މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

މިދެންނެވި ބޭބޭކަނބަލުންގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ އުންމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި، އައްސައްޔިދާ އުންމު ސުލައިމު ރަޟިޔަﷲ ޢަންހާ އާއި، އައްސައްޔިދާ އުންމު ސަލީޠު ރަޟިޔަﷲ ޢަންހާގެ ނަންފުޅެވެ.

* އުޙުދު ހަނގުރާމައިގައި މުސްލިމުން ބަލިވެ، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުވެވަޑައިގެންފިކަމުގެ ދޮގު ޚަބަރު މަދީނާގައި ޢާއްމުވުމުން އައްސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ ޢަންހާވެސް ދުވެވަޑައިގެންފައި އުޙުދުގެ މައިދާނަށް ވަޑައިގެންނެވިއެވެ. ލޮބުވެތި ބައްޕާފުޅު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މޫނުފުޅުގައިހުރި ލޭފޮދުތައް ދޮންނެވީ އެކަމަނާއެވެ. އިތުރު ސާހިބާގެ މޫނުފުޅުގައި ހުރި ޒަޚަމުން ލޭފޮދު މާނާނުވުމުން އެކަމަނާ ކަދުރުރުކުގެ ފަނުގެ ސާންޗެއްގެ އެތިކޮޅެއް އަންދަވައިލައްވައިފައި ބައްޕާފުޅުގެ މޫނުފުޅުގައި ހުރި ޒަޚަމުގައި އޭގެ އަޅިކޮޅެއް ޖެއްސެވިއެވެ. ކައުސާހިބާގެ މޫނުފުޅުގައި ހުރި ޒަޚަމުން ލޭފޮދު އައުން މަނާވީ ފާޠިމަތުގެފާނު އެއަޅިކޮޅު ޖައްސަވައިދެއްވުމުންނެވެ.

* ސައްޔިދުއް ޝުހަދާއު ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހުގެ ކޮއްކޯފުޅު އައްސައްޔިދާ ޞަފިއްޔާ ބިންތި ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހާއަށް އެކަމަނާގެ ލޮބުވެތި ބޭބޭފުޅު ޙަމްޒާ ރަޟިޔަﷲ ޢަންހު ޝަހީދުވެވަޑައިގެންނެވި ހިތާމަވެރި ޚަބަރު ލިބިވަޑައިގެންނެވުމުން އެކަމަނާ އަވަސް އަވަހަށް އުޙުދުގެ މައިދާނަށް ވަޑައިގެންނެވިއެވެ. އޭރު ޙަމްޒަތުގެފާނުގެ ހަށިކޮޅުވަނީ ކޮށައި ކުދިކުދިކޮށްލެވިފައެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަފިއްޔަތުގެފާނުގެ ދަރިކަލުން އައްޒުބައިރު ބުނުލް ޢައްވާމުގެ އަރިހުގައި ވިދާޅުވިއެވެ. މައިކަނބަލުން އެތަނަށް ވަޑައިގެންނެވިޔަ ނުދެއްވާށެވެ. މާބެގެ ހަށިކޮޅު ދެކެވަޑައިގަންނަވާކަށް މަންމާފުޅަކަށް ކުޅަދާނަފުޅެއްނުވާނެއެވެ. އެވަގުތު ޞަފިއްޔާ ވިދާޅުވިއެވެ. އަޅުގަނޑަށްވަނީ ތިޔަހުރިހައި ޚަބަރެއް ލިބިފައެވެ. ޙައްޤުގެ މަގުގައިވާންޖެހޭ ޤުރްބާނީތަކަށް ނިސްބަތްކުރާއިރު މިއީ މާބޮޑުކަމެއްނޫނެވެ. އެހެން ވިދާޅުވެފައި ކެތްތެރިކަމާއި ސާބިތުކަމާއެކު ވަޑައިގެން ޙަމްޒަތުގެފާނުގެ ހަށިކޮޅު ބައްލަވައިލެއްވިއެވެ. ނުހަނު ސާބިތުކަމާއެކު ހުންނަވައި ޙަމްޒަތުގެފާނަށް ހެޔޮދުޢާކުރެއްވިއެވެ. އެއަށްފަހު ވަޑައިގެންނެވީ އެކަމަނާގެ އުޚުތު އުމައިމާ ބިންތި ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲ ބިން ޖަޙްޝު ރަޟިޔަﷲ ޢަންހުގެ ހަށިކޮޅުގެ އަރިހަށެވެ. ޢަބްދުﷲ ގެ ހަށިކޮޅުވެސް އޮތީ މުޘަލާކުރެވިފައެވެ. ޞަފިއްޔަތުގެފާނު ނުހަނު ސާބިތުކަމާއެކު ހުންނަވައި އެކަލޭގެފާނަށްވެސް ހެޔޮ ދުޢާކުރެއްވިއެވެ. އެއަށްފަހު މަދިނާއަށް އެނބުރިވަޑައިގެންނެވިއެވެ.

* މުސްލިމުން ތަބާވާންޖެހޭ ފުރިހަމަ ނަމޫނާތައް ދެއްކެވި ބޭކަނބަލުންގެ ތެރޭގައި އުޙުދުގެ ޝަހީދުންކުރެ ޢަމްރުބުނުލް ޖުމޫޙުގެ އަނބިކަބަލުން އަދި ޚައްލާދު އަލްބަދުރީގެ މައިކަނބަލުން ހިންދުވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާއަކީ އަންޞާރިއްޔަ ބޭކަނބަލެކެވެ. އަންޞާރުންކުރެ ބަނޫދީނާރުގެ ބޭކަނބަލެކެވެ. އެކަމަނާގެ ފިރިކަލުންނާއި، ބައްޕާފުޅާއި، ބޭބޭފުޅުވަނީ އުޙުދު ހަނގުރާމައިގައި ޝަހީދުވެފައެވެ. އެބޭބޭކަލުން ޝަހީދުވެވަޑައިގެންނެވި ޚަބަރު އެކަމަނާއަށް ދެންނެވޭ ކޮންމެ ފަހަރަކު ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙާލުކޮޅަކީ ކޮބައިތޯ ސުވާލުކުރައްވައެވެ. އިތުރުސާހިބާ ހެޔޮހާލުކޮޅުގައި ހުންނެވި ވާހަކަ ދެންނެވުމުން ވިދާޅުވިއެވެ. " ނިކަން އަހަންނަށް އެކަލޭގެފާނު ދައްކައިބަލާށެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނިވަޑައިގަތުމާއެކު ކުއްލިޔަކަށް ބާރުއަޑުފުޅުން ވިދާޅުވިއެވެ. " ކަލޭގެފާނު ސަލާމަތުން ހުންނެވުމުން އެއްވެސް މުސީބާތަކާމެދު ކަންބޮޑުވުމެއްނެތެވެ."

* ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް އެނބުރިވަޑައިގެންނެވި މަގުމަތީގައި ސަޢުދުބިން މުޢާޛު ރަޟިޔަﷲ ޢަންހުގެ މައިކަނބަލުން އިތުރުސާހިބާގެ އަރިހަށް ދުވެވަޑައިގެންފައި ވަޑައިގެންނެވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަސްކޮޅުގެ ލަގަނުގައި ހިއްޕަވައިގެން އޭރު ހުންނެވީ ސަޢުދު ބިން މުޢާޛު ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އޭ މާތްﷲ ގެ ރަސޫލާއެވެ. މިވަޑައިގަންނަވަނީ އަޅުގަނޑުގެ މަންމައެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡުކުރެއްވިއެވެ. "އެކަމަނާއަށް މަރުޙަބާއެވެ!" އެއަށްފަހު އެކަމަނާއާ އިސްތިޤްބާލުކުރެއްވުމަށްޓަކައި މަޑުކުރެއްވިއެވެ. އެކަމަނާ އިތުރުސާހިބާގެ އަރިހަށް ވަޑައިގެންނެވުމުން އެކަމަނާ ދަރިކަލުން ޢަމްރުބިން މުޢާޛު ރަޟިޔަﷲ ޢަންހު ޝަހީދުވެވަޑައިގެންނެވީތީ ތަޢުޒިޔާގެ ބަސްފުޅުތަކެއް ވިދާޅުވިއެވެ. އެކަމަނާއަށް ތަސައްލީދެއްވައި ކެތްތެރިވެވަޑައިގަންނަވަން ނަސޭހަތްޕުޅު އެރުއްވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ. "ކަލޭގެފާނު ސަލާމަތުން ހުންނަވަނިކޮށް ފެނުމުން އަޅުގަނޑުގެ ހުރިހާ މުޞީބާތެއް ފިލައިފިއެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޙުދުގެ ޝަހީދުންނަށް ހެޔޮދުޢާކުރެއްވިއެވެ. އެއަށްފަހު ޙަދީޘުކުރެއްވިއެވެ. "އޭ ސަޢުދުގެ މަންމާއެވެ! އުފާކުރައްވާށެވެ. ޝަހީދުންގެ އަހްލުވެރީންނަށް އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ. އެޝަހީދުންގެ ހުރިހާ ބޭކަލުން އެކުގައިވަނީ ސުވަރުގޭގެއެވެ. އެބޭކަލުންގެ ގޭގެ އަހްލުވެރިންނާމެދު އެބޭކަލުންގެ ސަކާކުރެއްވުންވަނީ ޤަބޫލުކުރެއްވިގެންނެވެ."

