ފިއްތުންތަކަށް ބެލުމެއް ނެތި އިންޓަޕޯލްގެ މެންބަރުކަން ފަލަސްތީނަށް ދީފި

ބެއިޖިންގައި ބޭއްވި އިންޓަޕޯލްގެ ޖަލްސާ

ބެއިޖިންގް (ސެޕްޓެމްބަރު 28) : ފުލުހުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ (އިންޓަޕޯލް)ގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް އެޖަމްއިއްޔާގެ އާންމު މަޖިލީހުގެ ތަނަވަސް އަޣްލަބިއްޔަތަކުން ނިންމައިފި އެވެ.

ސަތޭކަ ނުވަދިހަ ދެ ގައުމު ބައިވެރިވާ އިންޓަޕޯލްގެ އާންމު މަޖިލީހުގެ ޖަލްސާ ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގަ އެވެ. އެޖަލްސާގައި ފަލަސްތީނާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެމެރިކާއާއި އިސްރާއީލުންނެވެ. ނަމަވެސް އެމެރިކާ އަށް ސަޕޯޓްކުރާ މަދު ގައުމެއް ވަކިއަތަކަށް ވޯޓު ދިނުމަށް ފަސްޖެހިފައިވެ އެވެ.

އެހެންކަމުން ފަލަސްތީނަށް މެންބަރުކަން ދިނުމަށް ފާސްކޮށްފައި ވަނީ ވަރަށް ބޮޑު އަޣްލަބިއްޔަތަކުންނެވެ. ފަލަސްތީނާ ދެކޮޅަށް ވޯޓު ދިނުމަށް އެމެރިކާ އިން އެތައް ގައުމަކަށް ބާރުއަޅައި ބޮޑު ކޭންޕޭނެއް ހިންގި ނަމަވެސް އެމެރިކާގެ ކޭންޕޭން ވަނީ ނާކާމިޔާބު ވެފަ އެވެ. އިންޓަޕޯލްގެ މެންބަރުކަން ލިބުމުން ނެރުނު ބަޔާނެއްގައި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލް މާލިކީ ވިދާޅުވީ މިއީ ބައިނަލްއަގްވާމީ މުޖްތަމައުން ފަލަސްތީނުގެ ހައްގުތަކަށް އިހްތިރާމް ކުރާ މިންވަރު ހާމަވެގެން ދިޔަ ކަމެއްކަމުގަ އެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ނަސްރެއްކަމަށް ވެސް ފަލަސްތީނުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ރިޔާޒް އަލް މާލިކީ ވިދާޅުވެފައިވެ އެވެ. އިންޓަޕޯލްގެ މެންބަރަކަށް ވުމަށް އެދި ފަލަސްތީނުން ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް އެ ޖަމްއިއްޔާ އިން ނިންމުމުން ވެސް އިސްރާއީލާއި އެމެރިކާ ވަނީ ވަރަށް ކަންބޮޑުވެފަ އެވެ. އަދި އެޖަމްއިއްޔާގެ މެންބަރުކަން ފަލަސްތީނަށް ދިނުމުން އެމެރިކާއާއި އިސްރާއީލަށް ވަނީ އެދެގައުމުން ކުރިމަތިކުރި ފިއްތުންތަކަށް ދުނިޔޭގެ ގައުމުތަށް ބޯނުލަނބާކަމުގެ އިޙްސާސް ކުރެވި ރުޅިގަދަވެފަ އެވެ.

އިންޓަރޯލްގެ މެންބަރުކަން ފަލަސްތީނަށް މިހާރު ލިބިފައިވުމުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ އަނިޔާވެރި އަމަލުތައް ހިންގާ އިސްރާއީލުގެ ފުލުހުންނާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ ހައްގު ފަލަސްތީނަށް ވަނީ ލިބިގެން ގޮސްފަ އެވެ. މިގޮތުން ފަލަސްތީނުގެ ކޯޓުތަކަށާއި ފަލަސްތީނުގެ ފުލުހުންގެ އިދާރާއަށް ހޯދަން ބޭނުންވާ އިސްރާއީލުގެ މަސްއޫލުވެރިންނާއި އިސްރާއީލުގެ އާންމުން ހައްޔަރު ކުރުމުގެ ބައިނަލްއަގްވާމީ އަމުރު ނެރުމަށް އިންޓަޕޯލް އަށް ހުށަހެޅުމުގެ ހައްގު އެހެންގައުމުތަކެކޭ އެއްގޮތަށް ފަލަސްތީނަށް މިވަނީ ލިބިގެން ގޮސްފަ އެވެ.

މެންބަރު ގައުމުތަކުން މިގޮތަށް އެދުމުން ހައްޔަރުކުރަން ބޭނުންވާ ފަރާތްތައް ހައްޔަރުކުރުމުގެ ބައިނަލްއަގްވާމީ އަމުރު އިންޓަޕޯލުން ނެރޭނެ އެވެ. އިންޓަޕޯލުން އަމުރު ނެރެފި ނަމަ އެއީ އިސްރާއީލު މީހެއް ނަމަވެސް އެމެރިކާ މީހެއް ނަމަވެސް އެމީހަކު ހައްޔަރު ކުރެވޭނެ އެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާތައް ކުރުމަށް ފަހު އިންސާފުން ރެކިގަތުމުގެ ފުރްސަތު ލިބިފައިވާ ގައުމެކެވެ. މި ފުރްސަތު އިސްރާއީލަށް ލިބެނީ ބައިނަލްއަގްވާމީ މަހްފަލްތަކުގައި އެމެރިކާ ގެ ބާރުގަދަވުމުގެ ސަބަބުންނެވެ. ޚާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އެމެރިކާއަށް އޮންނާތީ އެވެ. ނަމަވެސް ވީޓޯ ކުރުމުގެ ބާރު ލިބިފައިނުވާ އދ.ގެ އެޖެންސީތަކާއި މުއައްސަސާތަކުން ގެންދަނީ ފަލަސްތީނުގެ ދައުލަތަށް މެންބަރުކަންދީ އިސްރާއީލުގެ ހަރުކަށި އަމަލުތައް ކުށްވެރި ކުރަމުންނެވެ.

އިންޓަޕޯލްގެ އިތުރުން ޔުނެސްކޯ އާއި އދ.ގެ އެތައް މުއައްސަސާއަކުން ވަނީ އިސްރާއީލާއި އެމެރިކާ ދެކޮޅު ހަދަމުން ގެންދަނިކޮށް އެޖަމްއިއްޔާތަކުގެ މެންބަރުކަން ފަލަސްތީނަށް ދީފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް