުވަހު 24 ގަޑި އިރު ހިދުމަތްދޭ ކޯލް ސެންޓަރ 123 އަދި އޮންލައިން ލައިވް ޗެޓް، މައި އެކައުންޓް ސާވިސަސް އަދި ކުންފުނީގެ ކަސްޓަމަރ އެކްސްޕީރިއަންސް ސެންޓަރަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ރާއްޖޭގައި މުޅިންއަލަށް ދިރާގުން ތައާރަފްކުރިކަންކަމެވެ.

ދިރާގުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މުވައްޒަފުން އުފެއްދުމަށް 2009 ވަނަ އަހަރު ފެށި އެޕްރެޓިޝްޝިޕް ޕްރޮގްރާމަކީ، މެދު ކެނޑުމެއް ނެތި މިހާރުވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ދިރާގުން މިހާތަނަށް ވަނީ، ގާތްގަނޑަކަށް 170 އަށްވުރެ ގިނަ ޒުވާނުން ވަޒީފާގެ މާހައުލަށް ނެރެފައެވެ. މިދިޔަ އަހަރުވެސް 25 ޒުވާނަކަށް ވަޒީފާއަށް އަހުލުވެރިކުރުމުގެ ފުރުސަތު ދީފައިވާއިރު މިހާރު ވެސް އެ ކުންފުނިން ދަނީ، މިއަހަރުގެ ޕްރޮގްރާމަށް ކުދީން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރާގުގެ ކުރިމަގު

ދިރާގުގެ ކުރިމަގަކީ، ތަރައްގީވަމުން އަންނަ ދުނިޔޭގައި ދިވެހީންނަށް ޑިޖިޓަލް ޓެކްނޮލޮޖީ އޭގެ އެންމެ ފުރިހަމަ މާނައިގައި ފޯރުކޮށްދިނުމެވެ. އެހެންކަމުން އެ ކުންފުނިން ދެކެނީ، ދުނިޔޭގެ އާންމު ދިރިއުޅުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު ފުޅާވެ ބޮޑުވަމުންދާ މިންވަރާ އެއްވަރަށް ދިވެހިންގެ ދިރިއުޅުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިވެދިނުމެވެ.

އޭއެންޑްއީ ނެޓްވޯކްސްގެ އޭޝިއާ ޕެސިފިކްގެ މެނޭޖިންގ ޑިރެކްޓަރ ޕްރޭމް ކަމަތު (ކ) އާއި ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު، ދިރާގު ޓީވީއަށް މުޅިން އާ ފަސް ޗެނަލް ތައާރަފްކޮށް ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

"ދިރާގުގެ އަމާޒަކީ، ދުނިޔޭގެ ފެންވަރުގައި އަންނަ ޑިޖިޓަލް އިނޮވޭޝަންސް، ރާއްޖެއަށް ތައާރަފުކޮށް، އެ ޓެކްނޮލޮޖީގެ ޒަރީއާއިން ދިރިއުޅުމުގެ އެންމެހާ ކަންކަމުގައި ކުރިއަށް ގޮސް، ފާގަތި މުސްތަގުބަލެއް ކަށަވަރު ކުރުމުގެ ފުރުސަތު މުޅި ދިވެހި މުޖްތަމައަށް ހުޅުވާލުން،" ދިރާގުގެ މެނޭޖަރ މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވިއެވެ.

އަމާޒަށް ވާސިލްވުމަށް ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްވެސް ދިރާގުން ފަސްޖެހުމެއް ނެތި އަޅައެވެ. އެގޮތުން މިއަހަރު މެއި މަހުގައި ދިރާގު ރީބްރޭންޑްކޮށް މުޅިން އާ ކުލައަކާއި ލޯގޯއާއެކު "ޓޭކް އޮން ޓުމޯރޯ"ގެ ޝިއާރުގެ ދަށުން ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކާއި ކުރިއެރުން ގެނެސްދޭން މިވަނީ ވައުދު ވެފައެވެ.

