Sun Online
ވާހަކަ

އަހަރެންގެ ހިތް އަނބުރާދީ - 52

ލިޔުނީއައިޝާ ނަސީމް

ފާގިޔާ ކުރިއަށް ވުރެ ބޮޑަށް ސަލްވާއާއި އަޅާލާ އެހީތެރިވާންފެށިއެވެ. ކެވޭނެހެން ހީވާ ކޮންމެ އެއްޗެއް ގެނެސްދޭން ފާގިޔާ ހުންނަނީ އަތުކުރި އޮޅާލާފައެވެ. ފެންވަރަން ގިފިލިއަށް ވަންނަންވާއިރަށް ޓައްޕަކަށް ފެންއަޅާ ފުރާލާފައި ބަހައްޓައެވެ. ސަލްވާއަށް ރާއްޖެތެރޭގެ ސާދާ ސީދާ ދިރިއުޅުން އޮމާންވެފައި އުފާވެރިކަން ކުޑައެއްނޫނެވެ. ދުނިޔޭގެ ދެކުލަ ފެނުމަކީ ތަޖުރިބާއެކެވެ. އިއްޒަތާއި މަތިވެރިކަމުގައި އޭނަ ރަނިކަން ކުރި ދުވަހެއްވެސް އައެވެ. އޭރު ލިބުނީ ހިތާމައެވެ. ހިތްދަތިކަމެވެ. ހިތާމައަކީ ވިޝާމްގެ ބަދަލުގައި މުއްސަދި ފިރިހެނަކު ދެކެ އޭނަގެ ބަސްނާހާހިތް ލޯބިވީތީއެވެ. އަދިވެސް އެހިތުގައި ހަމައެކަނި ހައިކަލްގެ ނަން ވާތީއެވެ. ހައިކަލްއަށް ހުރިހާކަމެއް ފޮރުވިޔަސް އޭނަ ދަރިފުޅުގެ ވާހަކަ އަންގާނެއެވެ.

ސަލްވާ ހައިކަލްއަށް މެސެޖްކުރިއެވެ. ކުރު މެސެޖެކެވެ. އޭނަ ޓެސްޓް ހެދިއިރު ޕޮޒިޓިވްކަމަށެވެ. ހައިކަލްއަށް މެސެޖް ފޮނުވުމަށްފަހު ރިޕްލައިއެއް ނައިސްގެން އިރުއިރުކޮޅާ ބަލައިލެވުނެވެ. އަނެއް މެސެޖްގައި ލިޔުނީ ދުރަށް އައުމުން މާފުކޮށްދިނުމަށާއި ހިތްހެޔޮކުރުމަށެވެ. ހައިކަލްމެން ދެއްކި ވާހަކަތައް އިވިފައި ވަރަށް ބޮޑަށް ހިތުގައި ޖެހިފައިވާކަމުގައި ބުނެލިއެވެ. ހައިކަލް އާއިއެކު އަދިވެސް އުޅެން ބޭނުންވަނީ ދަރިފުޅުގެ ހައްގުކަމުގައިވެސް ލިޔުނެވެ. މެސެޖް ޑެލިވާނުވިކަން އެގުނީމަ ދެލޮލަށް ކަރުނައައީ އިޚުތިޔާރަކު ނޫނެވެ. ހައިކަލް ނަމްބަރުވެސް ބަދަލުކޮށްލީބާވައެވެ. އެހާ އަވަހަށް އޭނަ މަތިން ހަދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށް ދާން ނިންމީކަން ނޭގެއެވެ. ހައިކަލްއަށް މަދުވާނީ ކޯޗެއްހެއްޔެވެ؟ އޭނަފަދަ ކިތަންމެ ސަލްވާއެއް ހައިކަލްއަށް ލިބިދާނެއެވެ.

ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އޭނަގެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގުމުގެ ހައްގު ދަރިފުޅަށް ލިބިގެންވާނެއެވެ. ހައިކަލްއަށްވެސް އެހައްގު ދޭން ޖެހޭނެއެވެ. ފާފައިގެ މައްޗަށް ފާފަކުރާކަށް ނުވާނެއެވެ. ހައިކަލް އޭނައާއި ދޭތެރޭ ކޮންމެފަދަ ގޮތަކަށް ދެކުނަސް ހައިކަލްގެ ދަރިއަކު ދުނިޔެއަށް އަންނަން އުޅޭއިރު އެކަން އެންގުމަކީ އޭނަގެ ވާޖިބެކެވެ. ހައިކަލްއަށް އެތައް މެސެޖެއްކޮށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. ހައިކަލްގެ ފޯނު އޮތީ ނިވާލާފައެވެ. އެހެންވެދާނެކަމަށް ސަލްވާ ފަހަރެއްގައިވެސް ހީކޮށްފައެއް ނުވެއެވެ. ހައިކަލްއާއި މިގޮތަށް ގުޅަންޖެހޭ ހާލަތެއް އަތުވެދާނެކަމަކަށްވެސް އޭނަ ތައްޔާރެއް ނޫނެވެ.

ސަލްވާގެ ނުތަނަވަސްކަން އޭނަ ހިއްސާކުރީ ފާގިޔާއާއެވެ.

ރޯޒްމެހެލްގެ ނަން އިވުމުން ފާގިޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ސަލްވާގެ ފިރިމީހާއަކީ ހައިކަލްކަން އެނގުމުން ފާގިޔާ ހީލިއެވެ. އެއީ އެގެއިން އެންމެ ރަގަޅު ކުއްޖާކަމުގައި ފާގިޔާ ބުނެފައި ކޮންމެވެސް ވަރަކަށް ހައިކަލްގެ ވާހަކަ ހިއްސާކުރިއެވެ. ހައިކަލް އޭރު މުޅިންވެސް އުޅުނީ ރާއްޖެއިން ބޭރުގައެވެ. ވާހަކަދައްކާ އުޅުނީ އިނގިރޭސި ބަހުންނެވެ. މަދުފަހަރެއްގައި ރާއްޖެއަށް ޒިޔާރަތްކޮށްލާއިރު ފާގިޔާއާއި ދިމާވިއެވެ. އެހާ ހިތްހެވެވެ. އެހެން ޒުވާނުންފަދައިން އަމުރުކުރުމެއް ނުހުރެއެވެ. އަދި ބެހޭފާޑެއްވެސް ނުހުރެއެވެ. އަންހެންކުދިންނާއި ރުޅިކަހަލައެވެ. އޭރުވެސް އެހެން މީހުން އިހުތިރާމް ކުރާ އަދި ލޯބިވާ ފަރާތެއްކަމުގައި ހައިކަލްވިއެވެ. ފާގިޔާގެ ވާހަކަތައް ސަލްވާ އަހަންއިނީ ނިކަން ޝައުގުވެރިވެފައެވެ.

"މިވީގޮތުން ކޮންމެވެސް ބަހަނާއެއް ދައްކާފައި މާލެދާން ޖެހުނީ. ވިޝާމްއަކަށް އަދިވެސް ނޭގޭނެ ދޯ ސަލްވާ ބަލިވެއިންކަމެއް........." ފާގިޔާއަށް ސަލްވާ ތާއީދުކުރިއެވެ. އޭނަގެ ހިތާއި ރޫހު މާލޭގައިވާ އިރު މިހާރު މިތާ އުޅުން ދަތިވާން ފަށައިފިއެވެ.

ވިޝާމް އެރޭ ގެއަށް އައިއިރު އޭނަ ހުރީ އަވީގައި އުޅެއުޅެ ރަންކުލައަރާފައެވެ. ވަރުބަލިކަމުގެ ނިޝާންތައް މޫނުމަތިން ފެނުނެވެ. އޭނަ ގެއަށް ވަދެލިޔަސް ކޮންމެވެސް ކަމަކާއި ނޫޅޭ އިރެއް ނުދާނެއެވެ. މަސް ގެނެސް ކަނޑާދީ ކެއްކުމުގައިވެސް އެހީތެރިވެދެއެވެ. މަންމައަށް އަތްގާތްކޮށްލަދީގެން މިއަދު ވިޝާމްއަށް ލިބެނީ ތަފާތު އުފަލެކެވެ.

ފާގިޔާ ދުރުދުރުން ވާހަކަފެށިއެވެ. އޭނަގެ ލޮލަށް ރަގަޅަށް ނުފެންނަ ކަމަށާއި އައިނެއް ހަދާފައި ކުޑަކޮށް ޓެސްޓްތަކެއް ހަދާލަން މާލެދާން ބޭނުންވާކަމުގައި ބުނެލިއެވެ. ރަށުން ލޮލުގެ ޑޮކްޓަރެއްގެ ޚިދުމަތް ނުލިބޭތީ އެކަމާއި ޝަކުވާކުރިއެވެ. ވިޝާމްގެ މޫނުމަތިން އިތުރު ކުލަވަރެއް ނުފެނުނެވެ. ވަގުތުން އެކަން ކޮށްދޭން އޭނަ ބުނީ ހިނިތުންވަމުންނެވެ. ނަމަވެސް މައްސަލައަކީ ފައިސާގެ ދަތިކަމެވެ. މާއިޒްގެ ފަރާތުން ތަކުރާރުކޮށް ފައިސާއަށް އެދުމަކީ އޭނަގެ ޟަމީރު ލަދުވެތިވާކަމެކެވެ. ނަމަވެސް މަންމަ އުމުރު ދުވަހު އެދުނު އެންމެކަމެއްގައި އޭނަ ކޮޅުފައިން ޖަހާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ބަދުނަސީބު މަންމައަށް އޭނަ މިފެނުނީވެސް އެތައް އަހަރެއްފަހުން ޒުވާނެއްގެ ގޮތުގައި ހުއްޓައެވެ.

"ސަލްވާވެސް ދާންޖެހޭނެއްނު. އަދިވެސް ބޯ އަނބުރާ ގޮތްގޮތްވޭތަ؟ " ވިޝާމް އަށް ސަލްވާ ބަލިވެއިންކަން ނޭގޭތީ ސުވާލުކުރީ އޭނަގެ މަންމަ ކައިރިންނެވެ.

"ފްލައިޓްގައި ދެވޭނެއްނު ދަރިފުޅާ......" ފާގިޔާގެ އަތުގައި ރައްކާކޮށްފައި ހުރި ފައިސާކޮޅެއް ނަގާފައި ދިނުމުން ވިޝާމް އޭގައި ނުހިފާ ބުނީ އޭނަ އަތުގައި ވާވަރަށް އެބަހުރިކަމުގައެވެ.

ދެދުވަސްފަހުން ވިޝާމް ހުރީ އޭނަގެ މަންމައާއި ސަލްވާ ގޮވައިގެން މާލޭގައެވެ. މަންމައާއި ސަލްވާއަށް ކޮޓަރިއެއް ކުއްޔަށް ހިފުމަށްފަހު ހޮޓަލުން ކާއެއްޗެއް ގެނެސްދީފައި ވިޝާމް އުޅުނީ މަންމަ ލޮލުގެ ޑޮކްޓަރަށް ދައްކަން ނަމްބަރުނަގާށެވެ. މާއިޒްއާއި ބައްދަލުކުރަންވެސް އޭނަ ބޭނުމެވެ. ރަށްފުށުގެ ދިރިއުޅުމުގެ ސަބަބުން އޭނަގެ މަންމައާއި ލޯބިވާ ސަލްވާއަށް ދަތިތަކާއި ކުރިމަތިލާންޖެހޭތަން އޭނައަށް ފެނިފައިވެއެވެ. ރަށުން ލިބޭ އާމްދަނީއިން މަންމަމެން އުފަލުގައި ގެންގުޅޭކަށް ފަސޭހައެއްނުވާނެއެވެ. މާއިޒްގެ އަތުން ލޯނެއް ނަގައިގެން ވިޔަސް އޭނަ ގަސްތުކުރީ މަންމަމެން މާލޭގައި ދިރިއުޅޭނެގޮތެއް ހެދުމެވެ. މާއިޒްގެ މަންމައާއިއެކު އުޅޭ އެޕާޓްމެންޓަށް ދިޔުމާއިއެކު މާއިޒް ވިޝާމްގެ ގައިގާ ބައްދާލާފައި ހާލު އަހުވާލު އޮޅުން ފިލުވިއެވެ. މަންމައާއި ބައްދަލުކުރަން ދިޔަމީހާގެ ޚަބަރެއްނުވީތީ އެކަމާއި މާއިޒް މައްސަލަޖެއްސިއެވެ. ވިޝާމް ސިއްރުކުރީ އޭނައާއިއެކު ސަލްވާވެސް އެގޭގައި އުޅޭކަމެވެ. ސަލްވާ އެހާވަރުން ފިލައިގެން އުޅެންބޭނުންވާއިރު މާއިޒްއަށް އެކަން އެނގުމުގެ މާނައެއް ނެތް ނޫންހެއްޔެވެ؟ ވިޝާމް އެދުނީ ލޯނަކަށެވެ. އޭނަ އަށް ވަޒީފާ ލިބުމުން އެބައި ހަމަޖައްސާދޭނެކަމަށް ބުނުމުން މާއިޒް ވަގުތުން އެއްލައްކަ ރުފިޔާގެ ޗެކެއް ލިޔެފާ ދިއްކޮށްލިއެވެ.

ވިޝާމް މާއިޒްގެ ގައިގާ ބާރަކަށް ބައްދައިލިއެވެ. މިޙާ ރަގަޅު އެކުވެރިޔަކު ލިބުނުކަމަށްޓަކާ އޭނަ ހަމްދުކުރިއެވެ. އަދި މާއިޒްއަށް ހިތާހިތުން ދުޢާކުރިއެވެ.

ފާގިޔާ ރޯޒްމެހެލްގެ ދޮރުގައި ބެލްޖަހާލިއިރު އޭނަގެ ހިތްވަނީ ފިނިވެފައެވެ. އެތައް ދުވަސްވާންދެން އަނިޔާލިބި އޭނަގެ އިއްފަތްތެރިކަމަށް އަރައިގަތް މީހަކު ހުރިތަނަކަށް މިގޮތަށް އައުމަކީ އޭނައަށް ފަސޭހަކަމެއްނޫނެވެ. އެހާ ރަގަޅު އަންހެންކުއްޖަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ގޮތުން އޭނަގެ އަޒުމްވެސް ފުޑުފުޑުކޮށްލީއެވެ. ދުވަހަކު ނާންނާނެކަމަށް ވައުދުކުރި ގޭގެ ހަތަރުފާރުން އެތެރޭގައި ފައި އެޅިއްޖެއެވެ. ދޮރު ހުޅުވާލާފައި ނުކުތް މެހެރީނާ ފެނުމާއިއެކު ފާގިޔާގެ ނޭވާވެސް ހުއްޓި މޭގައި އަތްއަޅާލެވިއްޖެއެވެ.

"ތިއީ ކާކު....." މެހެރީނާގެ މޫނަށް ފާޑެއްގެ ކުލައެއް ވެރިވެގެން ދިޔުމާއިއެކު ކުއްލިއަކަށް އެއީކާކުކަން ދެނެގަނެވި މަލާމާތުގެ ވައްތަރަކަށް ބަލައިލިއެވެ. ފާގިޔާގެ ދިގު އެސްފިޔަތަކާއި ރީތި ބުމައަކީ ނާދިރު ސިފައެކެވެ. އެރީތިކަން އޭނަގެ ދިރިއުޅުމަށްވެސް ވިހަލިއެވެ. މި ސިހުރުވެރި އަންހެނާގެ ޖާދޫގައި އަރީން ޖައްސާލައިގެންނެވެ. މެހެރީނާގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު ވަރުގަދަވެ އަތްދަމާފައި މޫނުމަތީގައި ބާރުހުރި އެތިފަހަރެއް ޖަހަން ހިތާހިތުން އެދެވުނެވެ.

"ހުއްދަނެތި މިގޭ ގޭޓުން ވަންނަން ކެރުނީތީ ހައިރާންވެއްޖެ. ކަލޭ ބޭނުންވަނީ ކޮންކަމެއް؟ " މެހެރީނާ ހުރީ ދެލޯ އަޅާލައިގެންނެވެ.

"ކުޑަ ސާހަބު އެބައުޅުއްވާތޯ؟ " ފާގިޔާ ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

"ދޮންބެ ހޯދުމުގެ ބޭނުމެއް ނިކަން ބުނެބަލަ...." މެހެރީނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"އަޅުގަނޑު މިއައީ ސާހަބުގެ އަންހެނުންގެ މެސެޖެއް ރައްދުކޮށްދޭން....."

"ރިއެލީ؟ އާޗާ ދެން މެދުވެރިއަކު ފޮނުވައިގެންވެސް އެބަޖެހޭ ދޮންބެއާއިގެން އުޅެން. ދޮންބެ ފެމިލީއާއިއެކު އެމެރިކާގައިވީ. ރައުދާއާއި އަލުން ކައިވެނިކޮށްފި......" މެހެރީނާގެ ޖުމްލައިން ފާގިޔާ ސިހިއްޖެއެވެ. މެހެރީނާގެ ކައިރީ އެވާހަކަ ބުނެފިއްޔާ އެހީވާނެބާވައެވެ. ސަލްވާގެ ބަނޑުގައިވިޔަސް ހައިކަލްގެ ދަރިއެއްނޫންހެއްޔެވެ؟ މެހެރީނާވެސް ރަހުމްކުރާނެއެވެ. ސަލްވާއާއި އަޅާނުލިކަމުގައިވިޔަސް ތުއްތު ދަރިފުޅަށް ބޭނުންވާނެއެވެ.

"ސަލްވާ ބަނޑު ބޮޑު...." ފާގިޔާ އުއްމީދުން ފުރިގެންވީގޮތަކަށް މެހެރީނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"ކީކޭ....." މެހެރީނާގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. ތަބުގައި ހިފެހެއްޓީ ފައިން ވާގިދޫވެދާނެހެން ހީވެފައެވެ. ދުނިޔޭގައި ގިނި ހިލައެއްޖެހެނީއޭ ބުންޏަސް އޭނަ މިހާ ހާހެއް ނުވާނެއެވެ. މޭގަނޑުވެސް އަނގަޔަށް ނައީ ހަމަކިރިޔާއެވެ. އަނގަޔަށް ނުބައި ގޮތެއް ހަދާލެވުނެވެ. އޭނަގެ ހިތާއި މުޅި ހަށިގަނޑުވެސް ރޫރޫއަޅައިގަތީ ދެން ވެދާނެގޮތަކާއިމެދު ވިސްނާލާފައެވެ. މިގޮތަށް މާޒީގެ ހިޔަނި އެޅި މުސްތަގުބަލްގައި އޭނަ ދެކުނު ފޮނި ހުވަފެންތަށް ބިލާހަކަށްވާތަން ދެކޭކަށް ނުހުރެވޭނެއެވެ. ސަލްވާ ބަލިވެއިންނާންވީ ގޮތެއް އޭނައަކަށް ނުވިސްނުނެވެ. މެހެރީނާގެ ސިކުނޑި ދަތުރުކޮށްލީ އެހެން ދިމާލަކަށެވެ. ރައުދާގެ ވާހަކަތައް އޭނަ ހަދާންކުރިއެވެ. ނޫނެކެވެ. މިހެނެއް ނުވާނެއެވެ.

"ސަލްވާ އިނީ ބަލިވެ. ޓެސްޓްހެދިއިރު ބަލިވެއިންކަމަށް ދެއްކީ..." ފާގިޔާ އަލުން ބުނެދިނެވެ. މެހެރީނާގެ ބޮޑުވެފައިވާ ދެލޮލާއި ފާގިޔާގެ ލޯ ބައްދަލުވީ ފަޅި ސިކުންތުކޮޅު ގަރުނަކަށް ދެމިގެން ދިޔަހެން ހީވިއެވެ. ފާގިޔާ ހީކުރީ މެހެރީނާގެ ހިތަށް ކުލުނު ވަންނާނެކަމުގައެވެ. އަމިއްލަ ލޭ ވިއްޔާއެވެ. ސަލްވާގެ ބަނޑުގައިވަނީ މެހެރީނާގެ ފުރާނައަށް ވުރެ ލޯބިވާ އެއާއިލާގެ ހުރި އެންމެ ފިރިހެންދަރީގެ ނިޝާނެކެވެ. މި ޚަބަރު ގެނައިމީހަކަށް އުފަލުން އިނާމެއް ދޭވަރުގެ އުފަލަކަށް ވާނެކަމަށް ފާގިޔާއަށް ހީކުރެވުނީ ކުޑަ ވަގުތުކޮޅަކަށެވެ.

މެހެރީނާ ކުރިއަށް ޖެހިލުމާއިއެކު ފާގިޔާގެ މޫނަށް އެރި ބާރު އެތިފަހަރުން ފާގިޔާ ވިއްސައިގެންދިޔައީ ލުއިފަތެއް ހެންނެވެ. ނިކަމެތިކޮށް ހިމަތޮޅިކޮށް ހުރި ފާގިޔާއަކަށް މެހެރީނާފަދަ ވަރުގަދަ އަންހެނަކާއި ކުރިމަތިލާ ކާމިޔާބެއް ނުވާނެއެވެ. ޖިސްމާނީގޮތުން މެހެރީނާ އެތައް ގުނައެއް ވަރުގަދައެވެ. މަރުމަރުހިލައިގެ ތަޅުންމަތީގައި ޖެހުނުގޮތަށް ފާގިޔާ އޮތީ ހިރިވެސް ނުލެވިފައެވެ. ފާގިޔާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.

"ސަލްވާ ބަލިވެ އިންނާނީ ވިޝާމްގެ ދަރިއަކަށް. ނާޖާއިޒް އައުލާދަކަށް....." މެހެރީނާ ހަޅޭއްލަވައިގަތް އަޑުން ތަން ފަޅައިގެންދާ ވަރުވިއެވެ.