އުންމު ސަޢުދު ވިދާޅުވިއެވެ. " އޭމާތް ﷲގެ ރަސޫލާއެވެ! އެޝަހީދުންގެ ގާތްތިމާގެފުޅު މީހުނަށްޓަކައިވެސް ދުޢާކޮށްދެއްވުން އެދެމެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. "އޭ ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެއުރެންގެ ހިތްތަކުގައިވާ މޮޅިވެރިކަން ދުރުކުރައްވާނދޭވެ! އެއުރެންގެ މުޞީބާތަށް ހެޔޮ ބަދަލުދެއްވާނދޭވެ! އެއުރެން ފަހަށް ދޫކޮށްފައިވާ ފަރާތްތައް ހެޔޮގޮތުގައި ބަލަހައްޓަވައިދެއްވާނދޭވެ!"

  1. އިންސާނިއްޔަތުގެ ޤާއިދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޙުދު ހަނގުރާމައިގައި އެކަލޭގެފާނުގެ ކަނޑިކޮޅު އަބޫދުޖާނާ އަށް ދެއްވި ވާހަކައާއި އަބޫދުޖާނާ އެކަނޑިކޮޅު ލިބިވަޑައިގެންނުވުމުން އިސްތަށިފުޅުގައި ރަތްފަގުޑިކޮޅެއް އަޅުއްވައިގެން ފަޚުރުވެރި ހިންގެވުމެއްގައި ދެލަޝްކަރުގެ ދެމެދުން ހިންގެވި ވާހަކަ ވަނީ ބަޔާންކުރެވިފައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެމަންޒަރު ފެނިވަޑައިގެންނެވުމުން ޙަދީޘުކުރެއްވިއެވެ. މިފަދަ މަޙައްލެއްގައި މެނުވީ އެހިންގެވުމަކީ ރަނގަޅު ހިންގެވުމެއްނޫނެވެ.

ޝައްކެތްނެތެވެ. އިންސާނާގެ ކިބައިގައި ޤުދުރަތުން ލައްވައިފައިވާ އެކިއެކިސިފަތަކާއި އޭނާ މަސައްކަތުން ހޯދަންޖެހޭ އަޚްލާޤީ އަގުތަކާއި ސުލޫކަކީވެސް އެކަންކަމުގެ ރަނގަޅު ދަނޑިވަޅުގައި ބޭނުންކުރަންޖެހޭ ސިފަތަކެކެވެ. އަގުތަކެކެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ރުޅިއަކީ ވަރަށް ގިނަ ފަހަރަށް އޭގެ ހޫނު ހިފަހައްޓައި މަޑުކުރަންޖެހޭ ކަމެކެވެ. އަނެއްކޮޅުން ތިމާއާއި ތިމާގެ އަހްލުއިޔާލުންނާއި މުދާ ހިމާޔަތްކުރުމުގެ އެކަށޭނަކަމާއި ޣީރަތު އުފައްދާ ބާރެއްކަމުގައި ވަނީވެސް ރުޅިއެވެ. ބަޔަކު މީހުން ތިމާގެ އަނބިދަރީން ޤަތުލުކޮށް ގެދޮރު އަންދާއިރު ރުޅިނައިސް މަޑުމައިތިރިވެއްޖެނަމަ ކަންވާނީ ކޮންގޮތަކަށްތޯއެވެ. އެކަމުން އެނގެނީ އިންސާނާގެ ކޮންމެ ސިފަޔަކަށްވެސް ކޮންމެ ޢަމަލަކަށްވެސް ޤަދަރުކުރެވެނީ އެކަމެއްގެ މުނާސަބުވަގުތުގައިކަމެވެ. ވަގުތާ މުނާސަބުގޮތަށް ބޭނުންކުރުމުން ކަމެވެ.

އަބޫދުޖާނާ ރަޟިޔަﷲ ޢަންހު ކަނޑިކޮޅު ހޫރުއްވަމުން ފަޚުރުވެރިކަމާއެކު ދުޝްމިނުންގެ ސަފުތަކާ ދިމާޔަށް ހިންގަވަމުން ގެންދެވި މަންޒަރު ފެނިވަޑައިގަތުމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުސްލިމުންނަށް ދެއްވީ އިސްދެންނެވުނު ފިލާވަޅެވެ. އިންސާނުންގެ ޢާއްމު ދިރިއުޅުމުގައި ބޮޑާވުމާއި، ތިމާވަރުގެ މީހަކު ނެތްކަމަށް ހެދިގެން އުޅުމާއި ތިމާގެ ކިބައިގައި އާރާއި ބާރު ހުރިކަން ދެއްކުމަކީ ދީން ރުހޭކަމެއްނޫނެވެ. ނަމަވެސް ހަނގުރާމާގައި މައިދާނަކީ މައިތިރިވުމާއި ހިތްތިރިވުމާއި މަޑުމޮޅިވުމުގެ މަޤާމެއްނޫނެވެ. ރަނގަޅު އަޚްލާޤީ އުސޫލެއްވެސް ހަނގުރާމައިގެ މައިދާނެއްގައި މަޤާމާއި އެކަށީގެންނުވާ ގޮތަކަށް ބޭނުންކޮށްފިނަމަ އެމިހަކުވާނީ ޙިކްމަތްތެރިކަމެއްނެތް މީހެއްކަމުގައެވެ. އިތުރުސާހިބާ މުސްލިމުންނަށް ދެއްވީ އެފިލާވަޅެވެ. އިންސާނާގެ ކިބައިގައި ލައްވައިފައިވާ ކޮންމެ ބާރެއްވެސް އޭގެ މަހައްލުގައި، ބޭނުންކުރަން ޖެހޭގޮތުގައި ބޭނުންކުރުމުގެ ފިލާވަޅެވެ.

* މިފަދަ އެހެން މިސާލެކެވެ. މުސްލިމުން މަދީނާއަށް ހިޖްރަކުރުމާވިދިގެން މައްކާގެ މުޝްރިކުން އަޑުއަރުވައިފައި އޮތީ މަދީނާގައި ބަލިގިނަކަމުން މުސްލިމުން ތިބެނީ ހުންއައިސް އައިސް ވަރުދެރަވެފައި ކަމުގައެވެ. އެދުވަސްވަރު މައްކާއާއި މަދީނާއާ ދެމެދު އޮތީ ހަނގުރާމައިގެ ޙާލަތެވެ. އެހެންކަމުން މުސްލިމުންގެ އާރާއި ބާރު މައްކާގެ މީހުންނަށް ދައްކަވަން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޭނުންފުޅުވިއެވެ. އެކަމަށް އެންމެ އެކަށޭނަ ފުރުސަތަކަށްވީ ޢުމްރަތުލްޤަޟާއެވެ. މުސްލިމުން ޠަވާފުކޮށް ސަޢުޔުކޮށް ހެދިއިރު މުޝްރިކުން ތިބީ ފަރުބަދަތަކަށް އަރައި ބަލަހައްޓައިގެންނެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުސްލިމު ފިރިހެނުންނަށް އެންގެވީ ޠަވާފުގެ އެންމެ ފުރަތަމަ ތިންބުރުގައި ފިޔަވަޅުތައް ކައިރިކޮށް ހަލުވި ހިނގުމެއްގައި (މަޑުދުވެއްޔެއްގައި) ބުރުޖެހުމަށެވެ. ހަމައެފަދައިން ސަޢުޔުކުރާއިރުވެސް ވަކި ހިސާބެއްގައި ހަލުވި ފިޔަވަޅު މަތީގައި ހިނގުމަށެވެ. ބޭނުންފުޅަކީ މުސްލިމުންގެ ހަށިހެޔޮކަމާއި ބުންވަރުހުރިކަން މުޝްރިކުންނަށް ދައްކަވައިލެއްވުމެވެ. ފަހުން އެކަންވަނީ ޠަވާފާއި، ސަޢުޔުގެ ސުންނަތެއް ކަމުގައިވެފައެވެ.

ހަމައެފަދައިން ސީރަތު ޢިލްމުވެރީން ވިދާޅުވާގޮތުގައި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުމްރަތުލް ޤަޟާގެ ޠަވާފުކުރެއްވުމާއި ސަޢުޔުކުރެއްވުމުގެ ތެރޭގައި މިދަންނަވާ ގޮތަށް ދުޢާފުޅުވެސް ކުރެއްވިއެވެ. " ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަދު މުޝްރިކުންގެ ކުރިމަތީގައި އެމީހެއްގެ ގައިގައި ބާރު ހުރިކަން ހާމަކުރި މީހަކަށް ރަޙުމުކުރައްވާނދޭވެ!" ބޭނުންފުޅަކީ ހަނގުރާމައިގެ ޙާލަތުގައި މުސްލިމުންގެ އާރާއިބާރާއި ހިތްވަރާއިފަންވަރު ދެއްކެވުމެވެ.

  1. އެދުވަސްވަރު މީޑިޔާގެ ވަސީލަތަކަށް އޮތީ ޅެންވެރިކަމާއި ވާހަކަ ދެއްކުންތެރިކަމެވެ. ޢާއްމު ރައުޔުވަކިގޮތަކަށް ބައްޓަންކުރަނީ އެދެވަސީލަތުންނެވެ. އެހެންކަމުން މުސްލިމުންގެ މެދުގައި އެދެފަންނު ތަރައްޤީކުރައްވަން ބާރުއެޅުއްވިއެވެ. މުޝްރިކުންގެ ވާހަކަ ދެއްކުންތެރިންނާއި ޅެންވެރިންނާއި މުސްލިމުންކުރެ އެދެ ފަންނުގެ ބޭކަލުންގެ މެދުގައި ވާދަވެސްކުރުއްވިއެވެ.
  2. ހެޔޮކަމުގެ ބާރަކީ އިންސާނީ ފިޠުރަތުގެ އެދިމާޔަށް ދަމާ ބާރެކެވެ. މަދީނާގެ ސާލީހު ޒުވާނުންގެ ތެރޭގައި އަލްއުޞައިރަމެވެ ކިޔުނު ބޭކަލަކު އުޅުއްވިއެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަމްރުބިން ޞާމިތު ނުވަތަ ޢަމްރުބިން ޘާބިތުއެވެ. މުސްލިމުން މަދީނާއަށް ހިޖުރަކުރަން ފެށީއްސުރެ މުސްލިމުންނާމެދު އެކަލޭގެފާނު ގެންގުޅުއްވީ ތާއީދުކުރައްވާ ގޮތްކޮޅެކެވެ. ހަމްދަރުދީ ވެވަޑައިގަތުމުގެ މިޒާޖުފުޅެކެވެ. ނަމަވެސް އުޙުދު ހަނގުރާމަ ކުރިމަތިވީއިރުވެސް އެކަލޭގެފާނު އިސްލާމްވެވަޑައެއް ނުގަންނަވައެވެ. އުޙުދު ހަނގުރާމަ ކުރިމަތިވުމުން ޢަމްރުގެ ހިތްޕުޅުގައިވާ ހެޔޮކަމުގެ ޖަޒްބާތުވަނީ ހޭލައިފައެވެ. އިސްލާމްވެވަޑައިގެން އުޙުދުގެ މައިދާނަށް ވަޑައިގެން ހަނގުރާމައިގައި ބައިވެރިވެވަޑައިގެން ވަނީ ޝަހީދުވެފައެވެ.

