ޞަޙާބީންގެ މަތިވެރިކަން -15

1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

.

ސިޔާސީ އަމިއްލަ އެދުންފުޅެއް ނެތުން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވީ 12 ރަބީޢުލް އައްވަލް 11ހ. ގައެވެ. މަދީނަތުލް މުނައްވަރާގައެވެ. އެހައިތަނުން އުފެދުނު ސުވާލަކީ އިތުރު ސާހިބާއަށްފަހު މުސްލިމުންގެ އަމީރަކަށް ހަދާނީ ކޮންބޭކަލެއްތޯ މިސުވާލެވެ. އޭރު މަދީނާގައި މުސްލިމުންގެ ބޮޑު ދެ ޖަމާޢަތެއް އޮތެވެ. މުހާޖިރިއްޔަ ބޭކަލުންގެ ޖަމާޢަތާއި، އަންޞާރިއްޔަ ބޭކަލުންގެ ޖަމާޢަތެވެ. އަންޞާރިއްޔަ ބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި ވެރިކަމަކީ އެބޭކަލުންގެ ޙައްޤެކެވެ. އެހެނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށާއި މުހާޖިރިއްޔަ ބޭކަލުންނަށް މައްކާ ދޫކުރައްވަން ޖެހިވަޑައިގެންނެވި ވަގުތު މުޅި އެޖަމާޢަތަށް އެބޭކަލުންގެ ރަށް މަދީނާއިން ޖާގަދެއްވިއެވެ. ހުރިހާ ގޮތަކުންވެސް އެހީތެރި މަދަދުގާރުން ކަމުގައި ވެވަޑައިގެންނެވިއެވެ. އޭރު މުހާޖިރުންގެ ޙާލުކޮޅަކީ ލޫޓުވައިލެވިފައިވާ ގާފިލާއެއްގެ ޙާލެވެ. ނަމަވެސް އަންޞާރިއްޔަ ބޭކަލުން މުހާޖިރިއްޔަ ބޭކަލުންނަށް ޢިއްޒަތްދެއްވައި އިޙްތިރާމްކުރެއްވުމުގައި އެއްވެސް ކަމެއް ހައިވިޔަކަ ނުދެއްވައެވެ. އިސްލާމްދީން ވަރުގަދަވެ، އެދީނުގެ ޝަރަފުވެރި ތާރީޚެއް އުފެދުނީ އަންޞާރިއްޔަ ބޭކަލުންގެ މެދުކެނޑުމެއްނެތް ޙިމާޔަތާއި ޤުރްބާނީގެ ސަބަބުންނެވެ. މިސަބަބުތަކާހުރެ އަންޞާރިއްޔަ ބޭކަލުންނަށް ޚިޔާލުކުރެއްވުނީ ވެރިކަމަކީ އެބޭކަލުންގެ ޙައްޤެއްކަމުގައެވެ. އެހެންކަމުން ކައުސާހިބާ ސުވަރުގެ ވަޑައިގަތުމާއެކު ޚިލާފަތުގެ މަސްއަލަ ހަމަޖެއްސެވުމަށްޓަކައި އަންޞާރިއްޔަ ބޭކަލުން އެބޭކަލުންގެ ޤަބީލާގެ ރައްޔިތުންގެ ޢާންމު އެއްވުންތަކުގެ މަރުކަޒު (ސަޤީފާ ބަނީ ސާޢިދާ) އަށް ޖަމާވެ ވަޑައިގެންނެވިއެވެ.

އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އަށާއި އެހެނިހެން މުހާޖިރިއްޔަ ބޭކަލުންނަށް އެޚަބަރު ލިބިވަޑައިގެންނެވިއިރު މައްސަލަ އޮތީ އެހިސާބަށް ގޮސްފައެވެ. އެބޭކަލުންވެސް ވަގުތުން ސަޤީފާ ބަނީ ސާޢިދާއަށް ވަޑައިގެންނެވިއެވެ. އެހެނީ އެމައްސަލައަކީ ކުޑަކޮށްވެސް އަޅުއްވައިނުލައްވައި ދޫކޮށްލެއްވިއްޖެނަމަ ވަރަށް ދުރަށް އޭގެ އަސަރު ފޯރާނެ ނަތީޖާއެއް ނިކުމެދާފަދަ މައްސަލައެކެވެ. ޝައްކެއްނެތެވެ. އަންޞާރިއްޔަ ބޭކަލުން އެބޭކަލުންނަށް ޚާއްޞަ މާތްކަމެއް ލިބިވަޑައިގެންފައިވާ ކަމަށް ދެކެވަޑައިގަތުމަކީ ރަނގަޅު ޚިޔާލުފުޅެކެވެ. ނަމަވެސް ދީނީ މާތްކަމާއި، ސިޔާސީ ލީޑަރޝިޕަކީ މުޅީން ތަފާތު ދެކަމެކެވެ. ދީނީ މާތްކަމަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރެދާނެ ކަމެކެވެ. ނަމަވެސް ސިޔާސީ ވެރިކަން ކުރެވޭނީ ވެރިކަމުގެ ތާރީޚީ ސަބަބުތައް އެމީހަކަށް ލިބިފައިވާ މީހަކަށެވެ.

އަބޫބަކުރު ރަޟިޔަﷲ ޢަންހު ސަޤީފާ ބަނީ ސާޢިދާއަށް ވަޑައިގެންނެވިއިރު އަންޞާރިއްޔަ ބޭކަލުންގެ ޢިއްޒަތްތެރި ރައީސް ސަޢުދުބިން ޢުބާދާ ރަޟިޔަﷲ ޢަންހު ވެސް އެތާނގައި އިންނެވިއެވެ. ހާޟިރުވެ ތިއްބެވި ބޭކަލުންގެ ޚިޔާލުފުޅު ހުރީ ސަޢުދުބިން ޢުބާދާ ރަޟިޔަﷲ ޢަންހު އަމީރުލް މުއުމިނީން ކަމަށް ޢައްޔަންކުރެއްވުމުގެ މައްޗަށެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު، ސަޢުދުގެފާނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. " ޢަރަބީންގެ ތެރޭގައި ސިޔާސީ ވެރިކަން ކުރެވޭނީ ހަމައެކަނި ޤުރައިޝުންނަށެވެ. ޤުރައިޝުން ފިޔަވައި އެހެން ބައެއްގެ ވެރިކަމުގެ ދަށުގައި ތިބޭކަށެއް ޢަރަބީން ނުރުހޭނެއެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކަލޭގެފާނުވެސް އިންނެވި މަޖްލީހެއްގައި މިހެން ވިދާޅުވި ހަނދުމަފުޅު އެބަހުރިތޯއެވެ؟

އަބޫބަކުރު ރަޟިޔަﷲ ޢަންހު އަންޞާރިއްޔަ ބޭކަލުންނާ މުޚާޠަބުކުރައްވައި އިތުރަށް ވާކަހަދެއްކެވިއެވެ. ވިދާޅުވިއެވެ. "ތިޔަބޭކަލުންގެ ދީނީ ޚިދްމަތްތަކާއި، އިސްލާމްދީނުގައި ތިޔަބޭކަލުންގެ މަޤާމަކީ ދެބަސްނުވެވޭފަދަ މަތިވެރި މަޤާމެކެވެ. ނަމަވެސް ޤުރައިޝުން ފިޔަވައި އެހެން ބައެއްގެ ވެރިކަމަކީ ޢަރަބީންނަށް ތަޢާރުފްވެފައި އޮތްކަމެއްނޫނެވެ."

އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ގެ ތަޤްރީރާ ވިދިގެން، މުހާޖިރިއްޔަ ބޭކަލުންގެ (ޤުރައިޝުން) ތެރެއިން ކޮންމެވެސް ބޭކަލަކު އަމީރަކަށް ހައްދަވަން އަންޞާރިއްޔަ ބޭކަލުން އެއްބަސްވެވަޑައިގެންނެވިއެވެ. މިއީ އިންތިހާ ދަރަޖައިގެ އިންޤިލާބީ ނިންމެވުމެކެވެ. އިންސާނުންގެ އެނގިފައިވާ ތާރީޚުގެ މީގެ ދެވަނަ މިސާލެއް ފެނިފައެއްނެތެވެ.

ޚިލާފަތުގެ މައްސަލައާމެދު އަންޞާރިއްޔަ ބޭކަލުން ކުރީން ބައްލަވަމުން ގެންދެވީ ހަމައެކަނި މަދީނާގެ ޙާލަތާ ގުޅުއްވައިގެންނެވެ. އެހައިތަނުން ފެށިގެން އެބޭކަލުން އެމައްސަލައާމެދު މުޅި ޢަރަބިކަރައިގެ ޙާލަތާ ގުޅުއްވައިގެން ވިސްނައިވަޑައިގަންނަވަން ފެއްޓެވިއެވެ. އެބޭކަލުންގެ ކިލަނބުކަމެއްނެތް ވިސްނުންފުޅާއި ޙަޤީޤަތް ޤަބޫލުކުރެއްވުމުގެ މިޒާޖުފުޅު އެބޭކަލުންނަށް ދެންނެވިއެވެ. މަދީނާގައި އެބޭކަލުންނަށް ވެރިކަމާއި ނުފޫޒު ލިބިވަޑައިގެންފައި އޮތް ކަމުގައިވިޔަސް ފުޅާދާއިރާއެއްގައި މުޅި ޢަރަބިކަރަ ޤަބޫލުކުރާނީ ކޮންމެވެސް ޤުރައިޝީ އަމީރެއްގެ ވެރިކަމެވެ. އަންޞާރިއްޔަ ބޭކަލުން މިމައްސަލައަކީ އެބޭކަލުންގެ އަނާނިއްޔަތުގެ މައްސަލައެއް ކަމަކަށް ނަހައްދަވާށެވެ. ސިޔާސީގޮތުން އެބޭކަލުންގެ ޙައްޤަށް އުނިކަން ލިބޭ މައްސަލައެއް ކަމަކަށްވެސް ނުބެއްލެވިއެވެ. އެބޭކަލުން އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ހުށަހެއްޅުވުން ވަގުތުން ޤަބޫލުކުރެއްވިއެވެ.

ޢަރަބިކަރައިގައި އިސްލާމްދީނަށް ލިބުނު ނަޞްރުގައި އަންޞާރިއްޔަ ބޭކަލުންގެ ޙިއްޞާގެ މަތިވެރި ކަމަކީ ޝައްކެތްހުރިކަމެއް ނޫނެވެ. އެކާމިޔާބީގައި އެބޭކަލުންގެ ވަރަށް މަތިވެރި ޤުރްބާނީތަކެއް އެކުލެވިފައިވެއެވެ. އެހެންކަމުން އިސްލާމްދީނަށް ފަތަޙަ ލިބުމަށްފަހު އަމީރުލްމުއުމިނީންކަމުގެ މަޤާމު އެބޭކަލުންނަށް އޮތުމަށް ނުވަތަ ވެރިކަމުގައި އެކަށީގެންވާ މިންވަރަކަށް އެބޭކަލުން ބައިވެރިކުރުވުމަށް އެދިވަޑައިގެންނެވުމަކީ ފިޠުރީކަމެކެވެ. އެހެންކަމުން އަމީރުކަމުގެ މަޤާމު އެބޭކަލުންނަށް އެރުއްވުމާމެދު ޚިޔާލު ތަފާތުވާތަން ފެނިވަޑައިގަތުމުން އަންޞާރިއްޔަ ބޭކަލުންކުރެ ބޭކަލަކު ވިދާޅުވިއެވެ. ތިޔަ ބޭކަލުންގެ ތެރެއިން އަމީރަކާއި އަޅުގަނޑުމެން ތެރެއިން އަމީރަކު އިސްކުރާނީއެވެ. ނަމަވެސް ފުޅާދާއިރާއަކަށް ނަޒަރު ހިންގާއިރު މަޞްލަޙަތު އޮތީ ކޮން ގޮތެއްގައިކަން އެނގިވަޑައިގަތުމާއެކު އަންޞާރިއްޔަ ބޭކަލުން މުހާޖިރިއްޔަ ބޭކަލުން (ޤުރައިޝުން) ގެ ވެރިކަމާ ރުހިވަޑައިގެންނެވިއެވެ. އަންޞާރިއްޔަ ބޭކަލުންނަށް އެއްވެސް ޙިއްޞާއެއް ނެތި ސިޔާސީ ވެރިކަމުގެ މަޤާމު މުހާޖިރުންނަށް މުޅީން ދޫކޮށްލައްވަން އެއްބަސްވެވަޑައިގެންނެވިއެވެ.

