ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ ހުރުމުން ރެއާލުން ފަހުރުވެރިވާން ޖެހޭ: ޕެރޭޒް

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ: ރެއާލްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ ރޮނާލްޑޯ --- ފޮޓޯ/ އޭޕީ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ކްލަބުގައި ހުރުމުން ރެއާލް މެޑްރިޑް ފަހުރުވެރިވާން ޖެހޭ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ރެއާލްއާ ގުޅުނު ފަހުން ރޮނާލްޑޯ ވަނީ ރެއާލްގެ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. ރެއާލްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯ އެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ ރެއާލަށް 13 ޓްރޮފީ ހޯދައިދިނުމަށް އިސް ދައުރެއް އަދާކޮށްފަ އެވެ. އޭގެ ތެރޭގައި ތިން ޗެމްޕިއަންސް ލީގު އަދި ދެ ސްޕެނިޝް ލަލީގާގެ ކާމިޔާބީ ފާހަގަކޮށްލެވެ އެވެ.

ލަލީގާގައި އެސްޕާނިޔޯލްއާ ދެކޮޅަށް ކުޅެ 2-0 ލަނޑުގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޕެރޭޒް ވިދާޅުވީ، ރޮނާލްޑޯއަކީ ހުނަރާއި އަޒުމުގެ ގޮތުން ރެއާލްގެ ޑީއެންއޭގެ ރަނގަޅު މިސާލެއް ކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭތީ އަހަރެމެން ފަހުރުވެރިވާން ޖެހޭ. ހަތަރު ބެލޮންޑިއޯ ހޯދައި، ފަސްވަނަ އެވޯޑު ލިބުމުގެ މަގުމަތީގައި. ހަތަރު ރަން ބޫޓު ހޯދައި، އޭނާއަކީ ފުރަތަމަ ދަ ބެސްޓް އެވޯޑު ހޯދި ކުޅުންތެރިޔާ، އަދި ދެވަނަ ދަ ބެސްޓް އެވޯޑު ލިބުމުގެ މަގުމަތީގައި. އޭނާއަކީ ރެއާލްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ. ހުނަރާއި އަޒުމުގެ ގޮތުން އޭނާއަކީ މެޑްރިސްޓާ ޑީއެންއޭގެ ވަރަށް ރަނގަޅު މިސާލެއް،" ރޮނާލްޑޯއާ ގުޅޭ ގޮތުން ރެއާލްގެ ރައީސް ވިދާޅުވި އެވެ.

ރޮނާލްޑޯގެ އިތުރުން ޕެރޭޒް ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ސްޕެނިޝް ލަލީގާ އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒައިނުއްދީން ޒިދާނަށް ވެސް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

އުމުރުން 45 އަހަރުގެ ޒިދާން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު، ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައި، ވިދިވިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދި ފުރަތަމަ ކްލަބުގެ ޝަރަފް ރެއާލަށް ހޯދައިދީފަ އެވެ.

"އަހަރެމެން މިހުރިހާ ކަމެއް ކޮށްފައި ވާނީ ދުނިޔޭގެ އެންމެ މޮޅު ކޯޗާ އެކު. ޒިދާންއަކީ ރެއާލްގެ ނިޝާނުގެ ވަރަށް ރަނގަޅު މިސާލެއް. ރެއާލް މެޑްރިޑަކީ ކޮބައިކަން އޭނާ ދައްކުވައިދޭ. ޒިދާންގެ ހިކުމަތާއެކު ކުޅުންތެރިއެއްގެ ގޮތުން ކާމިޔާބީ ހޯދި ގޮތަށް ކޯޗެއްގެ ގޮތުގައި ވެސް އެދަނީ ކާމިޔާބު ހޯދަމުން. މިއީ ހަނދާން ނައްތާނުލެވޭނެ ފަދަ ތާރީހެއް ރެއާލަށް ގެނެސްދޭނެ ތަފާތު ގްރޫޕެއް،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް