ބާސާ ފަސްބެލުމެއް ނެތި ކުރިއަށް، ޔުނައިޓެޑަށް ފަސޭހަ މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސީއެސްކޭއޭ މޮސްކޯ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ފަސޭހަ ކަމާއެކު މޮލުވިއިރު، ބާސެލޯނާ ޖެހި ޖެހިގެން އަށް ވަނަ މެޗުން މޮޅު ވެއްޖެއެވެ.

ގްރޫޕް "އޭ"ގައި މެންޗެސްޓާ ޔުނައިޓެޑާއި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ބައްދަލު ކުރި މެޗު ޔުނަޓެޑުން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

ސީއެސްކޭއޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފޯމް ސްޓްރައިކަރު ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީ އަކުން އެ ލަނޑު ޔުނަޓެޑަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެކި އެންތޮނީ މާޝިއަލް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހައި ޔުނައިޓެޑަށް ތިން ގޯލުގެ ލީޑެއް ނަގައިދީފައެވެ. ޔުނައިޓެޑްގެ ފަހު ލަނޑު ދެވަނަ ހާފުގެ ކުރީ ކޮޅު ކާމިޔާބު ކޮށްދިނީ ހެންރިކް މިކިތާރިއަން އެވެ. މެޗުގެ ފަހު ވަގުތު ކޮޅުގައި ސީއެސްކޭއޭ އިން ލަނޑެއް ޖެހި ނަމަވެސް މެޗު ނިމުނީ ޔުނައިޓެޑަށް ފަސޭހަ މޮޅަކާއެކުއެވެ.

މި މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގަ އޮތީ ރޭ ބެންފީކާގެ މައްޗަށް 0-5 އިން ކުރި ހޯދި ބާސެލް އެވެ. އެ ޓީމަށް ލިބެނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓެވެ.

މުބާރަތުގެ ގްރޫޕް "ޑީ"ގައި ބާސެލޯނާ ވަނީ ރަށުން ބޭރުގައި ކުޅެ ސްޕޯޓިން ލިސްބަންގެ މައްޗަށް އުނދަގޫ މޮޅެއް ހޯދާފައެވެ. މެޗުގެ ހަމައެކަނި ލަނޑަކީ ސްޕޯޓިންގެ ސެބަސްޓިއަން ކޯޓޭސްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ބާސާއަށް ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބޭއިރު، ތިން ވަނައިގަ އޮތް ޔުވެންޓަސް އާ އެއްވަރަކަށް ޕޮއިންޓު ލިބި ފައިދާ ގޯލުގެ ތަފާތުން ގްރޫޕުގެ ދެވަނަ ލިބެނީ ބާސާ އަތުން ބަލިވި ސްޕޯޓިން އަށެވެ.

comment ކޮމެންޓް