"ކަލޭމެން ތިއުޅެނީ ނަހަލާލު ދަރިއަކު އަހަރެންގެ ބޭބެގެ ބޮލުގައި އަޅުވަން. ބަލަ ކަލޭގެ ދަރިއާއި ތި ސަލްވާއަކާއި ހިތާވެ އެދެމީހުން ގަތްގަނޑު މިގޭގައި ތިބިހާ ބަޔަކަށް ފެނުނު. ދޮންބެއަށްވެސް ކިތަންމެ މަންޒަރެއް ފެނިފައި ހުރީ. އެވިޝާމް އެންމެފަހުން ބޭބެގެ ދަރިފުޅު ޒެލްވެސް މަރާލީ. މިހާރު މި މުއްސަދިކަމާއި ޝާހީކަމަށް ދަހިވެތިވެ ކަރުހިއްކައިގެން ކަލޭމެން ތިއުޅެނީ ދޮންބެގެ ބޮލަށް އެކުއްޖާ ޖަހާލަން. ތިކަމެއްނުވާނެ. ޚަބަރުދާރު. އިތުރަށް އެހެނޭ ކިޔާފައި އަނގަ ހުޅުވާލިޔަސް ކަލޭމެން ކަނޑަށް ފައްތާލާނަން. ލަދެއްވެސް ނުގަނޭތަ؟ އަދި ބުނެފިއެއްނު ސަލްވާ ބަލިވެއިނީ ދޮންބެގެ ދަރިއަކަށޭ. ދޮންބެ ނޫޅޭ ކަލޭމެންގެ ދޮގުއަޑުއަހާކަށް. ގޮސް ކަލޭގެ ޅީދަރީގެ ކައިރީ ބުނޭ އަނގަ މަޑުން ލައިގެން އިންނާށޭ. ރަށްމެދަށް ނުވިހާ އިއްދައިން ކެނޑުނީމަ ކަލެއަށް ރަގަޅުވާނީ އެދެމީހުން ދެވިއްޔާ. އޯކޭ؟ ނައު ގެޓް އައުޓް. ނޫނީ ދެލޯވެސް އުތުވާލާނަން. އެހާ ރުޅިގަދަވެއްޖެ އަދި ނާޖާއިޒް އައުލާދެއްގެ ވާހަކަ ދައްކަން އައީމަ...." މެހެރީނާ ފާގިޔާގެ މޫނުމަތީގައި ދޮރު ލައްޕާލުމުން ފާގިޔާ ތެދުވުމުން އަތަށް ވީ ތަދުން ކުކުރާލެވުނެވެ. ވަރަށް މަސައްކަތުން ކޮރުޖަހަމުން ނުކުމެގެން ހިގައިގަތްއިރު އޭގައި ކިހާވަރެއްގެ ހަގީގަތެއްވޭތޯ ހިތާހިތުން ސުވާލުކުރިއެވެ.

އޭނައަށް އެނގޭހާ އެއްޗަކީ ސަލްވާ ހައިކަލްދެކެ ލޯބިވާ މިންވަރެވެ. މިވާހަކަތައް އަހާފައި ސަލްވާއަށް އަސަރުކުރާނެ ވަރެވެ. އޭނަ ބުނެދޭން ޖެހޭނީ ކިހާވަރަކަށް ކަމެވެ.

ފުރަތަމަ އޭނަ ސުވާލުކުރާނީ ވިޝާމްއާއެވެ. ސަލްވާއާއިހެދި ވިޝާމް އުޅޭކަމަށް ވަންޏާ އެކަން އޭނައަށް އެނގުން މުހިއްމެވެ. އެދެމީހުންގެ ގުޅުމެއް އޮތިއްޔާ އެބުނާހެން ހައިކަލް ކައިރިއަށް ދިޔުމުގެ މާނައެއް ނެތެވެ.

ލޮލުގެ ޑޮކްޓަރަށް ދައްކައިގެން ނަމްބަރު އައިނެއް ހައްދަން ސިޓީ ލިބުމުން ވިޝާމްއާއިއެކު ގެއަށް އައިތަނާ ފާގިޔާ ފެނުނީ ދޮރާށި ދޮރާށިކައިރީގައި ބިންމަތީގައި އިންދައެވެ. ފާގިޔާ ބުނީ ކައްސާލައިގެން ވެއްޓި އަތަށް ތަދުވީކަމުގައެވެ. މަންމަ އިން ހާލު ފެނުމުން ވިޝާމްގެ ހިތަށް އަސަރުކުރިއެވެ. ކާރަކަށް ގުޅިއެވެ. މަންމަ އަތްދަނޑިމައްޗަށް ލައިގެންގޮސް ކާރަށް އަރުވައިގެން އޭނަ މިސްރާބުޖެހީ ހޮސްޕިޓަލަށެވެ. ފާގިޔާގެ އަތުގެ ކަށިގަނޑު ބިދިފައި ހުރުމުން ޕްލާސްޓަރު އަޅަން ޖެހުނެވެ. ފައިވެސް ދުޅަވެ ރަތްއަރާފައެވެ.

ގެއަށް އައިއިރު ސަލްވާ ފެންނަން ނެތުމުން ވިޝާމްގެ ބޯ އިތުރަށް ގޮވާވަރުވިއެވެ. ގުޅައިގެންވެސް ސަލްވާ ވާހަކަދައްކާނީއެއް ނޫނެވެ. މެސެޖަށް ރިޕްލައިއެއްވެސް ނުކުރާނެއެވެ. ސަލްވާ އެގޮތަށް ނުކުމެގެން ދާނީ ވަކި ކޮންތާކަށް ހެއްޔޭ އެތައް ފަހަރު ހިތާ ހިތުން ސުވާލުކުރެވުނެވެ. ވިޝާމް އޭނަގެ މަންމައަށް ކޮފީއެއް ގިރާފައި ސެންޑްވިޗެއް ގެނެސްދިނެވެ. ވިޝާމް މަންމަގެ އަނގައިގާ ލައްވާފައި ކާންދިނުމުން ފާގިޔާ އިނީ ހިނިތުންވެފައެވެ. ނަމަވެސް ދޭތެރެއަކުން މެހެރީނާގެ ނުރައްކާތެރި ލޯ ކައިރިން ފެންނަހެން ހީވެފައި އެހިނިތުންވުން ގެއްލިދެއެވެ. އެއާއިއެކު ސަލްވާއާއި ވިޝާމްގެ އޮތް ގުޅުމާއި ބެހޭގޮތުން މެހެރީނާ ދެއްކި ވާހަކަ ހަދާންވިއެވެ.

"ވިޝާމްއަށް ސަލްވާ ބަލިވެއިންކަން އެނގޭތަ؟" ފާގިޔާ ވިސްނުންތެރިކަމާއިއެކު ވިޝާމްގެ މޫނަށް ބަލައިލިއެވެ.

