ދުނިޔޭގެ އެންމެ މުސާރަ ބޮޑު ޓީވީ އެކްޓަރުންގެ ލިސްޓުގައި ޕްރިޔަންކާ!

ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ޕްރިޔަންކާ އޭނާގެ ފޭނުންނާއެކު ފޮޓޯއަކަށް ޕޯސްކޮށްގެން -- ފޮޓޯ: އޭޕީ

އެންމެ ބޮޑު އާމްދަނީ އެއް ލިބޭ 10 ޓީވީ ބަތަލާއިންގެ ލިސްޓުން ހުނަރުވެރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ޖާގަ ހޯދައިފި އެވެ.

ފޯބީޒް އިން އާންމު ކުރި މައުލޫމާތަށް ބަލާއިރު ޕްރިޔަންކާ އަށް ލިބެނީ އަށް ވަނަ އެވެ. އެއީ 10 މިލިއަން ޑޮލަރުގެ އާމްދަނީ އަކާއެކު އެވެ.

އަންގާރަ ދުވަހު ފޯބީޒް މެގަޒިން އިން އެންމެ މުސާރަ ބޮޑު އަންހެން އެކްޓަރުންގެ ލިސްޓު އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހާ ހަމައަށް އެކްޓަރުންނަށް ލިބިފައިވާ އާމްދަނީ އަށް ބެލުމަށް ފަހު އެވެ.

އާމްދަނީގެ ގޮތުގައި ބަލައިފައި ވަނީ ޓީވީ ޝޯވ އިން ލިބޭ މުސާރައިގެ އިތުރުން، އެންޑޯސް ކޮށްފައިވާ ބްރޭންޑްތަކުން ލިބޭ އާމްދަނީ ވެސް ހިމަނައިގެންނެވެ.

އޭބީސީގެ ޓީވީ ސީރީޒް 'ކުއަންޓިކޯ' އިން 2016-2017 ވަނަ އަހަރު ފެނިގެން ދިޔަ ޕްރިޔަންކާ ފޯބީޒްގެ ލިސްޓުން ޖާގަ ހޯދައިފައި ވަނީ ގިނަ ބްރޭންޑްތަކެއް އެންޑޯޒް ކޮށްފައިވާތީ އެވެ.

މި ލިސްޓުގެ އެއްވަނަ، 41.5 މިލިއަން ޑޮލަރުގެ އާމްދަނީ އަކާއެކު ހޯދައިފައި ވަނީ 'މޮޑާން ފެމިލީ' ގެ އެކްޓަރު ސޯފިއާ ވަރްގަރާ އެވެ. މިއީ ސޯފިއާ އެ މަގާމު ޖެހިޖެހިގެން ހޯދި ހަ ވަނަ އަހަރެވެ.

comment ކޮމެންޓް