ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ މަރުވެއްޖެ

އީމާން އަހުމަދު އަބޫ ދާބީގެ ހޮސްޕިޓަލުގައި މިދިޔަ ޖުލައި މަހު ދިން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ

އަބޫދާބީ (ސެޕްޓެމްބަރު 26): ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ކަމަށް ބެލެވޭ އީމާން އަހުމަދު އުމުރުން 37 އަހަރުގައި މަރުވެއްޖެ އެވެ.

މިސްރުގެ ރައްޔިތެއް ކަމަށްވާ އީމާން މަރުވީ އަބޫ ދާބީގެ ބުރްޖީލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހިތާއި ކިޑްނީ ފެއިލްވުމުގެ ސަބަބުންނެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި މީގެ ކުރިން 498 ކިލޯ ހުރި އީމާން މަރުވީ އޭނާގެ ބަރުދަނުގެ ސަބަބުން ދިމާވި މައްސަލަތަކާ ގުޅިގެންނެވެ.

މިދިޔަ މަހު އިންޑިއާގެ ފޮރިން މިނިސްޓްރީގެ އެހީގައި އީމާން ވަނީ އިންޑިއާގެ މުމްބާއީއަށް ގޮސް ބަރުދަން ލުއި ކުރާ އޮޕަރޭޝަނެއް ހަދައިފަ އެވެ. އަދި އެއޮޕަރޭޝަނަށް ފަހު އީމާންގެ ބަރުދަން ކުރިއަށް ވުރެ ދެބައިކުޅަ އެއްބަޔަށް ލުއިވި ކަމަށް މުމްބާއީގެ ހޮސްޕިޓަލުން ބުންޏެވެ.

އީމާންގެ އާއިލާއިން ބުނި ގޮތުގައި ޅައުމުރުން ފެށިގެން އީމާންގެ ބަރުދަން އާދަޔާ ހިލާފަށް އިތުރުވެ، ހަރަކާތް ވެސް ނުކުރެވޭ ހިސާބަށް ދިޔަ އެވެ. އަދި އޭނާ އިންޑިއާއަށް ދިޔައީ ގެއިން ބޭރަށް ނުދެވިފައި އޮންނަތާ 25 އަހަރު ފަހުންނެވެ.

comment ކޮމެންޓް