ސޯހާ އާއި ކުނާލް އަށް ލިބުނު ދަރިފުޅަށް ނަން ކިޔައިފި

ބޮލީވުޑްގެ ދެ ޖޯޑުކަމަށްވާ ސޯހާ އަލީ ހާން އަދި ކުނާލް ކެއްމޫ

ބޮލީވުޑުގެ ޖޯޑު ސޯހާ އަލީ ޚާން އަދި ކުނާލް ކެއްމޫ އަށް މިދިޔަ ބުރާސްފަތި ދުވަހު އަންހެން ކުއްޖެއް ލިބިފައިވާ އިރު މިހާރު އެކުއްޖާ އަށް ނަން ކިޔައިފިކަން ބޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.

ސޯހާ އަދި ކުނާލް އަށް ލިބުނު ދަރިފުޅަށް ކިޔާފައި ވަނި އިނާޔާ ނައުމީ ކެއްމޫ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. ދެމީހުންނަށް ލިބުނު ދަރިފުޅަށް ނަން ކިޔާފައިވާ ކަން ހާމަކޮށްފައި ވަނީ ކުނާލް ކުރި ޓުވީޓެއްގަ އެވެ.

ފުރަތަމަ ދަރިފުޅާ އެކު އުފަލުން ފޮޅިފައި ހުރި ކުނާލް މިހާރު ވަނީ ދަރިފުޅާ އެކު ވަގުތު ހޭދަކުރުމަށް މަސައްކަތުން ބްރޭކެއް ނެގުމަށް ވެސް ނިންމައިފަ އެވެ.

އަންނަ މަހު ކުނާލްގެ ފިލްމު 'ގޯލްމާލް' ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ އިރު ކުނާލް ބުނީ ދަރިފުޅު ލިބުމުން އޭނާގެ އުފާވެރިކަން އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ކުނާލް އަށް މަރުހަބާ ކިޔަމުން ދާއިރު ބޮލީވުޑްގެ ތަރި ސައިފް އަލީ ހާން ބުނީ ބޮޑުބޭބެ އަކަށް ވުމުން އުފާވާ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

ސޯހާ އާއި ކުނާލް ފުރަތަމަ ބައްދަލުވީ 2009 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ޑޫންޑުތޭ ރެހެ ޖާއޮގޭ'ގެ ސެޓުން ކަމަށްވާ އިރު އެ ދެމީހުން ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

comment ކޮމެންޓް