"މަން..މަންމައަށް ކިހިނެއް އެނގުނީ؟ "ވިޝާމް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ވިޝާމްގެ މޫނުގެ ޝުއޫރުތައް ފާގިޔާގެ ހިތުގައި ޝައްކު އުފެއްދިއެވެ.

"ސަލްވާ މަންމަ ކައިރީ ބުނީ. ދަރިފުޅު ތިހިރީ މަންމައަށް ވަރަށް ގިނަކަންތައް ސިއްރުކޮށްލައިގެން. މީހަކާއި އިން ވާހަކަވެސް ނުބުނަމެއްނު. އަދި އެއީ ރޯޒްމެހެލްގެ މާމަ ދަރިއަކާއި. އެކުއްޖާ މަރުވީޔޯ. ނޫން ވިޝާމް އެކުއްޖާ ކޮށްޕާ ވައްޓާލީއޯ. އަދި........ދަރިފުޅާ. މަންމަގެ ބޯ ގޮވާފާނެ. މަންމަ މިއައީ އެގެއަށް ގޮސް މެހެރީނާއާއި ވާހަކަދައްކާފައި. މެހެރީނާ ބުނިގޮތުން ހައިކަލް ރައުދާއާއި ކައިވެނިކޮށްގެން ވީ އެމެރިކާގައި. މަންމައަށް ސިއްރުނުކޮށް ހުރިހާ ވާހަކަތަކެއް ކިޔާދީބަލަ ވިޝާމް............." ފާގިޔާގެ ޖުމްލަތައް އަޑުއަހަން ވިޝާމް އިނީ އިސްޖެހިފައެވެ.

"މަންމަ ކައިރީ ނުބުނީ އަޅުގަނޑުގެ އަންހެނުން މަރުވީމަ. އެވާހަކަ ދައްކައިގެން މަންމަ ހިތްދަތިކުރުމުގެ މާނައެއް ނެތް. މަންމާ އެކަންތަކާއިމެދު ނުވިސްނާ..........." ވިޝާމް ކުޑަކޮށް ހީލިޔަސް އަބަދުވެސް އެލޮލުގައި ރިހުމެއް ހުންނަކަން ފާގިޔާ ފާހަގަކުރިއެވެ. އުފާވެރި ކަމެއްނެތް ހިނިތުންވުންތަކެވެ. ވިޝާމްގެ އުފާވެރިކަން ފޭރިގަތީ ކާކުބާވައެވެ.

ވިޝާމްގެ ހިތުގައި ރޯޒްމެހެލްއާއިމެދު އޮތް ނަފްރަތު ހައްތަހާ ބޮޑުވިއެވެ. ސަލްވާފަދަ އަންހެންކުއްޖަކަށް ދުވަހަކުވެސް އެގެއިން މަގާމެއް ނުލިބޭނެއެވެ. މެހެރީނާފަދަ އަންހެނުންގެ ނުފޫޒުގެ ސަބަބުން ސަލްވާގެ ދިރިއުޅުމަށް އުފާވެރިކަމެއް ނުލިބޭނެއެވެ. އެހުރިހާކަމަކުން އޭނަ ސަލްވާ ރައްކާތެރިކޮށްދޭނެއެވެ. ސަލްވާދެކެ ހައިކަލް ލޯބިވާނަމަ އެނބުރި އަންނާނެއެވެ. އަންނަންދެން އޭނަ ހައިކަލްގެ އަމާނާތް ބަލަހައްޓާދޭނެއެވެ. ސަލްވާގެ ހިތުން ހައިކަލްގެ ނަން ފޮހެވިއްޖެއްޔާ އޭނަ މިހިރީ ސަލްވާއަށްޓަކައެވެ. ނިމުމެއްނެތް އިންތިޒާރެއްގައެވެ. މުސްކުޅިވިޔަސް ހެވެވެ. އޭނަ ހުންނާނީ ސަލްވާ އޭނަ ކައިރިއަށް އަންނާނެކަމުގެ އުއްމީދުގައެވެ.

މީހެއްގެ ހަޔާތް ބަދަލުވާން ވެއްޖެއްޔާ ފަޅި ސިކުންތުކޮޅަކުންވެސް އެފަދަ ކަމެއް މެދުވެރިވެދާނެއެވެ.

އަރީން ވަޒީފާ ނިންމާލާފައި އައިމަގުމަތީގައި ފާގިޔާ ގޮވައިގެންގޮސް ވިޝާމް ކާރަށް އަރުވާފައި ދޮރުފަތް ލައްޕާލަދިންތަން ފެނި ހައިރާންކަމެއް ލިބުނެވެ. ވިޝާމްގެ މޫނުމަތިން ދަންނަ ފާޑުޖަހަނީ ކީއްވެކަން ވަގުތުން އަރީން ދެނެގަތެވެ.

"ޔަގީން އެވާނީ ފާގީގެ ދަރިފުޅަށް. އަހަންނަށް ކުރެވުނު ފާފައިގެ ބަދަލުގައި ފާގީގެ މާފު ލިބޭނީ އެންމެ ގޮތަކަށް ކަން ނޭގޭ. އަހަރެން ވިޝާމްއަށް އެހީތެރިވާނީ. ކިޔަވަން ބޭރު ގައުމެއްގެ ޔުނިވަސިޓީއަކުން ޖާގަ ހަމަޖައްސާދޭނީ. އާއިލާމީހުންނަށް އެނގިއްޖެއްޔާ ގިޔާމަތްވާނެ. ސޯ މާޒްއަށް ފައިސާ ހަވާލުކޮށްފައި ބުނާނީ މާޒްގެ ފްރެންޑަށް ކިޔަވާދޭށޭ....." އަރީން ލޯގަނޑުންވެސް ފާގިޔާއާއި ދިމާލަށް ފުންކޮށް ބެލިއެވެ. އަދިވެސް އެހަށިގަނޑު ހާދަ ފުރިހަމައެވެ. ހާދަ އަންހެންވަންތައެވެ. އަރީންގެ ހިތުގައި ވިންދު ޖަހައިލީ ފާގިޔާއާއިއެކު އުޅެވުނު ދުވަސްތައް ހަދާންވެފައެވެ.