ހަމައެކަނި ވައުދެއް ނޫން، ކަންވެސް ކުރޭ

ދިރާގަކީ ކަންކަމުގައި ހަމައެކަނި ވައުދެއް ވެލާފައި ދެއަތްއާރާލައިގެން ތިބޭ ބައެއް ނޫނެވެ. ވައުދެއް ވެއްޖިއްޔާ އެކަން ފުރިހަމަކުރުމަކީ އަބަދުވެސް ދިރާގުން އެންމެ އިސްކަމެއް ދީގެންކުރަމުންދާ މަސައްކަތެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.

ދިރާގު ޓީވީ

އައިޕީޓީވީ އަކީ އިންޓަރނެޓް ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްޏޮލޮޖީއެކެވެ. ދިރާގު ޓީވީގައި މިހާރު 80 އަށްވުރެ ގިނަ ޗެނަލްތައް ލިބެންހުރެއެވެ.

ފައިބަރ ޓު ދަ ހޯމް

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް މިއަހަރު މިހާތަން 12 ރަށެއްގައި ގާއިމުކޮށްދީފައިވެއެވެ. މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާބާދީއަކަށް ދިރާގުން ނުބަލައެވެ. އެގޮތުން ދިވެހި ރާއްޖޭގައި އެންމެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ވ. ތިނަދޫގައިވެސް ދިރާގުން ވަނީ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ގާއިމުކޮށްދީފައެވެ.

އާ ޚިދުމަތްތައް

ރާއްޖެއަށް މުޅިން އަލަށް އޯގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަނެއް ތަޢާރަފް ކުރީވެސް ދިރާގުންނެވެ. "އާރްބީ ކުއްސްޓް"ގެ ނަމުގައި މި އެޕް ވަނީ މިދިޔަ މަހު ތަޢާރަފްކޮށްފައިއެވެ. އަދި "އާރްބީ ކުއެސްޓް"ގެ ނަމުގައި އަގު ހުރި އިނާމު ތަކަކާއެކު އޭއާރް ގޭމިންގ އެޕްލިކޭޝަނެއް ތަޢާރަފްކުރިއެވެ. އޯގަސްޓް މަހު ދިރާގުން ތައާރަފްކުރި މި އެޕަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް އެކަނި ހާއްސަކޮށްގެން ތައާރަފު ކުރި މިކަހަލަ އެޕްލިކޭޝަނެވެ.

ދިރާގު ގެސްޓްހައުސް ޓީވީ

ދެންއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިރާގުން މިހާރު ފައްކާކުރާ "ޕްރޮޑަކްތްގެ ވާހަކައެވެ. މި އަހަރު ބޭއްވި ދިރާގު ގެސްޓްހައުސް ކޮންފަރެންސްގައި ދިރާގު ގެސްޓްހައުސް ޓީވީގެ ނަމުގައި އާ ހިދުމަތެއް ތައާރަފްކުރާނޭ ވާހަކަ އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ. އަދި އޭގެ "ޑެމޮންޓްރެޝަން" ވެސް ދައްކާލާފައިވެއެވެ. މި ޚިދުމަތްވެސް ވަރަށް އަވަހަށް ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާނޭ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އިޖުތިމާއީ ޒިންމާ

ދިވެހި މުޖްތަމައަށް ފައިދާހުރި އެކިއެކި ކަންކަމުގައި އެހީތެރިވުމަކީވެސް ދިރާގުން ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން އެ ކުންފުންޏަކީ ސީއެސްއާރު، ނުވަތަ އިޖްތިމާއީ ޒިންމާ ނެގުމުގައި އަބަދުވެސް އެހެން ކުންފުނިތަކަށް ނަމޫނާ ދައްކާ ކުންފުންޏެވެ. އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުރިއަށް ގެންދާ އިޖްތިމާއީ އެކި އެކި ޚަރަކާތްތަކުގައި އެހީތެރިވެދިނުމުގައި ކުޑައެއް ބޮޑެއް ނުބަލައެވެ. ގައުމަށާއި މުޖްތަމައަށް ފައިދާކުރަނިވި ކަންކަމުގައި، ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއްވެސް ފަސްޖެހުމެއް ނެތި ފޯރުކޮށްދޭތީ ރައްޔިތުންވެސް ދިރާގުގެ މިފަދަ ކަންކަން ވަރަށް ފުރިހަމައަށް ބަލައިގަނެއެވެ. ދިރާގުން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މުހިއްމު ބައެއް ކަންކަމަށް ބަލައިލަމާތޯއެވެ.

