ސައުތު އޭޝިއަން ކްލައިމެޓް ފޯރަމް ފަށައިފި

ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ވާހަކަފުޅު ދައްކަވަނީ

ދުނިޔޭގެ މޫސުމާ ބެހޭ ޖަމްޢިއްޔާ، ވީއެމްއޯ އާއި ރީޖަނަލް އިންޓަގްރޭޓެޑް މަލްޓިހަޒާޑް އާލީ ވޯނިންގެ ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ އަދި ކެނޑާ ސަރުކާރުން ގުޅިގެން ބާއްވާ 11 ވަނަ ސައުތު އޭޝިއަން ސީޒަނަލް ކްލައިމެޓް އައުޓްލުކް ފޯރަމް މިއަދު ފަށައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފޯރަމް އިފްތިތާހުކޮށްދެއްވީ ސްޓޭޓް މިނިސްޓަރު އޮފް އެންވަޔަރުމެންޓް އެންޑް އެނާޖީ އަބްދުﷲހި މަޖީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ފޯރަމް ބޭއްވުމުގެ މަގުސަދަކީ ކުރިއަށް އޮތް ފަސް މަހުގެ މޫސުން އޮންނާނެ ކަމަށް ލަފާކުރެވޭ ގޮތާ ބެހޭ މައުލޫމާތު ބައިވެރިންގެ މެދުގައި ހިއްސާ ކުރުން ކަމަށެވެ.

"ބައްދަލުވުމުގެ ހުރިހާ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި އެއްބަސްވެވިގެން ދެކުނު އޭޝިޔާ ސަރަޙައްދުގެ ހުރިހާ ގައުމަކަށް ކުރިއަށް އޮތް ފަސް ވަރަކަށް މަސް ދުވަހަށް މޫސުން އޮންނާނެ ކަމަށް ލަފާކުރެވޭ ގޮތުގެ ސްޓޭޓްމެންޓެއް ތައްޔާރުކުރެވޭނެ. އަދި ދިގު މުއްދަތަށް ތައްޔާރުކުރެވޭ ފޯކާސްޓްތައް ބޭނުންކޮށްގެން ކަމާ ގުޅޭ ދާއިރާތަކުގެ މަސައްކަތްތައް ދުރާލާ ރާވައި ބައްޓަންކުރާނެ ގޮތްތަކުގެ މައްޗަށް ވެސް އަލި އަޅުވާލެވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ދެކުނު އޭޝިޔާގެ ކޮންމެ ވެސް އެއް ގައުމެއްގައި އެ ފޯރަމް އަންނަނީ ބާއްވަމުންނެވެ.

މިއަދު ފެއްޓި ފޯރަމަކީ ކުރިއަށް އޮތް ފަސް މަހަށް ދެކުނު އޭޝިޔާގެ ގައުމުތަކަށް މޫސުން ލަފާކުރެވޭ ގޮތްބެލުމާ އެކު އެކަމާ ބެހޭ މަޝްވަރާތައް ކުރުމަށް އޭޝިއާ ސަރަހައްދުގެ ގައުމުތަކުންނާއި ކުރިއަރާފައިވާ ގައުތަކުގެ ފަންނީ އެހީތެރިކަމާ އެކު ބޭއްވޭ ބައްދަލުވުމެއް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ދެދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފޯރަމްގައި ތައްޔާރު ކުރާ އޮފިޝަލް ކޮންސެންސަސް ފޯކާސްޓް ސްޓޭޓްމެންޓް މި މަގުގެ 27 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް