އުމުރުން 98 އަހަރުގައި އިކޮނޮމިކްސް އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފި

އުމުރުން 98 އަހަރުގެ ރާޖް ކުމާރު ވައިޝްޔާ ވަނީ އިކޮނޮމިކްސް އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފަ -- ފޮޓޯ: އެމްއައިޚާން

ޕަޓްނާ (ސެޕްޓެމްބަރު 26): އިންޑިއާގެ ޕަޓްނާ ސިޓީގައި ހުންނަ ނަލަންޑާ އޯޕެން ޔުނިވާސިޓީ (އެންއޯޔޫ) އިން 98 އަހަރުގެ ދަރިވަރަކު އިކޮނޮމިކްސް އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފި އެވެ.

ރާޖް ކުމާރު ވައިޝްޔާ ބުނި ގޮތުގައި މާސްޓާސް ޑިގްރީއެއް ހާސިލު ކުރުމަކީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ. އަދި އެހުވަފެން ހަގީގަތަކަށް ވުމުން އޭނާ ވަރަށް އުފާވި ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވައިޝްޔާ ފާހަގަ ކުރި އެވެ. އެގޮތުން އިމްތިހާނުތަކަށް ތައްޔާރުވުމަށްޓަކައި އަވަހަށް ހޭލުމަކީ އުނދަގޫ ކަމެއް ކަމަށް ވައިޝްޔާ ބުންޏެވެ.

ނަމަވެސް އޭނާގެ އުމުރުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެ، ކިޔެވުމަށް ހުރަސް އެޅޭތޯ ސުވާލު ކުރުމުން ވައިޝްޔާ ބުނީ އެފަދަ މައްސަލަތަކާ ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އެގޮތުން އޭނާއަށް ނަމްބަރު އައިނަކާ ނުލައި ހިންދީ އާއި އިނގިރޭސިވެސް ލިޔަން ކިޔަން އެނގޭ ކަމަށާއި، ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މައްޗަށް ދިޔުން ފަދަ މައްސަލަތައް އޭނާއަށް ދިމާނުވާ ކަމަށް ވައިޝްޔާ ބުންޏެވެ.

އުއްތަރަ ޕްރަދޭޝްއަށް އުފަން ވައިޝްޔާ ވަނީ 1940ގައި އާގްރާ ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފަ އެވެ. އެއަށް ފަހު އިތުރު ކޯހެއް ހަދަން ވައިޝްޔާ ބޭނުންވި ނަމަވެސް އޭނާގެ އާއިލާއަށް އަޅާލުމަށްޓަކައި ވައިޝްޔާއަށް ޖެހުނީ ކިޔެވުން ދޫކޮށްލައި މަސައްކަތް ކުރަން ފަށާށެވެ. އޭގެ ފަހުން ވައިޝްޔާ ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ލޯ ފާމެއްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ފުރާފަ އެވެ.

ވައިޝްޔާ ބުނި ގޮތުގައި އޭނާގެ އުއްމީދަކީ އަދުގެ ޒުވާނުން އޭނާގެ ވާހަކައިން އިބުރަތް ހާސިލުކޮށް، ކިޔެވުން ހުއްޓާލުމަށް އުމުރު ބަހަނާއެއްގެ ގޮތުގައި ދެއްކުން ހުއްޓާލުމެވެ. އަދި މުސްތަގުބަލުގައި ޕީއެޗްޑީއެއް ހާސިލު ކުރުމުގެ ވިސްނުމެއް ނެތް ނަމަވެސް ވައިޝްޔާ މިހާރު ދަނީ އިންޑިއާގައި ފަގީރުކަން ނައްތާލުމާ ބެހޭ ގޮތުން ފޮތެއް ލިޔަމުންނެވެ. (އެންޑީޓީވީ)

comment ކޮމެންޓް