އަހަަރުގެ ދެވަނަ ކުއާޓަރުގައި އިންފްލޭޝަން 4.2 ޕަސެންޓް މައްޗަށް ހިނގައްޖެ

މި އަހަަރުގެ ދެވަނަ ކުއާޓަރުގައި އިންފްލޭޝަން 4.2 ޕަސެންޓް ވަނީ މައްޗަށް ގޮސްފައި --

މިދިޔަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ރާއްޖޭގެ އިންފްލޭޝަން މަތިވަމުން އައިސްފައިވާ ކަމަށާއި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިންފްލޭޝަން 4.2 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

މަރުކަޒީ ބޭންކުން އިއްޔެ ނެރުނު އިންފްލޭޝަނާ ބެހޭ ރިޕޯޓުގައިވާ ގޮތުން 2013 ވަނަ އަހަރާއި 2015 އަހަރާ ދެމެދު އިންފްލޭޝަން ރޭޓް ހިފެހެއްޓިފައި ހުރެފައި މައްޗަށް ދިޔަ މައިގަނޑު ސަބަބެއް ގޮތުގައި ފާހަގަކޮށްފައި ވަނީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކެވެ.

ސިޔާސަތުތަކަށް ގެނައި ބަދަލުގެ އިތުރުން ވޭތުވެ ދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކާޑުގެ އަގު ބޮޑުކުރުމާއި މި އަހަރުގެ މާޗު މަހުގެ ތެރޭގައި ސިނގިރޭޓާއި ބައެއް ލުއި ބުއިންތަކުގެ ޑިއުޓީ ބޮޑުކުރުން ވެސް އިންފްލޭޝަން މައްޗަށް ދިޔަ ސަބަބެއް ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިއުމާ އެކު ކުލިތައް ކުރިއެކޭ އެއްގޮތަށް އަދިވެސް މަތިވަމުންދާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެ އެވެ.

ރާއްޖެއަކީ އިމްޕޯޓުކުރުމަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވުމުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުގެ އަސަރު ރާއްޖޭގެ ބާޒާރަށް ކުރާނެ ކަމަށާއި އޭގެ ސަބަބުންވެސް ރާއްޖޭގެ އިންފެލޭޝަނަށް އަސަރު ކުރާކަމަށް މަރުކަޒީ ބޭންކުގެ ރިޕޯޓުގައިވެ އެވެ.

ހާއްސަ ގޮތެއްގައި ތެލުގެ އަގަށް އަންނަ ބަދަލާއި ގުޅިގެން އެހެން މުދަލުގެ އަގުތަކަށް އޭގެ އަސަރު ކުރާކަމަށް ވެސް އެ ރިޕޯޓިގައިވެ އެވެ.

އެމްއެމްއޭ އިން ލަފާކުރާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް އިންފްލޭޝަން މައްޗަށް ދާނެ އެވެ. ނަމަވެސް މި އަހަރުގެ ފަހު ކުއާޓާއިން ފެށިގެން އިންފްލޭޝަން ދަށްވަމުންދާނެ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.

comment ކޮމެންޓް