ވިލިނގިލީ ބައި އިލެކްޝަން ކާމިޔާބުވާނެ ކަމާމެދު ޝައްކެއް ނުކުރަން: ރައީސް

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުލުދައްކަވަމުން ރައީސް ވިދާޅުވީ، ވިލިނގިލި ދާއިރާގެ ބައި އިލެކްޝަނަށް ވަގުތު ކައިރިވަމުންދާއިރު ބޭނުންވަނީ ރައްޔިތުންގެ އިހުލާސްތެރިކަން ވޯޓުން ދައްކައިދިނުން ކަމަށެވެ.

އަދި ކޮލަމާފުށީގެ ރައްޔިތުންނަކީ ތަރައްގީ އަށާއި ޕީޕީއެމްއަށް ތާއީދުކުރާ ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވިލިނގިލީ ދާއިރާގައި ހިމެނޭ ވިލިނގިލި އަދި ކޮލަމާފުށިން ބައި އިލެކްޝަނުން ފިލާވަޅުތަކެއް ނަގައިދެއްވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކޮލަމާފުށީ ކައުންސިލުގެ ރައީސް އިބްރާހިމް އަލީމް ވަނީ ރިޔާސީ އިންތިހާބާ ހަމައަށްދާއިރު ކޮލަމާފުށިން 80 ޕަސެންޓް ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ސިޔާސީ މީހުން ލައްކަ ވާހަކަ ދައްކާނެ. އެ ފަހަރަކު ރައްޔިތުންނަށް ގަބޫލުކުރާ މިންވަރަށް ރައްޔިތުން ވާވައްދަން ވާހަކަ ދައްކާނެ. އެކަމަކު، އަޅުގަނޑުމެންނަށް ނުދެއްކޭ ވާހަކައަކީ ކުރާ ކަމެއްގައި، ހާއްސަ ގޮތެއްގައި ބައެއްގެ ހާލަތު ބަދަލުކުރާ ވަރުގެ ނިންމުމެއް ނިންމާއިރު، އެކަން ކުރަންވާނީ އިހްލާސްތެރިކަމާ އެކު،" ރައީސް ވިދާޅުވި އެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި އެ ދާއިރާގެ ބައި އިލެކްޝަން ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ވިލިނގިލީ ދާއިރާގެ ގޮނޑިއާއެކު އިތުރު ފަސް ގޮނޑިއެއް ގެއްލިއްޖެކަން އިލެކްޝަން ކޮމިޝަނުން ނިންމިއިރު ސަރުކާރު ހިންގާ ޕީޕީއެމް އިން ދަނީ އެ ދާއިރާތަކުގައި ކެމްޕޭންތައް ހިންގަމުންނެވެ.

ރައީސް ވިދާޅުވީ، ޕީޕީއެމްގެ ފިކުރާ ހިޔާލު ތަފާތުވާ މީހުން ބަލައި ހިޔާލު ތަފާތުވާ ސަބަބު ދެނެގަންނަންޖެހޭ ކަމަށެވެ. އެގޮތުން އެމީހުންނާ ގިނައިން މުއާމަލާތްކޮށް ވާހަކަ ދައްކައިގެން އެ ފިކުރު ބަދަލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް