ސިޓީން ޗެލްސީ ބަލިކުރި އިރު، ޔުނައިޓެޑަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކުރި އިރު، ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓާ ޔުނައިޓެޑް ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ލީގު މެޗުގައި ޗެލްސީގެ މައްޗަށް ސިޓީން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސިޓީގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. އޭނާ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ބެލްޖިއަމް ކީޕަރު ތިބައުޓް ކޯޓުވާ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ވެސް ސިޓީއަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފެނާންޑީނިއޯ ބޮލުން ފޮނުވާލި ހަމަލާ، ކީޕަރު ކޯޓުވާ ވަނީ ހުޝިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސެސް ފެބްރިގާސް ދިން ބޯޅައަކުން އެޑެން ހަޒާޑް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސިޓީގެ ކީޕަރު އެޑާސަން އެވެ. ފުރަތަމަ ހާފުގައި ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބޭލުމުން ޗެލްސީގެ އެންމެ ކުރިން ފެނިގެންދިޔައީ ހަޒާޑެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގައި ސިޓީން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ 67 ވަނަ މިނެޓުގަ އެވެ. ގެބްރިއަލް ޖީސަސް ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކުރިން ޗެލްސީން ފެނިގެންދިޔަ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް މޮޅުވެފައިވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިންވަނަ މިނެޓުގައި މާކަސް ރަޝްފާޑު ދިން ބޯޅައަކުން ޔުނައިޓެޑަށް ހުއާން މަޓާ ލީޑު ހޯދައިދިން އިރު، މެޗުގެ 35 ވަނަ މިނެޓުގައި އޭޝްލީ ޔަންގް ދިން ބޯޅައަކުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މާރުއާން ފެލައިނީ އެވެ. މެޗުގެ 49 ވަނަ މިނެޓުގައި ރަޝްފާޑު ދިން ބޯޅައަކުން ޔުނައިޓެޑަށް ފެލައިނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު، އެންތޮނީ މާޝިއަލް ދިން ބޯޅައަކުން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނާގައި އޮތް ސިޓީއާއި ޔުނައިޓެޑަށް ވެސް ހަތް މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ. ސިޓީގެ ކުރީގައި އޮތީ އެންމެ ގޯލެއްގެ ތަފާތުންނެވެ. ތިންވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް 14 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނާގައި އޮތް ޗެލްސީއަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ.

comment ކޮމެންޓް