ފޭސްބުކް ޓްރަމްޕާ ދެކޮޅު ކަމަށް ވިދާޅުވުމުން ޒަކަބާގް އެކަން ދޮގުކޮށްފި

ފޭސްބުކުގެ ބާނީ ޒަކަބާގް ވަނީ އެސައިޓަކީ ޓްރަމްޕާ ދެކޮޅު ސައިޓެއް ނޫން ކަމަށް ބުނެފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ސެޕްޓެމްބަރު 28): ފޭސްބުކަކީ އަބަދު ވެސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅު ސައިޓެއް ކަމަށް ވިދާޅުވެ ޓްރަމްޕް ކުރެއްވި ތުހުމަތުތައް ފޭސްބުކުގެ ސީއީއޯ މާކް ޒަކަބާގް ދޮގުކޮށްފި އެވެ.

ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ފޭސްބުކުގެ އިތުރުން، "ފޭކް ހަބަރު ފަތުރާ" ނިއު ޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓަކީ ވެސް ޓްރަމްޕާ ދެކޮޅު ސައިޓުތައް ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ސައިޓުތަކުން ޓްރަމްޕަށް އޮތް ތާއިދު ކުޑަ ކުރަން ސިއްރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެޓުވީޓަށް ރައްދު ދެމުން ޒަކަބާގް ވަނީ އޭނާ މަސައްކަތް ކުރަނީ ފޭސްބުކަކީ ހުރިހާ ހިޔާލެއް ވެސް ފާޅު ކުރެވޭ ފަދަ ތަނަކަށް ހެދުމަށް ކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާގެ މައި ދެ ޕާޓީއަށް ތާއިދު ކުރާ ފަރާތްތަކުން ވެސް ފޭސްބުކާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، އެގޮތުން ޓްރަމްޕާއި އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ އަށް އިންތިހާބު ކާމިޔާބު ކުރުމަށް ފޭސްބުކުން އެހީވި ކަމަށް ތުހުމަތުކޮށްފައި ކަމަށް ޒަކަބާގް ބުންޏެވެ.

އަދި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ކެމްޕެއިންތަކުން ވަނީ ފޭސްބުކުގައި އެމީހުންގެ އިޝްތިހާރުތަކަށް އެތައް މިލިއަން ޑޮލަރު ހަރަދުކޮށްފައި ކަން ޒަކަބާގް ފާހަގަ ކުރި އެވެ.

މީގެ އިތުރުން ޒަކަބާގް ވަނީ ފޭސްބުކުގައި ފެތުރުނު ސައްހަ ނޫން މައުލޫމާތުގެ ސަބަބުން އިންތިހާބުގެ ނަތީޖާ ބަދަލުވުމަކީ ގަބޫލު ނުކުރެވޭ ކަމެއް ކަމަށް މީގެ ކުރިން ބުނެވުމުން އެކަމާ މެދު ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. އަދި ފޭސްބުކަކީ ހުރިހާ އެންމެންނަށްވެސް ރަނގަޅު މުޖުތަމައަކަށް ހެދުމަށާއި، ބޭރު ގައުމެއްގެ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް މަސައްކަތް ކުރާ އެހެން ގައުމުތަކުގެ އަމަލުތައް ހުއްޓުވުމަށާއި ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށް ފޭސްބުކުން މުސްތަގުބަލުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

ޒަކަބާގް އެފަދައިން ބުނެފައި ވަނީ ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަމުންދާ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަށް ފޭސްބުކުގެ 3،000 އިޝްތިހާރު ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށެވެ. ފޭސްބުކުން ބުނާ ގޮތުގައި އެއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ތެރޭގަ އާއި އިންތިހާބުގެ ފަހުން ރަޝިއާއިން ގަނެފައިވާ އިޝްތިހާރުތަކެކެވެ.

ރަޝިއާއިން ވަނީ އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ގެނައުމަށް މަސައްކަތްކޮށްފައި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ޓްރަމްޕާއި ރަޝިއާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް