ހުޅުލެ-ހުޅުމާލެ ހައިވޭގެ ބިންހިއްކުމުގެ މަސައްކަތް ދަނީ ވަރަށް ހަލުއިކޮށް: ސައިމަން

ހުޅުލެ-ހުޅުމާލެ ލިންކް ރޯޑް ހެދުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދަނީ -- ފޮޓޯ/ހައުސިން މިނިސްޓްރީ

ހުޅުލެ-ހުޅުމާލެ ލިންކް ރޯޑް ހެދުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާއިރު، އެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައިމަން ވިދާޅުވެއްޖެއެވެ.

ސައިމަން ވިދާޅުވީ، މިލިންކް ރޯޑް ނުވަތަ ހައިވޭ ހެދުމުގެ މަސައްކަތަކީ މާލެ- ހުޅުމާލެ ބްރިޖް އާ ގުޅިގެން އަންނަ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ޑްރެޖަރުތަށް ގެނެސް ބިން ހިންކުމުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށް ދާކަމަށެވެ.

ސައިމަން ވިދާޅުވީ، ލިންކް ރޯޑް ހެދުމައްޓަކައި ފެށި ބިން ހިއްކުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ހަތަރެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ބްރިޖްގެ މަސައްކަތް ނިމުމުގެ ކުރިން މި ހައިވޭގެ މަސައްކަތްވެސް ނިންމާލުމަށް. ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މި ބްރިޖް ވެގެންދާނީ މާލެ އަދި ހުޅުމާލޭގެ ރައްޔިތުންނަށްވެސް އަދި ޒިޔާރަތްކުރާ ގިނަ ފަރާތްތަކަކުން ބޭނުންކުރާ ވަރަށް މުހިއްމު ޑިވެލޮޕްމަންޓަކަށް،" ސައިމަން ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ފެށުމަށް ބޭނުންވާ ސަރަހައްދު ވަކިކުރުމަށް ބަންޑް ވޯލް އެޅުމުގެ މަސައްކަތް ކުރއަށް ގެންދިޔައީ މިމަހުގެ ކުރީކޮޅުގައެވެ. އަދި ހައިވޭގެ މަސައްކަތަށް ހުޅުމާލޭގެ ބޯށިމާ ހިނގުމުގައި ޓިނުޖަހައި ބަންދުކޮށްފައިވާކަމަށްވެސް އެޗްޑީސީއިން ބުންޏެވެ.

ހުޅުލެ- ހުޅުމާލެ ހައިވޭއަކީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، ހަތަރު ކިލޯމީޓަރުގެ ދިގުމިނުގައި، ހަތަރު ލޭނަށް ފަރުމާކުރެވިފައިވާ ހައިވޭ އެއްކަމަށް އެޗްޑީސީއިން ބުންޏެވެ.

މީގެ އިތުރުން އެ ހައިވޭގައި ހުރިހާ ވައްތަރެއްގެ، ކުދި އަދި ބޮޑެތި އުޅަނދު ތަކަށް އެއްވެސް ދަތި ކަމަކާ ނުލައި ދަތުރު ކުރެވޭނެ ކަމަށާއި، އެ ހައިވޭ ނިމޭއިރު އެތަން ޕޭވް ކުރެވި، ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައްވެސް ފުރިހަމަ ކުރެވިފައި ހުންނާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ.

comment ކޮމެންޓް