ސޫރިޔާގެ ހަނގުރާމަވަނީ ނިމުމުގެ މަގުމަތީގައި: ޕޫޓިން

އަންކަރާ (ސެޕްޓެމްބަރު 30): ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތައް މިހާރަށްވުރެ ބޮޑަށް ފަހިވެފައިވާ އެއްވެސް ވަގުތެއް ނާންނަކަމަށާ އަދި ސޫރިޔާގެ ހަނގުރާމަވެެސްވަނީ ނިމުމުގެ މަގުމަތީގައި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ތުރުކީއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޕޫޓިން ވިދާޅުވީ ސޫރިޔާގެ ހަނގުރާމައިގާ ތުރުކީއާއި ރަޝިޔާއާ ދެމެދުގައިވާ ޚިޔާލު ތަފާތުވުންތަށް ވަރަށް ބޮޑަށް މިހާރު ކުޑަކުރެވިފައިވާ ކަމަށާ ތުރުކީގެ ކިބައިން އެދެނީ އދ.ގެ ބެލުމުގެ ދަށުން ޖެނީވާގައި ފަށާފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް ކާމިޔާބު ކުރުމުގައި އެހީތެރިވެދިނުން ކަމުގައެވެ.

ޕޫޓިންގެ ވާހަކާގައި ސޫރިޔާގެ ހަނގުރާމަ މިހާރުވަނީ ނިމުމުގެ މަގުމަތީގައި ކަމަށާ ދަތިވަނީ ސޫރިޔާގެ މައްސަލަ ސިޔާސީ ގޮތުން ހައްލުކުރުންކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ޕޫޓިންވަނީ ސޫރިޔާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ރަޝިޔާގެ ބެލުމުގެ ދަށުން ކަޒަޚިސްތާނުގެ ވެރިރަށް އާސްތާނާގައި ފަށާފައިވާ ސުލްހައިގެ ވާހަކަތަކަށް ތުރުކީން ދިން އެއްބާރުލުމަށްޓަކައި ރައީސް އުރުދުޣާނަށް ޝުކުރު އަދާކުރައްވާފައެވެ.

އާސްތާނާގައި ފަށާފައިވާ ސުލްހައިގެ ވާހަކަތަކުގެ އަމާޒަކީ ސޫރިޔާގެ ހަނގުރާމަ ނިނުމަކަށް ގެނައުމެވެ. މިކަން މިހާރުވަނީ ވަރަށް ބޮޑަށް ކާމިޔާބުވެފައެވެ. ސޫރިޔާގެ ހަނގުރާމައިގެ ހޫނުކަން ކުރިއާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އަދި މިހާރު ކުރިޔަށްދަނީ ހަނގުރާމައިގެ އެންމެފަހު މަރްހަލާކަމަށް ހުރިހާ ފަރާތްތަކަކުންވެސް ގަބޫލުކުރެއެވެ. ޖެނީވާގައި ފަށާފައިވާ ސުލްހައިގެ ވާހަކަތަކުގެ އަމާޒަކީ ސޫރިޔާގެ މުޅި މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމެވެ. އާސްތާނާގައި ފަށާފައިވާ ސުލްހައިގެ ވާހަކަތަކަށް ސޫރިޔާގެ އިދިކޮޅު ފާރާތްތަކުން ޙާޒިރުވީ ތުރުކީން ބާރުއެޅުމުގެ ސަބަބުންނެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެންމެ ބޮޑަށް އެހީތެރިވާ އެއްގައުމަކީ ތުރުކީއެވެ. އެހެންކަމުން ތުރުކީ ބުނާގޮތް ހަދަން އެފަރާތްތަކަށް މަޖްބޫރުވެއެވެ. އާސްތާނާގެ ވާހަކަތަކާ ޚިލާފަށް ޖެނީވާގައި ފަށާފައިވާ ސުލްހައިގެ ވާހަކަތަކަށް ކާމިޔާބު ނުލިބެނީ ސޫރިޔާގެ މައްސަލަ ސިޔާސީ ގޮތުން ހައްލުކުރުމަށްޓަކައި ބައްޝާރުލްއަސަދު ވެރިކަމުން ދުރުކުރުން ނޫންގޮތެއް އިދިކޮޅު ފަރާތްތަކުން އަދިވެސް ގަބޫލު ނުކުރާތީއެވެ. ޕޫޓިން އުރުދުޣާންގެ ކިބައިން އެދިވަޑައިގަތީ މިމައްސަލާގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ފިއްތުންތައް ކުރިމަތި ކުރުމަށެވެ.

