މާފުށީ ޖަލުގެ ގައިދީންތަކެއްގެ މެދުގައި މާރާމާރީ ހިންގައި ތިން ގައިދީއަކަށް އަނިޔާވެއްޖެ

މާފުށީ ޖަލު --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހުންނަ މާފުށީ ޖަލުގެ ޔުނިޓެއްގެ ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައި ތިން ގައިދީއަކަށް އަނިޔާވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، މިއަދު ހިނގި އެ މާރާމާރީ ހިނގާފައިވަނީ ގައިދީންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ދިމާވެގެން ކަމަށެވެ. އަދި މާރާމާރީ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖަލު އޮފިސަރުން ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.

ނަމަވެސް ގައިދީންތަކެއްގެ މެދުގައި ޖެހުނީ ކޮންކަހަލަ މައްސަލަތަކެއް ކަމެއް ނޭނގެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ސީނިއަރ ޕްރިޒަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ، އެ މާރާމާރީގައި ތިން ގައިދީއަކަށް އެކިވަރުގެ އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އަދި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހަކު މިހާރު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ހިނގި ހާދިސާގައި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުނު އެއްވެސް އޮފިސަރަކަށް އަނިޔާއެއް ނުވެއެވެ.

comment ކޮމެންޓް