ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުގެ ތެދު ދޮގު އަރަތަކަށް!

ސީރިއާގެ ސަަރުކާރުން މެރި އާންމުން ކަމަށް ބުނެ ބީބީސީއިން ޝާއިއު ކުރި ފޮޓޯއެއް. ފަހުން މިއީ 2003 ވަނަ އަހަރު އިރާގުގެ ފޮޓޯއެއްކަން ވަނީ ފަޅާއަރާފައި--

އެއީ މީގެ 26 އަހަރު ކުރިއެވެ. އިރާގުން ކުވެއިތަށް އަރައިގަތްތާ ކުޑަ ދުވަސް ކޮޅެކެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ހުރީ އިރާގާ ދިމާލަށެވެ. އެމެރިކާ އާއި އިރާގަކީ ގަލްފު ހަނގުރާމަިގެ ކުރިން ބައިވެރިން ކަމުގައި ވިޔަސް ކުވައިތަށް އިރާގުން އަރައިގަތުމާ އެކު މިތުރުން ހަތުރުންނަށް ބަދަލުވެގެން ދިޔައީ އިސާހިތަކު އެވެ. އިރާނު-އިރާގު ހަނަގުރާމައިގައި އިރާގަށް ބިލިއަނުން މަދަދުދެމުން އައި މުއްސަނަދި އަރަބި ގައުމުތަށް ވެސް އިރާގާ ދެކޮޅަށް ފާޅުގައި ނުކުތެވެ.

އިސާހިތަކު ސައްދާމު ބަދަލުވެގެން ދިޔައީ އަނިޔާވެރި ޑިކްޓޭޓަރަކަށެވެ. މުޅި ދުނިޔޭގެ ހުރިހާ ޗެނަލެކުން ދައްކަމުން ދިޔައީ ސައްދާމުގެ ހުދުމުހުތާރުކަމާއި އަނިޔާވެރިކަމުގެ ވާހަކަ އެވެ. އެ ދުވަސްވަރު އެންމެ ބޮޑަށް މީޑިއާގެ ސަމާލުކަން ހުއްޓުނީ ސައްދާމުގެ "އަނިޔާވެރިކަން" ތަހަމަލުކޮށް ލޮލުން ދުށް ކުވައިތު އަންހެން ކުއްޖެއްގެ ވާހަކަތަކަކަށެވެ.

ސައްދާމު ހުސެއިން މީހުން ހިތު ހުރި ވަރަކަށް މަރަމުން ދަނީ އެވެ. ތުއްތުކުދިންނަށް ވެސް ބެލުމެއް ނެތެވެ. އިންކިއުބޭޓަރުތަކުގައި ތިބި ތުއްތު ކުދިން މަރަމުންދާ ކަމަށް ބުނެ މީޑިއާގެ ކުރިމަތީގައި އެ ނިޔަނެތި އަންހެން ކުއްޖާ ދެއްކި ވާހަކަތަކުގެ އަސަރުގައި ޖެހިގެން ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުނެވެ. އެވާހަކަ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ރިޕޯޓްކުރި އެވެ.

ކަމުގެ ހަގީގަތް އެނގުނުއިރު ވަގުތު ފާއިތު ވެއްޖެ އެވެ. އަމެރިކާ އިން މުއްސަނދި އަރަބި ގައުމުތަކާ ވެގެން އިރާގަށް ހަމަލާދީ ސުންނާފަތިކޮށްފި އެވެ. ފަހުން މީޑިއާގެ ކުރިމަތީގައި ރޮއި މީހުންގެ ޖަޒުބާތާކުޅެލި ކުއްޖާގެ ހަގީގަތް ވެސް އެނގިގެންދިޔަ އެވެ. ނަމަކީ ނަރިއްޔާ އަލް ސަބާހް އެވެ. ކުވައިތުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރުގެ ދަރިފުޅެވެ. އެމެރިކާގެ ސަރުކާރާ ގުޅިފައިވާ ޕީއާރު ފާމަކުން ކުޅެލީ މޮޅު ޑްރާމާއެކެވެ. ހުދު އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް އެއީ ދޮގެއް ކަމަށް ފަހުން އެއްބަސް ވެސްވި އެވެ.

ސައްދާމް ކުވައތުގެ ތުއްތު ކުދިން މަރާ ކަމަށް ބުނެ ކުވައިތުގެ އެމްބެސެޑަރުގެ ދަރިފުޅު އެމެރިކާގެ ސެނެޓުގައި ދޮގު ހެކިބަސް ދެނީ--

އެއްވެސް ހާލެއްގައި ސައްދާމް ދިފާއު ކުރަނީއެއް ނޫނެވެ. ސައްދާމަކީ އަނިޔާވެރިވެރިއެކެވެ. އެމެރިކާއާ ސައްދާމް ގުޅުން ރަނގަޅު ދުވަސްވަރު ވަނީ ކުރުދީންގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފަ އެވެ. ވެރިޔަކަށް އަނިޔާވެރި ވެވޭނީ މިވަރަށެވެ. ނަމަވެސް އެ މަންޒަރު އެމެރިކާއަށް ނުފެނުނު އިރު ދުނިޔޭގެ ބޮޑެތި މީޑިއާތައް ވެސް އޭރު އޮތީ ކަނުވެފަ އެވެ.

އިރާނު-އިރާގު ހަނގުރާމައިގެ ދުވަސްވަރު ކުރުދީންނާ ދެކޮޅަށް ސައްދާމުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރުމުން ކުރުދީންގެ އާންމުން މަރުވެފައި---

ޒަމާން ބަދަލުވެއްޖެ އެވެ. މިއަދު ޓީވީ އަށް ވުރެ މަޝްހޫރީ ސޯޝަލް މީޑިއާއެ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ނަމަވެސް ކަން އޮތީ އަދިވެސް ހަމައެގޮތަށެވެ. މީހުން ލޯ މަތީގައި އަދުން އަޅުވަނީ އެވެ. ތެދާއި ދޮގަކީ ރޮކެޓް ސައެންސަށްވެ ނިމިއްޖެ އެވެ.

އަރަބި ސްޕްރިންގްއާއި ސޯޝަލް މީޑިއާ

ދެހާސް އެގާރަ ވަނަ އަހަރު އަރަބި ދުނިޔެ ގުގުމައިގެން ދިޔައީ އިންގިލާބީ އަޑުތަކުންނެވެ. ޓިއުނީޝިއާ އިން ފެށުނު އިންގިލާބުގެ ދޫލަ އަރަބި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފެތުރިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ނަން މަޝްހޫރު ހުދުމުހުތާރު ވެރިން ނިމިގެން ދިޔައީ ލޯ މަތީގަ އެވެ. ބަހާރު މޫސުން ލޯ މައްޗަށް ސިފަވެގެން ދިޔައިރު ބޯ މަތީގައި ކަޅު ވިލާތަށް އެނބެރުމުން ދިޔައިރު ގިނަބައެއްގެ ލޮލަކަށް އެ މަންޒަރު ނުފެނުނެވެ.

ސޯޝަލް މީޑިއާއިން ފެށުނު އިންގިލާބު އެންމެ ފަހުން ވީ ބޮޑު މުސީބާތަކަށެވެ. ގައްދާފީގެ ވެރިކަން ނިމުނު އިރު ސީރިއާ ސަލާމަތުން އެބައޮތެވެ. ނަމަވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. ދެ ގައުމު ވެސް ވަނީ ގާތްގަނޑަކަށް ފުނޑުފުނޑުވެފަ އެވެ.

ލީބިޔާ އަދި ސީރިއާގެ މުޒާހަރާތައް ބޮޑު ހަނގުރާމައަކަށް ވެގެން ދިޔުމުގައި ސޯޝަލް މީޑިއާ ކުޅުނު ދައުރު ކިތަންމެ ހާވެސް ބޮޑެވެ. ސޯޝަލް މީޑިއާގައި އެނބެރުމުން އަބަދުހެން ދިޔައީ އެ ގައުމުތަކުގެ ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާގެ ވާހަކަ އެވެ.

ފޮޓޯތައް ފެނިފައި އެއް ބަޔަކު ޖަޒުބާތުގައި ޖެހެނީ އެވެ. އަނެއް ބަޔަކު ޖިހާދަށް ހޭބޯނާރާ ދަނީ އެވެ. ހައްދުފަހަނަ އަޅައިފައިވާ ގްރޫޕްތަކުގެ ހައްޔަރުގައި ޖެހި ހަލާކުވެގެން ދަނީ އެވެ. ދެން ތިބި ބަޔަކު ދުނިޔޭގެ ބާރުތަކުން ލީބިޔާ އާއި ސީރިއާއަށް ބޮން އެޅުމަށް ގޮވާލަނީ އެވެ. މިކުޑަކުޑަ ދިވެހިރާއްޖެ އިން ވެސް ސީރިއާއަށް ދިޔަ މީހުންގެ އަދަދު ނޭނގެ އެވެ.