ތުރުކީއާއި ގަތަރާއި ސައޫދީގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން އެދެނީ ސޫރިޔާގެ މުސްތަގްބަލްގައިވެސް ރައީސް ބައްޝާރުލްއަސަދާއި އޭނާގެ ބަޢްޘު ޕާޓީގެ އެއްވެސް ދައުރެއް ނުބޭއްވުމަށެވެ. ނުވަތަ ބައްޝާރާއެކު ވެރިކަމުގެ ނިޒާމު ހިއްސާ ނުކުރުމަށެވެ. ނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އިދިކޮޅު ފަރާތްތައް ބަލިވެ ސޫރިޔާގެ ބިމުގެ ގާތްގަނޑަކަށް އަށްޑިހަ އިންސައްތަ ވަނީ ރައީސް ބައްޝާރުލްއަސަދުގެ ކޮންޓްރޯލްގެ ދަށުގައިކަމުން ބައްޝާރު ސޫރިޔާގެ ވެރިކަމުން އެއްކިބާކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރެވެންއޮތް ކަމެއްނޫނެވެ. އަދި އެމެރިކާވެސް މިހާރުވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އަސްކަރީ އެހީދިނުން ހުއްޓާލާފައެވެ. މިހާރު އެމެރިކާ އެހީތެރިވަނީ އައިއެސްއާ ދެކޮޅަށް ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށެވެ.

މިކަމުގެ ސަބަބުންނާ އަދި އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތައް އަޑީގައި ތިބެގެން އުރުދުޣާންގެ ސަރުކާރު ވައްޓާލުމަށް މިދިޔަ އަހަރު ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުވުމުން ސޫރިޔާގެ މައްސަލާގައި އުރުދުޣާންގެ ވިސްނުންވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިގޮތުން ބައްޝާރު ވެރިކަމުން ދުރުކުރުމަށް ކުރިން ތުރުކީ ކުރި މަސައްކަތް މިހާރުވަނީ ހުއްޓާލާފައެވެ. އެއަށްވުރެ ބޮޑަށް ތުރުކީން ކަންބޮޑުވަނީ އެމެރިކާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް އެހީތެރިވެގެން ސޫރިޔާގައި ކުރުދީ ދައުލަތެއް އުފައްދަފާނެތީއެވެ.

އިރާގުގައިވެސް އެމެރިކާ އަޑީގައި އޮވެގެން ކުރުދީންވަނީ ވަކިވެގަތުމުގެ މަސައްކަތް ފަށާފައެވެ. މިކަމަށް މަތިމަތިން އެމެރިކާ ދެކޮޅު ހެދިނަމަވެސް އަޑިއަޑިން ތާއީދުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ. ސޫރިޔާގެ މައްސަލާގައި އުރުދުޣާންގެ ވިސްނުން ބަދަލުވުމާއެކު ތުރުކީ ވަނީ ބައްޝާރަށް ވާގިވެރިވާ އީރާނާއި ރަޝިޔާއާއެކު ގުޅުންތައް ބަދަހިކޮށްފައެވެ.

މިހާރު ޕޫޓިން ތުރުކީއަށް ވަޑައިގެން އުޅުއްވާއިރު މިފެށޭ ހަފްތާގައި އުރުދުޣާން އީރާނަށް ވަޑައިގަންނަވާއެވެ. ސޫރިޔާގެ މައްސަލާގައި އުރުދުޣާނަށް ހޭވެރިކަންވީ ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން ޚުދު ތުރުކީގެ މަސްލަހަތަށް ގެއްލުންވާން ފެށުމުންކަމަށް އުރުދުޣާން އަށް ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ.

ސޫރިޔާގައި މިހާރު ހަނގުރާމަ ހިނގަމުންދަނީ އެގައުމުގެ އިރުމަތީ ފަޅީގައިވާ ދީރުއްޒޫރު ސަރަހައްދުގައެވެ. ސޫރިޔާ ސިފައިން މިހާރުވަނީ އައިއެސްގެ ހަނގުރާމަވެރިންނާއި އެމެރިކާގެ މަދަދު ލިބޭ ކުރުދީ ބާރުތައް ބަލިކޮށް ފުރާތު ކޯރުގެ އިރުމަތީ ފަޅިއަށް ވާސިލް ވެފައެވެ. ސޫރިޔާގެ ތެލުގެ ރިޒާވްގެ ބޮޑުބައެއް މިސަރަހައްދުގައި އޮވެއެވެ. މިސަރަހައްދުގައި އައިއެސް އާއި އެމެރިކާގެ މަދަދު ލިބޭ ކުރުދީ ބާރުތައް ބަލިވަމުންދަނީ އާދަޔާ ޚިލާފަށް ރަޝިޔާއިން ދޭ ގަދަފަދަ ވައިގެ ހަމަލާތަކުގެ ސަބަބުންނެވެ. ނަމަވެސް ރަޝިޔާގެ ހަމަލާތަކުގައި ސޫރިޔާގެ އާންމުންގެ އެތަށް ބަޔަކުވެސްވަނީ މަރުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް