255 ބައިވެރިންނާ އެކީ 32 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި

ގައުމީ ގުރުއާން މުބާރާތުގެ ބައިވެރިއަކު ކިޔަވަނީ.- ފޮޓޯ/ސަން ފޮޓޯ

އެކި އުމުރުފުރާތަކުން ޖުމުލަ 255 ބައިވެރިންނާ އެކު 32 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރޭ އިސްލާމީ މަރުކަޒުގައި ބާއްވާފައި ވާއިރު، އެ މުބާރާތް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

މުބާރާތް އިންތިޒާމްކުރާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މި އަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 189 ބައިވެރިން ވާދަކުރާއިރު ނުބަލައި ކިޔެވުމުގެ ގޮފިން 66 ބައިވެރިން ވާދަކުރާ ކަމަށެވެ. އަދި މުޅި ގުރުއާން އެކީ ކިޔެވުމުގެ ބައިގައި 54 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

މިފަހަރުގެ މި މުބާރާތަކީ ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ މިނިސްޓްރީން ބުނީ މުބާރާތުން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަތޮޅަށާއި ސިޓީ އަށާއި ޖަމިއްޔާއަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މުބާރާތުގެ ދެ ބައިގެ ކޮންމެ ގޮތްޕެއްގެ ވެސް އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަންހެން ބައިވެރިޔާއާއި ފިރިހެން ބައިވެރިޔާއަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހެނދުނާއި، ހަވީރު އަދި ރޭގަނޑުގެ ދަންފަޅިތަކަށް ބަހާލައިގެން މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް