ޔޫއޭއީން ލީބިޔާގައި ދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން: ލީބިޔާގެ ޖަމާއަތްތައް

ޅީބިޔާގެ ނެޝަނަލް އާމީގެ ވެރިޔާ ހަލީފާ ހަފްތާރު ---

ޔޫއޭއީން ލީބިޔާގައި ދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ލީބިޔާގެ ޖަމިއްޔާތަކުން ބުނެފިއެވެ. އެ ޖަމިއްޔާތަކުން ބުނީ ޔޫއޭއިން މިހާތަނަށް އެތައް ސަތޭކަ ލީބިޔާގެ އާންމުން މަރައިފައިވާ ކަމަށެވެ.

ޔޫއޭއީ އަކީ ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްދާފީގެ ވެރިކަން ވައްޓާލުމަށް އެ ގައުމުގެ ހަތިޔާރު އެޅި ގްރޫޕްތަކަށް މަދަދު ދިން ގައުމެކެވެ. އަދި ލީބިޔާގެ މިހާރުގެ ނެޝަނަލް އާމީގެ ވެރިޔާ ހަލީފާ ހަފްތާރު އަށް ވަރަށް ބޮޑަށް މަދަދުދޭ ގައުމެކެެވެެ. ހަފްތާރަށް ވާގިވެރިވާ ސިފައިންނާ ގުޅިގެން ޔޫއޭއީން މިހާރު ވެސް ދަނީ ލީބިޔާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.

ސްވިޒަލެންޑުގެ ޖެނީވާގައި ބޭއްވުނު ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ހަފްތާރުގެ ސަރުކާރުން ކުރަމުންދާ ލާއިންސާނީ އަނިޔާތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ. އޭގެ ތެރޭގައި ޝަރީއަތަކާ ނުލައި މީހުން މެރުމާއި ، ކާން ނުދީ ހައްޔަރުކޮށްފައި ބެހެއްޓުމާއި އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކުން ދޫކޮށް ދިޔުމަށް މަޖުބޫރުކުރުން ހިމެނެއެވެ.

ޔޫއޭއިން ލީބިޔާގައި ދޭ ވައިގެ ހަމަލާތަކުގެ ވާހަކަ އެފަދަ ހަމަލާތަކުން ސަލާމަތްވި މިހެއް ކަމަށްވާ އަބްދުލް ގަނީ ވަނީ އެ ބައްދަލުވުމުގައި ހިއްސާކޮށްފައެވެ.

ގައްދާފީގެ ސަރުކާރު ވެއްޓުމަށްފަހު ލީބިޔާ ދާހިލީ ހަނގުރާމައަަކަށް ވެއްޓިފައިވާއިރު ގޭހާއި ތެލުގެ މުއްސަނދިކަން ލިބިފައިވާ ދެކުނާއި އުތުރުގެ ލީބިޔާގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ހަފްތާރުގެ ސިފައިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް