މާމަދަރިން ބަލާ އަންހެނުންނަށް ޑރ. ޝާންގެ ސުވާލެއް!؟

ރަށެއްގެ މަގުމަތީ މާމަ އަކު ކުދިން ގޮވައިގެން --- ސަންފޮޓޯ މުހައްމަދު އަފްރާހް

ވަޒީފާއަށް ދާ މީހުންގެ ކުދިން ބެލުމަށް އެމީހެއްގެ މަންމަ ނުވަތަ މައިދައިތައާ ހަވާލު ކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެހެން އެކަން ކުރާ ސަބަބަކީ ފައިސާ ދީފައި ބޭރު މީހަކު ގެނައުމުގެ ފެންވަރު ނެތުމުން ކަމަށް ގިނަ މީހުން ބުނެ އެވެ. ވަޒީފާގައި އެމީހުން ހޭދަކުރާ އަށް ގަޑި އިރު ނުވަތަ އެއަށްވުރެ ވެސް ގިނަ އިރު މާމަ ދަރިން ބެލުމުގައި ހަރަކާތްތެރިވާ މާމަ މެންނަަށް، މަޝްހޫރު ކަށީގެ ހާއްސަ ޑރ ޔޫސުފް ޝާން ސުވާލެއް ކޮށްފި އެވެ.

ޑރ. ޝާންގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ އެ ސުވާލުގައި ބުނެފައިވަނީ-:

" ކުދިންނަށް އެހީވުމަށް މިތަނުން ހިޔާރު ކުރާނީ ކޮން ގޮތެއް؟

  • (ހ) މާމަ ދަރިން ބަލައިގެން ގުދާރު ބިންދާލާނީތަ؟
  • (ށ) އަމިއްލަ ސިއްހަތަށް ބަލައިގެން އެމީހުންނަށް ތުރާލަކަށް ނުވެ ދިރިއުޅޭނީތަ؟"

ޑރ ޝާންގެ އެ ސުވާލާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ ޕޯސްޓަށް ކޮމެންޓް ކުރަމުންނެވެ. އެ ސުވާލާ ގުޅިގެން އެންމެ ބޮޑަށް ހިޔާލު ތަފާތުވުން އުފައްދާފައި ވަނީ މަންމަ މެންނެވެ. ހަގީގަތުގައި ޑރ ޝާން އެފަދަ ސުވާލެއް ކުރާނީ ސަބަބެއް ނެތިއެއް ނޫނެވެ.

ކުދިންނަށް އެހީވުމަށް މިތަނުން ހިޔާރު ކުރާނީ ކޮން ގޮތެއް؟ (ހ) މާމަ ދަރިން ބަލައިގެން ގުދާރު ބިންދާލާނީތަ؟ (ށ) އަމިއްލަ ސިއްހަތަކަށް ބަލައިގެން އެމީހުންނަށް ތުރާލަކަށް ނުވެ ދިރިއުޅޭނީތަ؟ ޑރ. ޝާން

މައި ބަދަ އަދި ގުދާރުގެ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކާ މަންމަމެން ގިނައީ ކަމަށްވުން އެކަށީގެންވެ އެވެ. އަދި މާމަ ދަރިން ބަލަން ޖެހުމަކީ އެމީހުންނަށް އެކަށީގެންވާ އަވަސް މިނެއްގައި އެ މައްސަލަ ހައްލު ނުވާ ސަބަބަކަށްވުންވެސް އެކަށީގެންވެ އެވެ.

ހިޔާލު ތަފާތުވެ ބައެއް މީހުން އެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓްތަކުގައި ބުނެފައިވަނީ އެތަނުން އެއް ކަމެއް ހިޔާރު ކުރާކަށް ނުޖެހެ އެވެ. ކުދިން ބަލަމުންވެސް ސިއްހަތަށް ބަލައިގެން އުޅެވޭނެ އެވެ. އަދި ގުދާރު ނުބިންދައިވެސް ކުދިން ބެލޭނެ އެވެ.

" ދިރާސާތަކުން އެބަދައްކާ މާމަދަރިންނާއެކު ވަގުތު ހޭދަކުރާ މާމަމެންނަށް ދިމާވާ ސިކުނޑީގެ މައްސަލަތައް މަދު ކަމަށް. އަދި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ހަރަކާތްތެރިކޮށް އުޅޭ މީހުންގެ ކަށިތައް ވަރުގަދަ ކަމަށް. ކަސްރަތު ކޮށް ދުވެ ހެދުމަކީ ސިއްހަތު ރަނގަޅުވާ ކަމެއް އެކަމަކު އެކަން އެންމެންނަށް ނުކުރެވިދާނެ. އެހެންވީމަ ގެތެރޭގެ މަސައްކަތުގައި ވީ ވަރަކުން ހަރަކާތްތެރިވެ އުޅުމަކީ އެންމެ ރަނގަޅު ގޮތް،" މީހަކު އެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ.

އެ މީހާގެ ކޮމެންޓަށް ޑރ ޝާން ވަނީ ޖަވާބެއްވެސް ދެއްވާފައެވެ. ވިދާޅުވެފައިވަނީ " ޑިއުޓީއއްގެ ގޮތުގައި ވަކި ކަމެއް ކުރުމަށް ބާރު އަޅައި ކުރުވުމަކީ މާމަމެންގެ ސިއްހަތަށް ގެއްލުން ހުރި ކަމެއް،" ކަމަށެވެ.

ބައެއް މީހުން ބުނެފައިވަނީ އެތަނުން ދެކަންތައްވެސް މުހިންމު ކަމަށެވެ. އެމީހުން ދެކޭ ގޮތުގައި މާމަމެން ގޭތެރޭގެ މަސައްކަތް ކުރުމަކީ ހެލިފެލިވެ އުޅުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި ކުދިން ބެލުމަކީވެސް އެގޮތުން ކުރަން ޖެހޭ ކަމެވެ. ނަމަވެސް ވަކި ލިމިޓެއްގައި ހިފެހެއްޓި ދާނެ އެވެ.

ޑރ ޝާން ވިދާޅުވާގޮތުން ކުދިން ބަލަން ޖެހުމަކީ ލިމިޓެއްގައި ހިފަހައްޓަން އުނދަގޫ ކަމެކެވެ.

އެއީވެސް ތެދެކެވެ. އަށް ގަޑި އިރުވަންދެން ކުއްޖަކު ބަލަން ޖެހުމަކީ އަރާމުކޮށްލަން ވަގުތު ނުލިބޭނެ ކަމެކެވެ. އަދި އޭގެ އިތުރުން ގޭގެ މަސައްކަތަ ކުރަން ޖެހޭނެ އެވެ. ކައްކަން ޖެހޭނެ އެވެ.

ޑރ ޝާން ވިދާޅުވާ ގޮތުން މާމަމެން އެހާ ބުރަކޮށް އުޅުމުގެ ސަބަބުން ހަށިގަނޑަށް ދިމާވާ މައްސަލަތައް ފާހަގަ ކުރެވެނީ ދުވަސްވާ ފަހުންނެވެ. އެއީ އެ ވިދާޅުވާ ފަރުވާ ހޯދަން އުނދަގޫވާ ހިސާބަށް ދިއުމެވެ.

ބައެއް މީހުން ޑރ ޝާންގެ ވާހަކަތަކާ އެއްބައެވެ. ބައެއް މީހުން ކޮށްފައިވާ ކޮމެންޓްތަކުގައި ބުނެފައިވަނީ " އަހަރެންގެ ދަރިފުޅު ބަލައިގެން އަހަރެންގެ މަންމަ ގުދާރު ބިންދާލުމަށް ވުރެ އަހަރެންގެ ގުދާރު ބިނދުން މާ ރަނގަޅު" ކަމަށެވެ.

ބައެއް މީހުން ބުނާ ގޮތުން ދަރިފުޅު ބަލަން މާމަމެނާ ހަވާލުކުރަން އެމީހުންނަށް މަޖުބޫރު ވަނީ އެވެ. ގޭގެ ކުލި ދައްކަން ޖެހެ އެވެ. އެކަމަށް ލާރި ބޭނުންވެ އެވެ. އަދި ވަޒީފާއަށް ގޮސްގެން ލިބޭ ލާރިން ދަރިފުޅު ބަލާނެ މީހެއް ނުހޯދޭތީ މަންމަމެންނާ ހަވާލުކުރަން ޖެހެނީ އެވެ.

ހަގީގަތުގައި މާމަމެން ސިއްހަތަށް ވިސްނާލަން ޖެހެ އެވެ. އެހާ ބުރަކޮށް އުޅެގެން މައި ބަދައަށް ނުވަތަ ގުދާރަށް ދިމާވާ ސިއްހީ މައްސަލަތައް ހަައްލު ކުރުމަކީ ފާސޭހަ ކަމަށްކަށް ނުވާނެ އެވެ.

comment ކޮމެންޓް