ލަންކާގައި ހުންނަ އެމްއީސީސީގައި ވެސް އެސްއެސްސީ އިމްތިހާނު ފަށައިފި

ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި މިއަދު އެސްއެސްސީ އިމްތިހާނު ހަދަނީ. މިއަހަރުގެ އިމްތިހާނުގައި އެ ސެންޓަރުން 12 ދަރިވަރަކު ބައިވެރިވި -- ސަން ފޮޓޯ: އެމްއީސީސީ

ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި ވެސް މިއަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާން ފަށައިފިއެވެ.

އެމްއީސީސީގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ، ސޯސަން ވިލާގައި މިއަދު އެސްއެސްސީ އިމްތިހާނު ފަށާފައިވާއިރު، މިއަހަރުގެ އިމްތިހާނުގައި އެ މަރުކަޒުން ޖުމުލަ 12 ދަރިވަރަކު ބައިވެރިވި ކަމަށެވެ. އެހެން ނަމަވެސް އިމްތިހާނަށް ހާޒިރުވީ 11 ދަރިވަރުން ކަމަށާއި އެއް ދަރިވަރަކު މާލެ ބަދަލުވުމާ ގުޅިގެން އިމްތިހާނުގައި ބައިވެރި ނުވާ ކަމަށެވެ.

އެމްއީސީސީގައި އެސްއެސްސީ އިމްތިހާނު ކުރިއަށް ގެންދާނީ މިއަދާއި މާދަމާގެ ހެނދުނު 9:30 އިން 11:30އަށެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި، މި ދެމާއްދާއިން އޯލެވެލް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފެށި މަސައްކަތުގެ ދަށުން، ސޯސަން ވިލާގައި އެސްއެސްސީ އިމްތިހާނު ހަދާ މިއީ ތިން ވަނަ އަހަރެވެ.

އެގޮތުން ފާއިތުވި ދެ އަހަރުވެސް އެ ސެންޓަރުން އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދައިފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމްއީސީސީގައި، ނާސަރީން ފެށިގެން ގްރޭޑް 10އަކާ ހަމައަށް ކިޔަވައިދެމުން ދާއިރު، މިހާރު އެތަނުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އަދަދު 500އަށް އަރައެވެ.

comment ކޮމެންޓް