ހައިކަލް ޓެރެސްއަށް ނުކުމެ ހުރިއިރު އެދެލޯ ހުއްޓިފައިވަނީ ފަލަކުގައި ރަނިކަންކުރަމުން ދިޔަ ހަނދަށެވެ. ވަށައިގެން ފެންނަ ކޮންމެ އެއްޗެއް އަޒަލްގެ މަތިން ހަނދާންކުރުވާއިރު އޭނަގެ ހަދާނުން ސަލްވާވެސް ފިލައިގެނެއްނުދެއެވެ. އެރީތި އަންހެންކުއްޖާގެ މަތިން ހަނދާން ނައްތާލާ ދިރިއުޅުމާއިގެން ކުރިއަށްދާން ކުރިހާ މަސައްކަތްވީ ބޭކާރެވެ. އޭނަގެ ޚިޔާލުގައި ސަލްވާ ނުވާ އެންމެ ހިދުކޮޅެއްވެސް ނުވެއެވެ.

"މޮޔަކަމެއް. ސަލްވާކަހަލަ އަންހެންކުއްޖަކާއިދޭތެރޭ ވިސްނުމަކީ ބޭކާރުކަމެއް. އެކަހަލަ ކެހިވެރި އަންހެންކުއްޖެއްގެ ފަރާތުން ސަލާމަތްވެވުނުކަމީ ނަސީބެއް. އެހެންނޫންނަމަ ދެން ދޭނެ ގެއްލުމެއް އެނގެނީއެއްވެސް ނޫން..." ހައިކަލްގެ ޟަމީރު ވިސްނާދޭން އުޅުނަސް އޭނަގެ ހިތް އެކަމާއި ދެކޮޅެވެ. ސަލްވާގެ ކުށެއްނެތޭ ހިތަށް އަރަނީ ކީއްވެބާވައޭވެސް ހިތަށް އެރިއެވެ. އޭނައަށް ހުރިހާ ހެކިތަކެއް ފެނުމުންވެސް ސަލްވާއަކީ ކެހިވެރި ދޮގުވެރިކުއްޖެއްކަމަށް ގަބޫލެއްނުކުރެވުނެވެ. އެހިތުން ސަލްވާ ނެރެ އެއްލައެއްވެސް ނުލެވުނެވެ. ނަމަވެސް ސަލްވާ ނެތަސް އޭނަގެ ދަރިފުޅު އާޒީންއަށްޓަކާވެސް ދިރިއުޅުމުގެ ރާސްތާގައި ކުރިއަށް ދާން މަޖުބޫރެވެ.

ތިން އަހަރު ފަސް...

މެހެރީނާގެ އެކުވެރިއަކު ދައުވަތުދީގެން ވިލިމާލެއަށް ގޮސްފާ އެއާއިލާއާއިއެކު ބީޗަށް އެރިލަން މެހެރީނާ ދިޔައެވެ. އުޑުމަތީގައި ބޯވިލާތައް ހެދިފައިވުމާއިއެކު ނިކަން ހިތްފަސޭހަ ވައިރޯޅިތައް ޖެހި ފިނިވެފައިވިއެވެ. މަޑުމަޑުން ބީއްސާލާ ރާޅުތައް ދޮންވެލިތަކާއި ސަމާސާކޮށްލާފައި ދުރަށް ފިރުކިގަންނައިރު އެއިއްވާލާ ރާގުން ހިތްތަކަށް ދިރުމެއް ލިބޭނެއެވެ. މެހެރީނާ ވިލިގިއްޔަށް އައީ ދުވަސްވީ އެކުވެރިއަކު ސަޔަށް ދައުވަތުދިނުމުންނެވެ. ސްޕެއިން ފިރިހެނަކާއި ކައިވެނިކޮށްގެން ދެމީހުން ވަގުތީގޮތުން ދިރިއުޅެނީ ވިލިމާލޭގައެވެ. ދެމީހުންވެސް ކުރު ޓޮޕްއާއި ޖިންސްލައިގެން ޒަމާނީގޮތަށް ތިބިއިރު މެހެރީނާގެ ބޮލުގައި ތޮތްޕަކާއިއެކު ލޮލުގައި ހުރި ރޭބަން އައިނުން އޭނަގެ ޝާހީކަމާއި ހައިބަތު ދައްކުވާދޭކަހަލައެވެ. އެމޫނުމަތިން އަދިވެސް ފެންނަނީ އިންތިހާ ބޮޑާކަމެވެ. ނިކަމެތިންނާއި ދޭތެރޭ އޭނަ ދެކޭގޮތަށް ކުނޑިފުކެއްގެ ބަދަލެއްވެސް ނާދެއެވެ.

މެހެރީނާގެ ދެއަހަރަށް ދާ ކުޑަ އަންހެންދަރިފުޅު ދާލިޔާ ބިކިނިކޮޅެއް ލައްވާފައި ހުރިއިރު އެ ދޮންމޫނަށް ޖަންބުކުލަ އަރާފައި ހުއްޓެވެ. ކުދި ބުޅި އިސްތަށިކޮޅަށް ކުޑަ ރަންކަމެއްވެރިވެފައިވުމުން ވަކިން ލޯތްބެވެ. އެތަނުގައި ތިބި ޖަރުމަން ޓޫރިސްޓް ކުދިންނަކާއި މާ ބޮޑުތަފާތެއްނެތެވެ. މެހެރީނާ އެކުވެރިޔާއާއި އަނގަތަޅާލަން ދޮންވެލިގަނޑުމަތީގައި ޖައްސާލައިގެން އިންއިރު ދަރިފުޅާއިމެދު ފަޚުވެރިވިއެވެ.