ދިރާގު ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލް ގެ ތެރެިން----ފޮޓޯ/ ދިރާގު

"ފޯ ދި އޯޝަންސް"

ދިރާގުން ވަނީ މިދިޔަ އަހަރު "ފޯ ދި އޯޝަންސް" ގެ ނަމުގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ކެމްޕެއިނެއްގައި ޕާލޭ މޯލްޑިވްސްއާއި އެކު ބައިވެރިވެފައިއެވެ. އަދި މި ކެމްޕެއިނުގެ ދަށުން ދިރާގުގެ މުވައްޒަފުންނަށާއި މުޖުތަމަޢުއަށް ކަނޑާއި ފަރަށް ގެއްލުން ލިބޭފަދަ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށާއި ދެމެހެއްޓެނިވި އުސޫލުން ތައްޔާރުކޮށްފައިވާ ގިނަ ފަހަރު ބޭނުން ކުރެވޭ ކަހަލަ ކޮތަޅު ބޭނުން ކުރުމަށް ބާރުއެޅުމުގެ ގޮތުން ކެމްޕެއިނެއް ހިންގާފައިއެވެ.

ޒުވާނުންނަށް ޚާއްސަ

ކުރީންވެސް ފާހަގަކުރި ފަދައިން ދިރާގަކީ ޒުވާނުންނާ ވަރަށް ގުޅުން ބޮޑު ކުންފުންޏެކެވެ. ޒުވާނުންނަށް ތަފާތު ދާއިރާތަކުން ފުރުސަތު ހޯދައިދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ދިރާގުން ވަނީ، ޒުވާން ފަންނާނުން ކުރިއަރުވުމަށްޓަކައި އެކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއްގެ ގޮތުގައި ފަންނާނުންނަށް އެމީހުންގެ މިޔުޒިކާއި ލަވަ ގެނެސްދެވޭނެގޮތަށް އިންޓަނޭޝަނަލް މިއުޒިކް ސްޓްރީމިންގް ހިދުމަތެއް ކަމުގައިވާ ޔޮންޑަރ ރާއްޖެއަށް ތައާރަފްކޮށްފައެވެ. މީގެ އިތުރުން ދިރާގުން ވަނީ މިއަހަރު ޔޫއެންޑީޕީއާއި ގުޅިގެން ވަރަށް ގިނަ ޕްރޮގްރާމުތައް ބާއްވާފައިއެވެ. އޭގެތޭގައި ޔޫތު ލީޑާޝިޕް ޕްރޮގުރާމް، ފިލްމް ފޮ ޗޭންޖް އަދި ސްޓާޓަޕް ވީކެންޑް ހިމެނެއެވެ.

ދިރާގުން މީގެ ކުރިން ބޭއްވި ރޯޑްރޭހެއްގެ ތެރެއިން

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުން

ގައުމުގެ މުސްތަގުބަލުކަމުގައިވާ، ކުޑަކުދީންގެ ކަންކަމުގައި އެހީތެރިވުމަކީ ދިރާގުން ވަރަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މައިގަނޑު އެއް ތަނބެވެ. އެގޮތުން މިހާރު ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ފާހަގަކޮށްލެވޭ ޚަރަކާތެކެވެ. މީގެ އިތުރުން ދިރާގުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާތު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް އަމާޒުކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތަތްވެސް ބާއްވަމުންނެވެ.

ރޯޑް ރޭހުގެ 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ އަދި 13 އަހަރުން މަތީގެ ސްކޫލް ކެތަގަރީން ވަނަވަނަ އަށް ހޮވުނު ފަރާތްތައް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މި ފާހަގަކޮށްލެވުނީ، ދިވެހީންގެ މުވާސަލާތީ ކުންފުނީގެ ޚިދުމަތްތަކުގެ ކުޑަމިންވަރެކެވެ. ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކަށް ވާނީ، އަބަދުވެސް ދިވެހީންނަށް އެންމެ ފައިދާހުރި ގޮތުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. ދިވެހީންނަށްޓަކައި ދިވެހީންގެ މުއާސަލާތީ ކުންފުނީގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

comment ކޮމެންޓް