ރައީސް ޔާމީން ވަޑައިގަތުމުން ކުރި މުޒާހަރާގައި ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

ރައީސް ޔާމީންގެ ދެކަނބަލުން ވިލިނގިއްޔަށް ވަޑައިގަތުމުން އެ ރަށުގައި މުޒާހަރާ ކުރަނީ ---

ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅުގެ ވެރިރަށް ވިލިނގިއްޔަށް ވަޑައިގަތުމުން ސަރުކާރާ ދެކޮޅަށް އެ ރަށުގައި ކުރި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު 'ސަން' އަށް ވިދާޅުވީ މިއަދު ހަވީރު ރައީސް ޔާމީން އެރަށަށް ވަޑައިގަތުމުން ރަށުގެ ގިނަބަޔަކު އެއްވެ އަޑު އުފުލާފައިވާ ކަމަށާއި އެ އެއްވުމުގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއްވުމުގެ ތެރެއިން ހައްޔަރުކުރީ އެމްޑީޕީ ވިލިނގިލީ ދާއިރާގެ ރައީސް ރާޒިގް ހަސަން ކަމަށް މުސްތަފާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރައީސް ޔާމީންގެ ދެކަނބަލުން ވިލިނގިއްޔަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ ---

ސަރުކާރާ ދެކޮޅަށް އަޑު އުފިލި މީހުން ގޮވަމުން ދިޔައީ އިލެކްޝަން ކޮމިޝަނުން އެދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައިވާ ކަމަށް ނިންމި ނަމަވެސް އަދި ވެސް ވިލިނގިލީ ދާއިރާގެ މެންބަރަކީ ސައުދު ހުސައިން ކަމަށެވެ. އަދި މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނަށް ކުރަމުންދާ ސަރުކާރުން ޖެއްސުން ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން އިސްތިއުފާދެއްވުމަށް ވެސް ގޮވާލާފައެވެ.

މިއަދު ހަވާރު ވިލިނގިލީ ކަންނެލި އޮޑިއެއްގައި ކޫއްޑޫއިން ރައީސްގެ ދެ ކަނބަލުން ވިލިނގިއްޔަށް ވަޑައިގަތުމުން އެ ރަށުން ވަނީ ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ރައީސްގެ ދަކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ފަރާތްތައް ވަނީ ގިނަ އަދަދެއްގެ ފުލުހުންގެ އެހީތެރިކަމާ އެކު ވަރަށް ބޮޑަށް ފަހަތަށް ޖައްސާފައެވެ.

comment ކޮމެންޓް