"އެހާ ރުޅިއަންނަ މީހަކާއި އެންމެފަހުން ހަމަ އިންނާކަށް ނު ޖެހުނީ. މަގޭ ހިތަކަށްނާރާ އެ ޕްލޭބޯއިއާ މެހެރް އިންނާނެއޭ....އަދިވެސް ގަބޫލުނުކުރެވިފައި މިހިރީ..." މެހެރީނާގެ އެކުވެރިޔާ ކިޔައިލިއެވެ.

"ދެން ވާގޮތަކީ އޭނަ ކޮންމެ ވައްތަރަކަށް އުޅުނަސް އެންމެން ގަދަރުކުރާ މީހެއް. މަޝްހޫރު އާއިލާއެއް. ރިޗް. އެއްފެންވަރެއްގެ މީހުންނާއި ގުޅުނީމަ އުޅެން ފަސޭހަވާނީ. މަ ދަންނަމޭ އާއިލީ ގަދަރު ހިފަހައްޓަން. ރޯޒްއަށްވެސް މާފަހުން ވިސްނުނީ. މިހާރު އެނގޭނެ އެކަހަލަ މީހަކާއި އިނީމަ ރޯޒްއަށް ޖެހުނު ހާލާއި ދިރިއުޅުން ވީރާނާވުން ނޫންކަމެއް ނުވިކަން. މަންމަމެންނާއި ހަމަޔަށް އައިއިރު ރޯޒް ހުރީ ސައިކޯވެފައި. އެމެރިކާއަށް ގެންދިޔައިރު ހަމަ މޮޔައެއްހެން އުޅުނީ. މިހާރު ޓްރީޓްކޮށް ކިހާވަރަކުން ރޯޒް ތަހުޒީބު މީހުންގެ ތެރެއަށް އެ އާދެވުނީ. ލަދުވެސް ގަނޭ މިހެން ބުނަން.ރޯޒް ގުޅުނީ އަހަރެމެންގެ ސިކިއުރިޓީއަކަށް ހުރި މީހާއާއި.......މާޒްއަށްވެސް ކިހާ ބޮޑު ދެރައެއް އެދެވުނީ........" މެހެރީނާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.

މެހެރީނާ ވާހަކަދައްކަ ދައްކައި އިނދެފައި ކުއްލިއަކަށް މޫނުގެ ކުލަވަރު ބަދަލުވީ ދާލިއާއި އާއިއެކު ކުޅެން ބައިވެރިވި ކުޑަ ކުޑަ ފިރިހެންކުއްޖާގެ ރީތިކަން ފެނިފައެވެ. ދާލިއާއަށްވުރެ ކުޑަތަންކޮޅެއް ދިގު ފިރިހެންކުއްޖާ އެ އުމުރުގައިވެސް އެހެރަ ރީތި ކަމެކެވެ. ލޮލުގެ ރީތިކަން އެހާ ދުރުންވެސް ފާހަގަކުރެވުނެވެ. ލާނެތްކަމެއްވެސް ހުއްޓެވެ. ދާލިޔާގެ އިސްތަށިކޮޅުގައި ހިފާ ދަމާލުމުން ދާލިޔާ ތުންކޮޅު އޫކޮށްފައި ރޯވައްތަރު ދައްކާލާފައިވެސް ހީލިއެވެ. ދާލިއާ އުޅުނީ އެފިރިހެންކުއްޖާގެ އަތުގައި ހިފާށެވެ. ދެކުދިން އެހެން އެކަކު އަނެކަކަށް ކުރި ގޯނާގައި ދެކުދިން އެކީ ގުޅައަކަށް ދޮންވެލިގަނޑު މައްޗަށް ތިރިވިއިރު ލޯބިކަމުން އަދި މެހެރީނާ އިނީ ވީޑިއޯކުރާށެވެ.

ކުއްލިއަކަށް އެދިމާލަށް ނުކުތް ފިރިހެނަކު ފަހަތުން ފެނިފައިވެސް މެހެރީނާއަށް އެނގިގެން ހިތް ތެޅިގަތީ ބިރުވެރިގޮތަކަށެވެ.

"ވިޝާމް......" މެހެރީނާ އަވަހަށް ފޯނު ބާއްވާފައި ތެދުވާން އުޅުނެވެ.

ދާލިއާއާއިއެކު ކުޅެން އުޅުނު ރީތި ފިރިހެންކުއްޖާއަށްވެސް މިކޮޅަށް ބަލައިލެވުމާއިއެކު "ޕާޕާ" ކިޔާފައި އެޒުވާނާއާއި ދިމާލަށް ދުއްވައިގަތީ ނިކަން ލޯބިކޮށެވެ. މެހެރީނާގެ މޫނުމަތީގައި ވި ހުރިހާ ހިނިތުންވުންތަކެއް ނެތިގެން ގޮސް ރުޅިވެރިކަން އެދެލޮލުގެ ކުލަވެސް ބަދަލުކޮށްލައިފިއެވެ. އޭނަގެ ދަރިފުޅާއި އެ ފިރިހެންކުއްޖާ ކައިރިވީކަމަށްޓަކާ އެއްޗެހި ގޮވާލާން ހިތަށް އެރިއެވެ. ވިޝާމް ގަސްތުގައި އޭނަ ރުޅިއަރުވާލަން އޭނަގެ ދަރި ފޮނުވައިލީނޫންހެއްޔެވެ؟ ހަސަދަވެރިހިތަކަށް އެފަދަ ނުބައި އެއްޗެއް ނޫނީ ނާރާނެއެވެ. މައުސޫމް ކުޑަކުދިންތައް އެއްވެސް ފިކުރެއް ޚިޔާލެއްނެތި ސަކަރާތްޖަހަން އުޅުނު އެ މަންޒަރުވެސް މެހެރީނާ ސިފަކުރީ އޭގެ އެންމެ ނުބައިގޮތުގައެވެ.

(ނުނިމޭ...)

×
DB released.