ޝަހީދުންގެ ޙާލުކޮޅު ބައްލަވަން ވަޑައިގެން އުޅުއްވި ބޭކަލުންކުރެ އެކަލޭގެފާނުގެ ޤަބީލާ ބަނިލްއަޝްހަލު ވަންހައިގެ ބޭކަލުންނަށް އެކަލޭގެފާނު ފެނިވަޑައިގެންނެވިއިރު އަދި ފުރާނަފުޅު ހުއްޓެވެ. ޢަމްރު އިސްލާމްވެވަޑައިގެންނެވިކަމެއް އެބޭކަލުންނަކަށްވެސް އެނގިވަޑައިގެންފައެއްނެތެވެ. އެހެންވެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވީ ކީއްވެތޯ ސުވާލުކުރެއްވިއެވެ. ޢަމްރު ވިދާޅުވިއެވެ. އަހަރެން ހަނގުރާމަ ކުރީ މާތްﷲ އާއި އެކަލާނގެ ރަސޫލާދެކެ ލޯބިންނެވެ. ޙައްޤަށް ނަޞްރުދިނުމަށްޓަކައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެޚަބަރު ދެންނެވުނުހިނދު ވިދާޅުވިއެވެ. " ޢަމްރުއަކީ ސުވަރުގެވަންތަވެރިއެކެވެ." އެންމެ ނަމާދެއްވެސް ނުކުރައްވައި ސުވަރުގެވަޑައިގެންވީއެވެ.

* ދެވަނަ މިސާލަކީ ޔަހޫދީންގެ ޢިލްމުވެރި ރައްބީއެއްކަމުގައިވާ މުޚައިރީޤުއެވެ. ބަނީ ޘަޢުލަބާ ވަންހައިގެ މީހެކެވެ. ޙަޤީޤީ ޔަހޫދިއްޔަތު ލާޒިމުކުރާގޮތުން އިސްލާމްދީނުގެ ނަބިއްޔާއަށް ނަޞްރުދެއްވަން އޭނާ ނިންމެވިއެވެ. އިތުރުސާހިބާ އުޙުދަށް ވަޑައިގަތުމުން މުޚައިރީޤު އޭނާގެ ޤަބީލާގެ މީހުންނާ ވާހަކަދެއްކެވިއެވެ. އިތުރުސާހިބާއަށް ނަޞްރުދިނުމަކީ ޔަހޫދިއްޔަތު ލާޒިމުކުރާ މުޤައްދަސް ވާޖިބެއްކަން ހަނދާންކޮށްދެއްވިއެވެ. ނަމަވެސް އެއްވެސް މީހަކު އެކަން ޤަބޫލެއްނުކުރިއެވެ. ޔަހޫދީންގެ އާދައިގެ މަތީން އެބައިމީހުން ކުރިމަތިކުރި ޢުޒުރަކީ އެދުވަހަކީ ހޮނިހިރު ދުވަސްކަމުގައިވާތީ އެއުޒުރެވެ. މުޚައިރީޤު ވިދާޅުވިއެވެ. މިއީ ހޮނިހިރު ދުވަހެއްތޯ ނުވަތަ ހުކުރު ދުވަހެއްތޯ ބަލަންޖެހޭ ވަގުތެއް ނޫނެވެ. އެހެން ވިދާޅުވެފައި އޭނާ ވަޑައިގެން މުސްލިމުންނާއެކު ހަނގުރާމަކުރައްވައި އޭނާގެ ފުރާނަ އެފުރާނައިގެ ވެރިފަރާތާ ޙަވާލުކުރެއްވިއެވެ. އޭނާ އިސްލާމްވެވަޑައިގެންނެވިކަމެއްވެސް އޭނާގެ ޢާޤިބަތާބެހޭގޮތުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވިދާޅުބަސްފުޅެއްވެސް އަޅުގަނޑަކަށް އެނގިފެނިވެފައެއްނެތެވެ.

(ނުނިމޭ)

comment ކޮމެންޓް