ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް މިސްރުގެ ލޯތްބާއި ތައުރީފު!

މިސްރުގައި ބޭއްވި ފެސްޓިވަލުގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕް ބައިވެރިވުން --- ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް ފޭސްބުކް ޕޭޖް

އެ އަޑެއް އިވުމުން ކޮންމެ ދިވެއްސެއްގެ ވެސް ލޭ ކައްކުވާލާނެ އެއް އަޑަކީ ހަމަގައިމުވެސް ބޮޑުބެރުގެ އަޑަށް ވާނެއެވެ. ރާއްޖޭގައި މިއަދު އެ އަޑު ގަދަވެފައިވާއިރު ރާއްޖޭގެ ސަގާފަތާ ގުޅިފައި އޮންނަ ބޮޑުބެރު ޖެހުމުގައި ގިނަ ގްރޫޕްތައް ދަނީ އުފެދެމުންނެވެ. ވާދަވެރިކަން ފެނިގެންދާ ކޮންމެ ގުރޫޕަކުން ވެސް ފެންނަނީ ހުނަރުވެރި ޒުވާނުންތަކެކެވެ.

މިއަދު ރާއްޖޭގައި ނަން މަޝްހޫރު ނޫން ބޮޑުބެރުގެ ނަމެއް ނެެތެވެ. ރާއްޖޭން ބޭރުގައި ވެސް ކަން އޮތީ މިހެންނެވެ. ދިވެހި ބޮޑުބެރު ގްރޫޕްތަކަށް ރާއްޖޭން ބޭރުގައި ހުށަހެޅުމަށް މަދުން ނަމަވެސް ފުރުސަތު ލިބެމުންދާއިރު، ލިބޭ ފުރުސަތުގައި އަންނަނީ ފޯރި ނަގާފައެވެ. ރާއްޖޭގެ ނަން ގުގުމާލާފައެވެ.

މިސްރުގައި ބޭއްވި ފެސްޓިވަލުގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕް ބައިވެރިވުން --- ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް ފޭސްބުކް ޕޭޖް

މިސްރުގައި ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގްވާމީ މިއުޒިކް ފެސްޓިވަލެއް ކަމަށްވާ "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި މިއަހަރު ރާއްޖޭގެ ބޮޑުބެރުގެ އަޑު ގުގުމާލީ ރާއްޖޭގެ ގިނަ ބައެއްގެ ތެރޭގައި މަގްބޫލް ބޮޑުބެރު ގްރޫޕް، ރާޅުގަނޑު ބޮޑުބެރު ގުރޫޕެވެ.

މިދިޔަ މަހުގެ 20 އިން 30 އަށް މިސްރުގެ ވެރިރަށް، ގާހިރާގައި ބޭއްވި އެ ފެސްޓިވަލްގައި 21 ގައުމަކުން މިއުޒިކް ގްރޫޕްތައް ބައިވެރިވިއިރު ރާޅުގަނޑު ބޮޑުބެރު ގުރޫޕަކީ މުޅި ފެސްޓިވަލުގައި މިއަހަރު ބައިވެރިވި އެންމެ ޒުވާން ގްރޫޕެވެ.

މިސްރުގައި ބޭއްވި ފެސްޓިވަލުގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕް ބައިވެރިވުން --- ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް ފޭސްބުކް ޕޭޖް

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ)އިން ހުޅުވާލި ފުރުސަތެއްގައި ކުރިމަތިލި ގުރޫޕްތަކާ ވާދަކޮށް ލިބުނު ފުރުސަތާ ގުޅޭގޮތުން ރާޅުގަނޑު ބޮޑުބެރު ގްރޫޕުގެ ފައުންޑާ މެމްބަރު ހައްމާދު ރަޝީދު (ހަމްޕު) ބުނީ، އަމިއްލައަށް ހަރަދު ކޮށްގެން އެ ފެސްޓިވަލުގައި ބައިވެރިވީ މިސްރަކީ ރާޅުގަނޑުގެ ގިނަ ކުދިން ތަކެއްގެ ހުވަފެނީ މަންޒިލަކަށް ވުމުން އެކަން ހާސިލް ކުރުމަށް ކަމަށެވެ.

އަދި ފެސްޓިވަލުގައި ޖުމްލަ ހަތް ޝޯއެއް ހުށަހެޅިއިރު ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބުނު ކަމަށާއި ރާޅުގަނޑުގެ ނަން ޝޯތަކުން ގުގުމާލުމުން އުފާވި ކަމަށް ހަމްޕު ބުންޏެވެ.

"ފެސްޓިވަލްގަ ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ ފެސްޓިވަލްގަ ހުންނާނެ ޑިރެކްޓަރެއް. އޭނަގެ ފަރާތުން ގުރޫޕަށް ވަރަށް ތައުރީފު ލިބުނު. އަދި ކްލޯސިން ސެރެމަނީގަ ފުރަތަމަ ހުށަހެޅުމަށް ރާއްޖެ ހަމަޖެއްސި،" ހަމްޕު ބުންޏެވެ.

މިސްރުގައި ބޭއްވި ފެސްޓިވަލުގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕް ބައިވެރިވުން --- ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް ފޭސްބުކް ޕޭޖް

އޭގެ އިތުރުން ރާޅުގަނޑު ބޮޑުބެރު ގްރޫޕުގެ ހުށަހެޅުން ކަމުގޮސްގެން ދެ ގައުމެއްގައި ބާއްވާ ފެސްޓިވަލެއްގައި ހުށަހަޅައިދިނުމުގެ ދައުވަތު އެ ގްރޫޕަށް ވަނީ ލިބިފައެވެ. އަދި ލިބުނު ދައުވަތު ގަބޫލުކޮށް މިމަހުގެ ތެރޭގައި ރާޅުގަނޑު އަނެއްކާ ވެސް ރާއްޖެ ތަމްސީލް ކުރުމަށް ރާއްޖޭން ބޭރަށް ފުރާނެ އެވެ.

ނަމަވެސް ހަމްޕު ބުނާ ގޮތުން އެ ގްރޫޕުން ދެން ހުށަހަޅައިދޭ ދެ ގައުމު އަދި ބޭނުންވަނީ އެ ގްރޫޕުގެ ސަޕޯޓަރުންނަށް ސިއްރެއްގެ ގޮތުގައި ބާއްވާށެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕުން މިސްރުގެ ލޯތްބާއި ތައުރީފް ހޯދާފައިވާއިރު މިސްރަކީ ދިވެހިންގެ ބޮޑުބެރުގެ ހުނަރު ބަލައިގަތްފައިވާ ބޮޑުބެރަށް އާ ބައެއް ނޫނެވެ.

މިސްރުގައި ބޭއްވި ފެސްޓިވަލުގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕް ބައިވެރިވުން --- ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް ފޭސްބުކް ޕޭޖް

ރާޅުގަނޑު ބޮޑުބެރު ގްރޫޕުން މިއަހަރު ބައިވެރިވި ފެސްޓިވަލުގައި މިދިޔަ އަހަރު ރާއްޖޭގެ ނަގާ ކިޔާ އެއް ގްރޫޕް ކަމަށްވާ "ހަބޭސް" އިން ހުށަހަޅައިދިން އިރު، ހަރުބީ ބޮޑުބެރު ގްރޫޕުން ވެސް ވަނީ މީގެ ކުރިން މިސްރުގައި ބޭއްވި ފެސްޓިވަލެއްގައި ހުށަހަޅައިދީފައެވެ.

comment ކޮމެންޓް