ބޭނުންވަނީ އަޅުގަނޑާ އެކު މަސައްކަތް ކުރާނެ އިހްލާސްތެރި ހިތްތަކެއް: ރައީސް

ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ ބޭނުންވަނީ އެކުގައި މަސައްކަތް ކުރާނެ އިހްލާސްތެރިން ތަކެއް ކަމަށް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޭނުންވަނީ އެކުގައި މަސައްކަތް ކުރާނެ އިހްލާސްތެރި ހިތްތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ގއ. ވިލިގިލީގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ރަށަކަށް އެ މަނިކުފާނު ވަޑައިގަތުމުން ވެސް ރައްޔިތުންގެ ފަރާތުން އަޑުއިވެނީ ކަންތައްތަކެއް ކޮށްދިނުމަށް އެދެމެންދާ ތަން ކަމަށާއި އެ ލިސްޓް ދިގުވަނީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ކޮށްދީފައި ނުވާތީ ކަމަށެވެ.

"ރައީސަކު އަތުވެއްޖެއްޔާ އެ ރައީސެއްގެ ކަންފަތައް އެ އަޑުތައް އިއްވަން ވާނެ. އެކަމަކު އެ ލިސްޓް ދިގުވެގެން އެ ދަނީ ހަމަ ގައިމު ވެސް ކުރީގައި އެކަންކަމަށް ފަރުވާ ދެވިފައި ނެތީމަ. އަޅާލެވިފައި ނެތީމަ،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި ކަންކަމުގައި ކިޔަނީ މިއަދުގެ ސަރުކާރުން ކަންތައްތަކެއް ކޮށްދޭތީ އުންމީދެއް އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ އަރިހުގައި ދަންނަވާ ކަންތައްތައް އުފަލާއެކު އަޑުއަހައި ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީގައި ކަންކަން ވިދާޅުވާނަމަ އަޅުގަނޑަށް އެކަން ކަން ތިބޭފުޅުންނަށް ފުއްދާދިނުމުގެ ފުރުސަތު ދޭން ޖެހޭ. އަޅުގަނޑަށް އެ ފުރުސަތު ދެއްވުމަކީ އަޅުގަނޑު އެދޭ ބަޔަކާ އެކީ ތިބޭފުޅުން ތަމްސީލުކޮށް ސަރުކާރާ ތިބޭފުޅުންނާ ގާތް ކޮށްދޭން މަގު ފަހި ކޮށްދެއްވުން،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑާއެކު މަސައްކަތް ކުރާނެ އިހްލާސްތެރި ހިތްތަކެއް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންނާ އެކީ އަމާން ދިވެހި ރާއްޖެއެއްގައި ދެމިތިބުމުގެ ތައުފީގު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާ ވަރަށް މަސައްކަތް ކުރާނެ ކުޅަދާނަ އަދި އިހްލާސްތެރި ހިތްތަކަކާ އެކު މަސައްކަތް ކުރާނެ ބައެއް،"

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑީ ޕީޕީއެމަށް ކާމިޔާބުކޮށްދިނުމަށް އެ ދާއިރާގެ ރައްޔިތުންގެ އަރިހުން މިރޭ ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް