މަރުގެ ހުކުމް ތަންފީޒު ކުރުން ލަސްވަނީ ބައެއްް ޓެކްނިކަލް މަސައްކަތް ނުނިމޭތީ: އަޒްލީން

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މަރުގެ ހުކުމް ތަންފީޒު ކުރުން ލަސްވަނީ އެކަމަށްޓަކައި ގާއިމު ކުރަންޖެހޭ ތަނުގެ ބައެއް ޓެކްނިކަލް މަސައްކަތްތައް ނުނިމޭތީ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހަމަދު ވިދާޅުވެއްޖެއެވެ.

"ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ ކުރިން މަސައްކަތް ކުރީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މަރުގެ ހުކުމް ތަންފީޒުކުރާ ތަނުގެ މަސައްކަތް ނިންމުމަށް ކަމަށާއި އެ މަސައްކަތް ކަނޑައެޅި މުއްދަތަށް ނުނިމުނީ ޓެކްނިކަލް ބައެއް މަސައްކަތްތައް ނުނިމޭތީ ކަމަށެވެ.

"މިހާރު ގާތް ގަނޑަކަށް ނިމިފައި އެހުރީ މަސައްކަތް. މަރުގެ ހުކުމް ތަންފީޒު ކުރުމާއި ހުކުމް ތަންފީޒު ކުރާ ތަން ހެދުމަކީ ދެކަމެއް،" މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ އޮކްޓޯބަރު މަހުގެ އަށެއްގެ ކުރިން މެކޭނިކަލް ހުރިހާ މަސައްކަތެއް ފުރިހަމަ ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ދެންނެވިން ސެޕްޓެމްބަރު މަހުގެ ފަހުކޮޅަށް އަންނައިރު މަރުގެ ހުކުމް ތަންފީޒުކުރާ މެކޭނިޒަމް ތައްޔާރުވާނޭ، އިރާދަ ކުރެއްވިއްޔާ އެ ނިޒާމް ނިމުމުގެ ހުރިހާ މަސައްކަތެއް ގާތް ގަނޑަކަށް ނިމިފަ އެހުރީ. އެހެންވީމަ އޮކްޓޯބަރު މަހުގެ އަށެއްގެ ކުރިން މެކޭނިކަލް ހުރިހާ މަސައްކަތެއް ނިމޭނެ،" އަޒްލީން ވިދާޅުވިއެވެ.

ރާއްޖޭގައި ތަންފީޒު ކުރަން ނިންމާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ މައްސަލަތަކުގައި އިއްވާ މަރުގެ ހުކުމް އެކަންޏެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން އެ ހުކުމް ތަންފީޒު ކުރެވޭނީ ދަށު ކޯޓުން އިއްވާ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުންނެވެ.

މިހާތަނަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައި ވަނީ އެންމެ ތިން މީހަކަށެވެ. އެއީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި ކަމުގެ ކުށް ސާބިތުވި ގ. ރީފް މުހައްމަދު ނަބީލްގެ އިތުރުން ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ އަހުމަދު މުއްރަތުއެވެ.

comment ކޮމެންޓް