ގްރީޒްމަން ވަނީ އެތުލެޓިކޯއަށް ގޯސް އާދައެއް ގެނުވާފައި: ސިމިއޯނީ

އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން --- ފޮޓޯ/ އޭޕީ

އެތުލެޓިކޯ މެޑްރިޑަށް ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ގޯސް އާދައެއް ގެނުވާފައިވާ ކަމަށް އެ ކްލަބުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ޗެލްސީ އަތުން 2-1 ލަނޑުގެ ނަތީޖާއަކުން އެތުލެޓިކޯ ބަލިވިއިރު، ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ލެގަނޭސް އަތުން ވަނީ އެއްވަރުވެފައެވެ. ރޭގެ މެޗުން މޮޅުވެގެން އެތުލެޓިކޯއަށް ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުސަތު ވެސް އޮތެވެ.

މިސީޒަނުގައި އެތުލެޓިކޯއަށް ފަސް މެޗުން ތިން ލަނޑު ކާމިޔާބުކޮށްދިން ގްރީޒްމަންއަށް ޓީމު ބަރޯސާވާ ކަމަށް އެ ކްލަބުގެ ކޯޗު ސިމިއޯނީ ގަބޫލުކުރެއެވެ.

"ގްރީޒްމަން އަކީ އަހަރެމެންނަށް ގޯސް އާދައެއް ގެނުވި ކުޅުންތެރިއެއް. ސަބަބަކީ އޭނާއަކީ އަހަރެމެންގެ ފޯވަޑް ލައިންގެ މައްސަލަތައް ހައްލުކޮށްދޭ ކުޅުންތެރިޔާއަށްވުން. ގްރީޒްމަން ގޯލު ޖަހާނަމަ، އަހަރެމެންނަށް އެ މެޗެއްގައި މޮޅުވެވޭނެ ކަމުގެ ފުރުސަތު ބޮޑުވޭ. އެކަމަކު އޭނާ ގޯލު ނުޖަހާނަމަ، އަހަރެމެންނަށް އުނދަގުލާ ކުރިމަތިލާން ޖެހޭ،" އެތުލެޓިކޯގެ ކޯޗު ބުންޏެވެ.

ސިމިއޯނީ ބުނީ، ގްރީޒްމަން ގޯލާ ކައިރިއަށް ދިއުމަށް ޓީމުގެ އެހެން ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި ހުރިހާ ޒިންމާއެއް ނަގަންޖެހޭ ކުޅުންތެރިޔަކީ ގްރީޒްމަން ނޫން ކަމަށެވެ.

މިވަގުތު އެތުލެޓިކޯ އޮތީ ސްޕެނިޝް ލަލީގާ ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް ސެވިއްޔާއާއި އެތުލެޓިކޯއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

comment ކޮމެންޓް