މީހުންގެ ޖަޒުބާތުގައި ޖެއްސުމަށް ޓަކައި ދުނިޔޭގެ ބޮޑެތި މީޑިއާ ޗެނަލްތަކުން ވެސް ތިބީ އަތުކުރިއޮޅާލައިގެންނެވެ. މިކަން އެންމެ ބޮޑަށް ހާމަ ވެގެން ދިޔައީ ސީރިއާއަށް އެމެރިކާ އިން ސިފައިން ފޮނުވަން އުޅުނު ދުވަސްވަރު ބީބީސީން ސީރިއާގެ މަރުވެފައިވާ ރައްޔިތުން ކަމަށް ބުނެ އިރާގުގެ މާ ކުރީގެ ފޮޓޯތަކެއް ބޭނުން ކުރި މައްސަލަ ފަޅާއެރުމުންނެވެ.

އެ ކަން އިނގިރާސިވިލާރުގެ ޓެލެގްރާފް ނޫހުން ވެސް ޔަގީންކޮށދިނެވެ. ފޮޓޯއިން ހާގީގަތުގައި ފެނިގެން ދަނީ 2003 ވަނަ އަހަރު އިރާގުގެ އެތައް ސަތޭކަ ބަޔަކު ކަފުނުގައި ތިބޭ މަންޒަރެއްގެ ފޮޓެއެކެވެ. ނަމަވެސް މީހުންގެ ޖަޒުބާތުގައި ޖައްސާލުމަށް ކިތަންމެ ހާވެސް ބޭނުންތެރި ފޮޓޯއެއް ތެދެއްތޯ އެވެ.؟

ސީރިއާގެ ސަރުކާރު ވައްޓަލުމަށް ޓަކައި ހަމައެކަނި މަސައްކަތްކުރީ ބީބީސީ އިން އެކަންޏެއް ނޫނެވެ. ހަމަ އެ ދުވަސްވަރު ސީރިއާގެ ސަރުކާރު ވައްޓާލުމަށް ޓަކައި ގޫގަލް އިން މަސައްކަތް ކުރިކަން އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންއާ ގޫގަލްގެ ސީނިއާ ބޭފުޅުންނާ ދެމެދު ދެކެވިފައިވާ ވާހަކަތައް ލީކުވެފައިވާ އީމެއިލްތަކުން ކިތަންމެ ރަނގަޅަށްވެސް ހާމަވެގެން ދިޔަ އެވެ.

މިދިޔަ އަހަރު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވެގެން ދިޔަ އެއްފޮޓޯއަކީ ސީރިއާގެ ކުޑަކުއްޖަކު އެގައުމުގެ ސަރުކާރުން ދިން ވައިގެ ހަމަލާތަކެއްގައި ޒަހަމްވެގެން އުޅޭކަމަަށް ބުނެ ދައުރުވި ފޮޓޯއެކެވެ. ފަހުން އެނގުނު ގޮތުގައި އެ ކުޑަކުއްޖާއަށް ލިބުނީ ވަރަށް ކުޑަކުޑަ ޒަހަމްތަކެކެވެ. ނަމަވެސް ސީރިއާގައި ހަރަކާތްތެރިވާ ހައްދުފަހަނަ އަޅައިފައިވާ ގްރޫޕްތަކުން ހަގީގަތް އޮޅުވައިލައިގެން ބޮޑުކޮށްގެން ޕްރޮޕްގަންޑާ ފެތުރީ އެވެ. އެކަން އެ ކުއްޖާގެ ބައްޕަވެސް ފަހުން ޔަގީން ކޮށްދިނެވެ.

ސީރިއާގެ ސަރުކާރުން ދިން ވައިގެ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވިކުއްޖެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި ފޮޓޯއެއް. އެ ކުއްޖާގެ ބައްފަ ފަހުން ވަނީ ހަގީގަތް ކިޔައިދީފައި--

މިފަހުން ސޯޝަލްމީޑިއާ އަނެއްކާ ވެސް ކެކިގެން ދިޔައީ ރޮހިންގާ މުސްލިމުން ފޮޓޯތަކުންނެވެ. ރޮހިންގާ މުސްލިމުން ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތަކުގެ ތެރޭގައި ފޭކް ފޮޓޯތައް ވެސް އުޅޭކަން ކިތަންމެ ރީއްޗަށް ވެސް އެނގެ އެވެ. ފޭކް ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކުރަމުން ދިޔައިރު ދުނިޔޭގެ ރައީސުންގެ ފެންވަރު މީހުން ވެސް ހަމަ އެފަދަ އެވެ.

ތުރުކީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މެހްމެތު ސިމްސެކްއަށް ވެސް ޖެހުނީ ހަމަ އެފަދަ ހާލެކެވެ. ތަނެއް ދޮރެއް ނުބަލައި ފޮޓޯތައް ޓުވިޓާގައި ޝެއާކުރުމާއެކު ފާޑު ކިޔުންތައް ވަރަށް ބޯޑަށް އަމާޒުވެގެންދިޔަ އެވެ. އެންމެ ފަހުން މެހްމެތަށް ޖެހުނީ ފޮޓޯ ޑިލީޓް ކޮށްލާށެވެ.

ބުޑިސްޓުން މަރާފައިވާ ރޮހިންގާ މުސްލިމުންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ފޭކްު ފޮޓޮއެއްގެ ސްކްޜީން ޝޮޓެއް--

ރާއްޖޭގެ ބޮރޮޑްކާސްޓިން ކޮމިޝަނުން ވެސް ދާދީ ފަހުން ވަނީ ރޮހިންގާގެ ހަބަރުތައް ގެންނައިރު އެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސް ކޮށްފަ އެެވެ.

އެެއްވެސް ހާލެއްގައި މިބުނަން މިއުޅެނީ ރޮހިންގާ މުސްލިމުންނަށާއި ސިރިއާ އަދި ލީބިޔާގެ މުސްލިމުންނަށް އަނިޔާ ނުލިބޭ ވާހަކައެއް ނޫނެވެ. އިންތިހާ އަށް އަނިޔާލިބެ އެވެ. ދާދި ފަހުން ސަން އިން ރޮހިންގާގެ ކޭމްޕްތަކަށް ގޮސް ލޮލުން ދެކެ، އަތުން ހިފުމުން އެކަން ކަށަވަރުވެ އެވެ. އަދި ރޮހިންގާ މުސްލިމުންގެ ހާލަތާއި އެ މީހުންގެ ކެކުޅުތައް މިޔަންމާގެ ބުދު ދީނުގެ ރައްޔިތުންނަށް އަންގައިދޭން އެބަޖެހެ އެވެ. އަދި މިޔަންމާގެ ފައްޅިތަކުގެ ފާދިރީންނާއި މިލިޓަރީ މީހުން ރޮހިންގާ މީހުންނަށް ކުރާ އަނިޔާ ހާމަ ކުރަން ޖެހެ އެވެ. އެހެން ނަމަވެސް ފޭކް ފޯޓޯތައް ޝެއާ ކުރާ ނަމަ އޭގެ މަގްސަދު އެ އޮތީ ގެއްލިފަ އެވެ.

ޒަމާނަށް އައި ބަދަލާ އެކު ސޯޝަލް މީޑިއާ މިހާރު ވެފައި ވަނީ ވަރަށް ބާރުގަދަ ހަތިޔާރަކަށެވެ. އެއާ އެކު ގައުމުތަކަށް އަރައިގަތުމަށް ދައްކާނެ ކިތަންމެ ބަހާނައެއް ދެއްކުމަށް ޓަކައި ސޯޝަލް މީޑިއާ މިހާރު ވެފައިވަނީ އެންމެ އެކަށޭނެ ތަޅުދަނޑިއަކަށެވެ. އަޅުގަނޑުމެންގެ ހިތުގެ ތަޅަށް އެ ތަޅުދަނޑި ލައްވަލައި ބޭނުންވާ ގޮތަކަށް އަނބުރާލުމަކީ ކިތަންމެ ހާވެސް ފަސޭހަ ކަމެކެވެ. ޖަޒުބާތާއި ޖަދުބާތުގައި ޖެހޭމީހުންގެ ވާހަކަ ދައްކާ ކޮޅުނުލާނެ އެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިންވެސް ދިވެހިން ޖިހާދަށް ދަނީ ޖަޒުބާތުގައި ޖެހިގެން ކަމަށް ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ޖަޒުބާތުގައި އަޑީގައި ފޮރުވިފައިވާ ހަގީގަތް މިހާތަނަށް ވެސް ދިވެހިންނަށް ކިޔައިދެވިފައި ނެތް ކަމީ ހިތާމަ ހުރިކަމެކެވެ.

comment ކޮމެންޓް