ރިނިއުއަބަލް އެނާޖީ ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފަށައިފި

ރަސްމިއްޔާތުގައި ޕާމަނަންޓް ސެކްޓަރީ އަޖްވަދް މުސްތަފާ ވާހަކަފުޅު ދައްކަވަނީ-

ވޭރިއަބަލް ރިނިއުއަބަލް އެނާޖީ ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މިއަދު ފަށައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް އެންޑް އެނާޖީގެ ޕާމަނަންޓް ސެކްޓަރީ އަޖްވަދް މުސްތަފާ ވިދާޅުވީ 2018 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑި އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން އެންމެ މަތީ އިންސަތައިގެ ކަރަންޓް ފޯރުކޮށްދިނުން ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މެދުކެނޑުމެއް ނެތި ދުވާލު ގަޑީގައި ކަރަންޓް ފޯރުކޮށްދިނުން." ޕާމަނަންޓް ސެކްޓަރީ ވިދާޅުވި އެވެ.

އެ ޓްރޭނިންގް އަކީ މިނިސްޓްރީ އޮފް އެންވަރަމަންޓް އެންޑް އެނާޖީ އާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ އެސްޕައާ ޕްރޮޖެކްޓްގެ ކެޕޭސިޓީ ބިލްޑިންގް ކޮންޕޯނަންޓްގެ ދަށުން ހިންގޭ ޓްރޭނިންގް އެކެވެ.

ތަމްރީން ޕްރޮގޮރާމްގައި ވޭރިއަބަލް ރިނިއުއަބަލް އެނާރޖީ ޓެކްނޮލޮޖީ އާއި ޕަވާ ސިސްޓަމްސް ޕްލޭނިންގެ ތެރެއިން ނެޓް މީޓަރިންގް އަދި އިންޓާ ކަނެކްޝަންސްއާ ބެހޭ މަޢުލޫމާތުދިނުމަށް ހަމަޖެހިގިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. އޭގެ އިތުރުން ތަމްރީންގެ ބައިވެރިންނަށް ސްޓޯރޭޖް ޓެކްނޮލޮޖީސް އާއި އިލެކްޓްރިކް ވެހިކަލްސްއާ ބެހޭ ކުޑަ ތަޢާރަފެއް ވެސް ދޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ޕްރޮގްރާމް އަމާޒް ކުރެވިފައި ވަނީ ކަރަންޓްގެ ދާއިރާގެ ކަމާ ބެހޭ މިނިސްޓްރީ އޮފް އެންވަރަމަންޓް އެންޑް އެނާޖީ، މޯލްޑިވްސް އެނާޖީ އޮތޯރިޓީ، އަދި ރިނިއުއަބަލް އެނާޖީގެ ދާއިރާއާ ގުޅުން ހުރި ސަރުކާރުގެ އެހެނިހެން ވުޒާރާތަކާއި ތައުލީމީ އަދި އަމިއްލަ މުއައްސަސާތަކަށް ކަމަށެވެ.

މިއަދުން ފެށިގެން ފަސް ދުވަހަށް ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި 30 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް