ޑޭކެއާ ސެންޓަރެއް ހިމެނޭ ގޮތަށް ހަދާ، އުރީދޫގެ އައު ހެޑް އޮފީހުގެ ބިންގާ އަޅައިފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އާއި އުރީދޫގެ ކުރީގެ ސީއީއޯ ވިކްރަމް ސިންހަ އަދި އުރީދޫގެ ސީއީއޯ ނަޖީބް ހާން އުރީދޫގެ އައު ހެޑް އޮފީހުގެ ބިންގާ އަޅުއްވާ ދެއްވަނީ -- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

ޑޭ ކެއާ ސެންޓަރަކާ އެކު ހަދާ އުރީދޫގެ އައު ހެޑް އޮފީހުގެ ބިންގާ ހުޅުމާލޭގައި މިއަދު އަޅައިފި އެވެ.

މިއަދު ހުޅުމާލޭ އުރީދޫގެ ހެޑް އޮފީސް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އާއި އުރީދޫގެ ކުރީގެ ސީއީއޯ ވިކްރަމް ސިންހަ އަދި އުރީދޫގެ ސީއީއޯ ނަޖީބް ހާން އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، ހުޅުމާލެއަކީ ތަރައްގީއަށް ބަދަލުތަކެއް ގެންނާނެ ސިޓީއެއް ކަމަށެވެ. އަދި އުރީދޫ އިން ހުޅުމާލޭގައި ހަދާ ހެޑް އޮފީހަކީ ހަމައެކަނި އޮފީހެއް ނޫންކަމަށާއި އެއީ އުރީދޫގެ މުވައްޒަފުން އެތަނަކަށް އައިސް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރާނެ ތަނެއް ކަމަށެވެ.

އުރީދޫގެ އާ ހެޑް އޮފީސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވާހަކަފުޅު ދައްވަނީ -- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

ނަޖީބް ޚާން ވިދާޅުވީ، އެ އޮފީސް ގައި މުވައްޒަފުންނަށް ރެކްރިއޭޝަނާ އެކު އަދި މުވައްޒަފުންގެ ތެރެއިން ދަރިން ގެންގުޅޭ ބޭފުޅުން ދަރިން ގޮވައިގެން އައިސް ބަލާނެ ޑޭ ކެއާ ސެންޓަރެއް ވެސް ހުންނާނެ ކަމަށެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މަސައްކަތް ފަށަން ހަމަޖެހިފައިވާ އުރީދޫގެ ހެޑް އޮފީސް 12 މަސްދުވަހާއި 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ހެޑް އޮފީސް ހަދަން ހަމަޖެހިފައި ވަނި ބިއްލޫރި އަދި ސްޓީލް ބޭނުންކޮށްގެން 10 ބުރިއާއި 12 ބުރިއާ ދެމެދުގެ އުސްމިނަށް ކަމަށް އުރީދޫއިން ބުންޏެވެ.

comment ކޮމެންޓް