ކޮންމެ ނިޒާމެއްގެ ހިންގުމަށްޓަކައިވެސް މިފަދަ ޤުރްބާނީއަކީ އިންތިހާދަރަޖައަށް ބޭނުންތެރި އެއްޗެކެވެ. ނަމަވެސް މިފަދަ ޤުރްބާނީއެއް ވެވޭނީ އެބައެއްގެ ކިބައިގައި ސިޔާސީ އަމިއްލަ އެދުމެއް ނެތް ބަޔަކަށެވެ. އަންޞާރިއްޔަ ބޭކަލުން މި ނާދިރު ސިފަ އެބޭކަލުންގެ ކިބައިގައި ހުރިކަން ސާބިތުކޮށްދެއްވިއެވެ. އެބޭކަލުންގެ ކިބައިގައި ސިޔާސީ އަމިއްލަ އެދުންފުޅެއް ނެތުމުގެ ނާދިރު ސިފަފުޅުނެތްނަމަ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވުމާއެކު އަންޞާރިއްޔަ ބޭކަލުންނާއި މުހާޖިރިއްޔަ ބޭކަލުންނާ ދެމެދު ދެކޮޅުވެރިކަން ފެށިއްޖައީހެވެ. އިސްލާމީ އުންމަތުގެ ތާރީޚެއް އުފެދުމުގެ ކުރީން މަދީނާގެ ފަސްގަނޑުދަށުގައި އިސްލާމްދީން ވަޅުލެވިއްޖައީހެވެ. ނަމަވެސް އަންޞާރިއްޔަ ބޭކަލުން އެބޭކަލުންގެ ސިޔާސީ ޙައްޤު އަމިއްލަފުޅަށް ދޫކޮށްލައްވައި އިސްލާމްދީނާއި އިސްލާމީ އުންމަތުގެ ތާރީޚު ކުރިޔަށް ދިއުމުގެ މަގުފަހިކޮށްދެއްވިއެވެ.

ތަޙްރީކެއް އޭގެ ފެށުމުގެ މަރްޙަލާގައި އޮންނައިރު އެކަމުގެ ތެރޭގައި މަޤާމުތަކަށް ހިތްކިއުމެއް ނޯވެއެވެ. ނަމަވެސް އެ ޙަރަކާތެއް ކާމިޔާބީގެ މަރުޙަލާއަށް ފޯރުމާއެކު އޭގެތެރޭގައި މަޤާމާއި ވެރިކަމުގެ ޖާޒުބިއްޔަތު އުފެދިދެއެވެ. އެހެންކަމުން ކޮންމެ ތަޙްރީކެއްވެސް ކާމިޔާބުވުމާއެކު މަޤާމުތަކުގެ ކޯޅުން ފެށިދެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަކީ އެބޭކަލުންގެ ތަޙްރީކު ކާމިޔާބީގެ ބޮންތިއާ ހަމައަށް ވާޞިލުވުމުންވެސް މަޤާމެއްނެތި ތިއްބަވާން ރުހިވަޑައިގެންނެވި އެންމެ ފުރަތަމަ ޖަމާޢަތެވެ. އެބޭކަލުންގެ ކުރީގެ ތާރީޚުން އެފަދަ ނަމޫނާއެއް ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް